ދުނިޔެ

އެންމެ ނުރައްކާ ޑްރަގް ޑީލަރު އަނެއްކާ ވެސް ޖަލުން ފިލައިފި

Jul 13, 2015
1

މެކްސިކޯގެ ސެކިއުރިޓީ ކޮމިޝަނަރު މޮންޓޭ އެލިހަންދުރޯ ރުބީދިއޯ މިއަދު ވިދާޅުވި ގޮތުގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އަލްޓިޕްލާނޯ ޖަލުން ގުޒްމަން އިއްޔެ ފިލާފައިވަނީ 1.5 ކިލޯމީޓަރު ދިގު، ވަރަށް ވަރުގަދަ އަށް ތައްޔާރުކޮށްފައިވާ ބިންގަރާސް މަގެއް ތެރެއިން ލާފަ އެވެ. އެ މަގު ހަދާފަައިވަނީ ވައި ދައުރުވެ، އަލިކަން ވެސް ލިބޭ ގޮތަށް އަދި ހަރުގަނޑުތަކެއް ވެސް ލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޒްމަން އެންމެ ފަހުން ފެނިފައިވަނީ، ރުބީދިއޯ ވިދާޅުވި ގޮތުގައި، ވެރިރަށް މެކްސިކޯ ސިޓީއާ އިންވެގެން ހުންނަ ޖަލުގެ ފެންވަރާ ބައިންނެވެ. އޭނާ ގޮޅީގައި ނެތްކަން ފާހަގަކުރެވުނީ ގާޑުންނަށް ކަމަށާއި އެކަން އެނގުމުން ގާޑުން ގޮސް ބެލިއިރު އެ ގޮޅި ތެރޭގައި ހުރި 32 ފޫޓު ފުން ވަޅުގަނޑެއްގެ ތެރޭގައި ހަރުގަނޑެއް ހުރި ކަމަށް ރުބީދިއޯ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ހިސާބުން ފެށިގެން ގޮސް، ބިންގަރާސް މަގު ނިމިފައިވަނީ އެ ޖަލުގެ ބޭރުގައި ހުރި ހަދަމުންދާ އިމާރާތަކަށް ކަމަށެވެ.

އެ ސަރަހައްދުން ސައިކެއް ފެނިފައިވެ އެވެ. އެއީ ބެލެވޭ ގޮތުގައި ރުބީދިއޯ ފިލުމަށް ބޭނުންކުރި ސައިކަލެކެވެ.

ގުޒްމަން ހޯދަން ފަށައި އެ ސަރަހައްދުގެ ޓޮލޫކާ އަވަށުގެ އެއާޕޯޓުން އެއްވެސް ފްލައިޓަކަށް ނުފުރޭ ގޮތަށް ވަނީ ހަދާފަ އެވެ. އަދި އޭނާ ފިލުމުގައި ޖަލުގެ މުވައްޒަފެއްގެ ބައިވެރިވުން އޮތްތޯ ބެލުމަށް ވަކި ތަހުގީގެއް ވަނީ ފަށާފަ އެވެ. އެ ތަހުގީގުގައި އަށް ގާޑަކާ ދަނީ ސުވާލުކުރަމުންނެވެ.

ބިލިއަނެއްހާ ޑޮލަރުގެ މިލްކިއްޔާތެއް ހުރި ކަމަށް ބެލެވޭ ގުޒްމަން އަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ޑްރަގް ޑީލަރުގެ ގޮތުގައި ބަލަން ފެށި މެކްސިކޯގައި ހަރަކާތްތެރިވާ ސިނަޔޯއާ މާފިއާ ގްރޫޕުގެ ވެރިޔަކަށްވި ހިސާބުންނެވެ. އެ ގްރޫޕަކީ ފުޅާ ދާއިރާއެއްގައި އެމެރިކާ އަށް ވެސް އެކި ވައްތަރުގެ މަސްތުވާތަކެތި ވަގަށް އެތެރެކުރާ ބައެކެވެ. އެހެންވެ، އޭނާ ހޯދަން އެހީވާ ފަރާތަކަށް 50 މިލިއަން ޑޮލަރުގެ އިނާމެއް އެމެރިކާ އިން ކުރިން ހުށަހަޅާފައި އޮތެވެ.

މިއީ އުމުރު ދުވަހުގެ ޖަލު ހުކެމެއް ތަންފީޒުކުރަމުންދާ ގުޒްމަން ޖަލުން ފިލި ދެވަނަ ފަހަރެވެ. ގުއަޓަމާލާގައި އުޅެނިކޮށް 1993 ވަނަ އަހަރު އޭނާ ހައްޔަރުކޮށް ޖަލަށް ލާފައި ހުއްޓާ 2001 ވަނަ އަހަރު ފިލާފައިވަނީ ޖަލުގެ އޮފިސަރުންތަކަކަށް ރިޝްވަތު ދީގެން ދާއެއްޗެހި އަޅާ ވަށިގަނޑެއްގެ ތެރޭގައި ފިލާ އޮވެގެންނެވެ.

އޭގެ ފަހުން އޭނާ ދެވަނަ ހައްޔަރުކުރެވިފައިވަނީ މިދިޔަ އަހަރު އެވެ.