ހަބަރު

އެޖެންޑާ 19 ތަންފީޒު ކުރަަން ފަސް ކޮމިޓީއެއް ހަދައިފި

އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަންކަން ފުއްދަން ރައްޔިތުންގެ މަޖިލީހުން ކުރާނެ ކަންކަން ބަޔާންކޮށް އެކުލަވާލި އެޖެންޑާ 19 ތަންފީޒު ކުރަން ފަސް ކޮމިޓީ އެއް އެކުލަވާލައިފި އެވެ.

އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފަައިވަަނީ އެޖެންޑާ 19 ތަންފީޒު ކުރަން ފަސް ކޮމިޓީއެއް އެކުލަވައިލީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން އެއް ވިސްނުމެއްގައި މަސައްކަތް ކުރުމުގެ ގޮތުން ކަމަށެވެ.

އެމްޑީޕީއިން އެކުލަވައިލި ފަސް ކޮމިޓީއަކީ އިންސާފު، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސޯދުގެ މައްޗަށް އެކުލަވާލާފައިވާ ކޮމިޓީ ތަކެވެ.

މި ކޮމިޓީތަކުގެ މައިގަނޑު މަސައްކަތަކީ، ފަސް ދާއިރާއިން ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ފުރިހަމަ ކުރުމާއި، ވައުދުތައް ފުއްދުމަށް ސަރުކާރުން ހިންގަންޖެހޭ މަޝްރޫއުތައް ދެނެގަނެ އެ މަޝްރޫއުތައް ހިންގާނެ އުސޫލުތައް ދެނެގަތުން ކަމަށް އެމްޑީޕީން ބުންޏެވެ.

މިއަަދު އެކުލަވާލި ކޮމިޓީތަކުގައި ހިމެނެނީ ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭފުޅުންނާއި ފަންނީ މާހިރުންނެވެ.