ވިޔަފާރި

ދިރާގަށް މިދިޔަ އަހަރު 905 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

Apr 19, 2019
9

ދިރާގަށް މިދިޔަ އަހަރު 905 މިލިއަން ރުފިޔާ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

މުއާސަލާތީ އެ ކުންފުނިން އާއްމުކުރި މިދިޔަ އަހަރުގެ މާލީ އަހަރުގެ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 905 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ ކުރީ އަހަރު ލިބުނު 898 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 0.8 ޕަސެންޓުގެ ފައިދާ އިތުރު ވުމެކެވެ.

އެ ކުންފުނީގެ މިދިޔަ އަހަރުގެ އާމްދަނީ ވަނީ 5.4 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. ނަމަވެސް 2017 ވަނަ އަހަރު ލިބިފައިވަނީ 2.6 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ދިރާގުގެ ހިއްސާއަކަށް 11.91ރ. ޖެހިފައިވެ އެވެ. މިއީ 2017 ވަނަ އަހަރު ޖެހުނު 11.81ރ. އާ އަޅާ ބަލާއިރު 0.8 ޕަސެންޓް އިތުރު ވުމެކެވެ.

ދިރާގުން ވަނީ މިދިޔަ އަހަރު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފަ އެވެ. އެ ކުންފުނީގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ދިރާގު ޓީވީ ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ދިނުމުގެ އިތުރުން ރާއްޖޭގެ އާބާދީގެ 100 ޕަސެންޓަށް ފޯޖީގެ ހިދުމަތް މިހާރު ވަނީ ދޫކޮށްފަ އެވެ.