ދުނިޔެ

ޗައިނާގެ ސުޕްރީމް ކޯޓުގެ ނައިބު ރައީސަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ތަހުގީގު ފަށައިފި

Jul 13, 2015

ޗައިނާގެ ސުޕްރީމް ކޯޓުގެ ނައިބު ރައީސް ޒީ ޒިއައޮމިންގެ މައްޗަށް އެ ގައުމުގެ ސަރުކާރުން ކޮރަޕްޝަންގެ ތުހުމަތުކޮށް ތަހުގީގު ފަށައިފި އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބެލުމަަށް އުފައްދާފައިވާ ސެންޓްރަލް ކޮމިޓީ ފޯ ޑިސިޕްލިން އެކްޝަން (ސީސީޑީއައި)ން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޒިއައޮމިންގެ މައްޗަށް ކުރަނީ "ސުލޫކީ ސީރިއަސް މައްސަލަތަކެއް"ގެ ތުހުމަތެވެ. އޭގެ އެއްވެސް ތަފްސީލް ދީފައި ނުވިޔަސް، ކޮރަޕްޝަންގެ ތުހުމަތުކޮށް ފިޔަވަޅު އަޅާ މައްސަލަތަކުގައި ޗައިނާ އިން އަބަދު ވެސް ބޭނުންކުރަނީ އެ ބަސްމަގެވެ.

"ޒިއައޮމިންގެ މައްޗަށް ކުރެވޭ ސުުލޫކީ ސީރިއަސް މައްސަލަތަކާއި ގާނޫނާ ހިލާފުވުމުގެ ތުހުމަތުތައް ބެލުމަށް މިހާރު ވަނީ ތަހުގީގު ފަށާފައި،" އެ ކޮމިޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އެއް ޖުމްލައިގެ ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް، ޒިއައޮމިންއާ ދެކޮޅަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމެއް އަދި ނޭނގެ އެވެ.

އުތުރުގެ އަވަށެއް ކަމަށްވާ ޝެންޔަންގުގައި 1970ގެ އަހަރުތަކުގެ ތެރޭގައި ފުލުހުންގެ ވަޒީފާގައި އުޅުއްވި އުމުރުން 61 އަހަރުގެ ޒިއައޮމިން ވަނީ އޭގެ ފަހުން ޗައިނާގެ ޖުޑިޝަރީގެ އެތައް މުހިއްމު މަގާމުތަކެއް ފުރުއްވާފަ އެވެ. އޭނާ ޗައިނާގެ ސުޕްރީމް ކޯޓާ ގުޅިވަޑައިގަތީ 1981 ވަނަ އަހަރު އެވެ. ޒިއައޮމިންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށްފައި މިވަނީ ޗައިނާގެ މަދަނީ އަދުލުގެ ނިޒާމު އަލުން އެކުލަަވާލުމަށް އުފައްދާ ހާއްސަ ކޮމިޓީގެ އެންމެ އިސް ވެރިޔަކަށް އޭނާ ހަމަޖައްސާނެ ކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގަ އެވެ.

ޒިއައޮމިންގެ އިތުރުން ޗައިނާގެ ކުޅިވަރާ ބެހޭ ވަޒީރުގެ ނައިބު ޒިއާއޯ ޓިއަންގެ މައްޗަށް ވެސް ކޮރަޕްޝަންގެ ތުހުމަތުކޮށްފަ އެވެ.

ޗައިނާ އިން އިސް އޮފިޝަލުންތަކަކާ ދެކޮޅަށް މިފަދަ ފިޔަވަޅެއް އަޅާފައި މވަނީ، 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކޮރަޕްޝަނާ ދެކޮޅަށް ރައީސް ޝީ ޖިންޕިންގް ހާއްސަ މަސައްކަތްތަކެއް ފައްޓަވާފައި ވަނިކޮށެެވެ.

އެ ކޮރަޕްޝަނާ ދެކޮޅު ކެމްޕެއިންގައި މިހާތަނަށް ވަނީ ސަރުކާރާއި ކޮމިއުނިސްޓް ޕާޓީގައި އެއް އިރެއްގައި އެންމެ ބާރުގަދަ އެތައް އޮފިޝަލުންތަކެއް މަގާމުން ދުރުކޮށް އެކިވަރުގެ އަދަބުތައް ދީފަ އެވެ. އެ ގޮތުން، ޗައިނާގެ ސަލާމަތީ ކަންކަމާ ބެހޭ ކުރީގެ ވެރިޔާ ޒޫ ޔޮންކަންގް އުމުރަށް ޖަލަށް ލާފައި ވާއިރު، އޭނާއާ ގާތް ގުޅުމެއް ބޭއްވި ގިނަ ބަޔަކު ވެސް ވަނީ ޖަލަށް ލާފަ އެވެ. އޭގެ ތެރޭގައި، ޒޫއާ ގާތް ގުޅުމެއް ބޭއްވި ކޮމިއުނިސްޓް ޕާޓީގެ ކުރީގެ ވަރަށް އިސް މެމްބަރެއް ކަމަށްވާ ބޯ ޝިލާ ހިމެނެ އެވެ. އޭނާ މިހާރު ހުރީ އަނބިމީހާ މަރާލިކަން ސާބިތުވެގެން ޖަލަށް ލާފަ އެވެ