ދުނިޔެ

އިސްލާހުވުން ނޫން އެހެން ގޮތެއް މިހާރު ގްރީސްއަކަށް ނެތް

Jul 13, 2015

ގްރީސް އަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ޔޫރަޕުން ކުރިމަތިކުރަމުންދާ ހަރުކަށި ޝަރުތުތަކަށް އެންމެ ފަހުން އެއްބަސްވެ ގްރީސްގެ ސަރުކާރުން ހުށަހެޅި ހުށަހެޅުމުގައި ހުރި އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން މުހުލަތެއް ދީ، އެކަން ނުކޮށްފި ނަމަ ވަގުތީ ގޮތުން ނަމަވެސް ގްރީސް ޔޫރޯޒޯނުން ބޭރުކުރަން ޔޫރަޕްގެ ވެރިން ހުށަހަޅުއްވައިފި އެވެ.

ޔޫރަޕްގެ ބާރުތަކާއި ގްރީސްއާ ދެމެދު މަައްސަލަ ޖެހި، ގްރީސް ދަރަނިވެރިވީ ގްރީސް އަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ޔޫރަޕުން ހަރުކަށި ގިނަ ޝަރުތުތަކެއް ހުށަހެޅުމުންނެވެ. އޭގެ ތެރޭގައި ޓެކްސްގެ މިންވަރު އިތުރުކުރުމާއި ޕެންޝަން އުނިކުރުން ފަދަ އާއްމުންނާ ގުޅުންހުރި ގިނަ ކަންކަން ހިމެނެ އެވެ. އެ ކަންތައްތައް ހިމެނޭ އެހީގެ ޕްރޮގްރާމަކަށް ގްރީސްގެ ރައްޔިތުން ވެސް ވަނީ މިިދޔަ ހަފުތާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ދެކޮޅު ހަދާފަ އެވެ.

އެކަމަކު، މި ވޯޓާ ގުޅިގެން، ގްރީސްގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އަދި އެ ގައުމުގެ ބޭންކުތައް ބަންދުކުރަން ޖެހި، ގައުމު ބަނގުރޫޓުވުމުގެ ބިރު އުފެދުމުގެ އިތުރަށް، ޔޫރޯޒޯނުން ވަކިވުމުގެ ފުރުސަތު ވެސް އޮތީ ވަރަަށް ބޮޑުވެފަ އެވެ.

އެ ކަންކަމުން އަަރައިގަތުމަަށްޓަކައި ބޭނުންވާ ފައިސާ ހޯދޭނެ އިތުރު ގޮތެއް ނުފެނުމުން، ގްރީސްގެ ސަރުކާރުން ވަނީ ޔޫރަޕުން ޑިމާންޑުކުރަމުން ދިޔަ ހަރުކަށި ކަންތައްތަކާއި އިސްލާހީ ފިޔަވަޅުތައް ހިމަނައިގެން، ބުރާސްފަތި ދުވަހުގެ ނިޔަލަަށް ޔޫރަޕުން ދިން ސުންގަޑީގެ ކުރިން އާ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެ ހުށަހެޅުމުގައި ގްރީސްގެ ސަރުކާރުން ވަނީ ޖީއެސްޓީ ބޮޑުކޮށް، ޕެންޝަނުން ބައެއް ކަނޑާލަން އެއްބަސްވެފަ އެވެ. އަދި ޝިޕިން ކުންފުނިތަކުން ނަގާ ޓެކްސް ބޮޑުކޮށް، އަސްކަރީ ހަރުދަތަކުން 300 މިލިއަން ޔޫރޯ އުނިކޮށް، ވިޔަފާރިތަކަށް ދެމުން ގެންދިޔަ ބައެއް ޓެކްސްގެ ލުއިތައް ކަނޑާލައި ދައުލަތުގެ ގިނަ ކުންފުނިތަކެއް ޕްރައިވެޓައިޒްކުރަން އެއްބަސްވެފައިވެ އެވެ.

މީގެ އިތުރުން، ގްރީސްގެ ދަރަނި ފޫބެއްދުމަށް، 2018ގެ ނިޔަލަށް 53.5 ބިލިއަން ޔޫރޯގެ ތިންވަނަ އެހީގެ ޕެކޭޖެއް ހަމަޖައްސައިދިނުމަށް ވެސް އެދިފައިވެ އެެވެ.

އެ ހުށަހެޅުންތައް ދިރާސާ ކުރެއްވުމަށް ފަހު، ޔޫރޯޒޯންގެ މާލީ ވަޒީރުން ވަނީ މައިގަނޑު ފަސް ކަމެއް ހިމެނޭ، ހަތަރު ސޮފްހާގެ ކަރުދާހެއް ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރީސް އިން ހުށަހެޅި އިސްލާހީ ފިޔަވަޅުތަައް ތަންފީޒުކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން އަންނަ ބުދަ ދުވަހުގެ ކުރިން ހޯދުން، ޕެންޝަނާއި ސަރުކާރު މުވައްޒަފުންގެ ކަންކަމުގައި "އެދެވޭ" އިސްހާލީ ފިޔަަވަޅުތަކެއް އެޅުން، އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަމުންދާ މިންވަރު ބެލުމަށް އެހީ ދޭ ގައުމުތަކުގެ މަންދޫބުން ގްރީސްގައި ހަރަކާތްތެރިވުމާއި ގްރީސްގެ ދައުލަތުގެ މުދަލުގެ ގޮތުގައި ހުރި "އަގު ބޮޑު" މުދަލުގެ ތެރެއިން 50 ބިލިއަން ޔޫރޯގެ އަގުހުރި މުދާ ޕްރައިވެޓައިޒްކުރުމަށް ބޭރުގެ ފަންޑަކަަށް ބަދަލުކުރުން އަދި ގްރީސް އިން އެދުނު އެހީ ފޯރުވައިދޭން ޔޫރަޕަށް އެއްބަސްނުވެވިއްޖެ ނަމަ ގްރީސްގެ ދަރަންޏާ މެދު ގޮތެއް ހެދުމުގެ ފުރުސަތު ލިބޭ ގޮތަށް، ވަގުތީ ގޮތުން ގްރީސް ޔޫރޯޒޯނުން ވަކިކުރުމަށް އަވަސް މަޝްވަރާތައް ފެށުމެވެ.

ގްރީސްގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެއީ ގްރީސް އަށް ހަޖަމުކުރެވޭ ވަރަށް ވުރެ މާ ބޮޑެތި ކަންތައްތަކެއް ކަމަށެވެ. އަދި އެއީ އެ ގައުމުގެ ސަރުކާރުން ޔޫރަޕްގެ ޑިމާންޑުތަކަށް އެއްބަސްވުމުން ވެސް "ލަނދުގަންނަވާލަން" ހުށަހެޅި ކަންކަމުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ފްރާންސްގެ ބޮޑުވަޒީރު ފްރާންސުވާ އޮލާންޑާ ވެސް ވިދާޅުވީ ވަގުތީ ގޮތުން ގްރީސް ޔޫރޯޒޯނުން ވަކި ނުކުރެވޭނެ ކަމަށާއި އޮތީ ދެ ގޮތް ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ގްރީސް ޔޫރޯޒޯންގައި ބޭއްވުމަށް އިތުރު އެހީ ފޯރުކޮށްދިނުން ނުވަތަ ޔޫރޯޒޯނުން ދާއިމީ ގޮތެއްގައި ގްރީސް ބޭރުވުމެވެ.

އެހެން ނަމަވެސް، ގްރީސްއާ މެދު އަބަދު ވެސް ހަރުކަށި ގޮތެއް ގެންގުޅުއްވަމުން ގެންދަވާ ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވީ ގްރީސްގެ ސަބަބުން ދުނިޔޭގެ އެންމެ މުހިއްމު ފައިސާ އަށް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އެހެންވެ، ކޮންމެ ކޮންމެ ހާލަތެއްގައި އެ ގައުމާ އެކު އެއްބަސްވުމަކަށް ނާދެވޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަހަރުމެން ބަލަންޖެހޭނީ ލިބޭ ފައިދާތައް ކުރާ ނޭޭދެވޭ އަސަރުތަކަށް ގިނަތޯ. އެއީ ހަމައެކަނި ގްރީސްގެ ކުރިމަގަށް ބަލައިގެން ވާނެ ކަމެއް ނޫން. އޭގެ ބަދަލުގައި އަހަރުމެން އިސްކަންދޭންޖެހެނީ މުޅި ޔޫރަޕްގެ ކުރިމަގާއި ޔޫރަޕްގެ ގައުމުތަކުގައި އެއްބާރުލުން ގާއިމްކުރެވޭނެ އުސޫލުތަައް ދެމެހެއްޓުމަށް،" މާކެލް ވިދާޅުވި އެވެ.

އެ ބޭފުޅުން އެހެން ވިދާޅުވެފައިވަނީ ގްރީސްގެ ހުށަހެޅުން ދެ ދުވަސް ވަންދެން ދިރާސާކުރެއްވުމަށް ފަހު ޔޫރޯޒޯންގެ މާލީ ވަޒީރުން ހުށަހެޅުއްވި ކަރުދާހާ މެދު މަޝްވަރާކުރެއްވުމަށް އިއްޔެ ފެށި ޔޫރޯޒޯންގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގަ އެވެ. ވެރިންގެ މެދުގައި ވަކިވަކިން މަޝްވަރާކުރެއްވުމަށް އެ ބައްދަލުވުން މިހާރު މެދުކަނޑާލާފައި ވާއިރު، މި މައްސަލައިގައިި ގޮތެއް ނިންމުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހުރިހާ ގައުމުތަކެއްގެ ވެރިން މިއަދު ބާއްވަން ނިންމެވި ބައްދަލުވުން މިހާރު ވަނީ ފަސްކޮށްފަ އެވެ.

ގްރީސް އަށް ކުރިން ދެމުން ގެންދިޔަ އެހީގެ ޕްރޮގްރާމާ މެދު މިދިޔަ ހަފުތާގައި ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައި ވަނީ ގްރީސް ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ވަނިކޮށެވެ. އަދި އެ ކަމުގެ އަސަރު އާއްމު ރައްޔިތުންގެ ދިރިއުޅުމަށް އިންތިހާ އަށް ކުރަން ފަށާފައި ވެސް ވަނިކޮށެވެ. ގްރީސް އަށް އިތުރު ފިއްތުންތަކާ ކުރިމަތިލާން ޖެހިފައިވުމުގެ ސަބަބުން މި މައްސަލަ މިވަނީ އަނެއްކާ ވެސް އިތުރަށް ބޮޑުވެފަ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ދައްކަންޖެހޭ 1.6 ބިލިއަން ޔޫރޯގެ ލޯނު ދައްކަން ކަނޑައަޅާފައި އޮތް ސުންގަޑި ހަމަވިއިރު އެ ލޯން ނުދެއްކި، ގްރީސް ވަނީ ދަރަނިވެރިވެފަ އެވެ. އެއާ އެކު، ޔޫރަޕުން ވަނީ އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދާފަ އެވެ.

ގްރީސް ވެފައި ވަނީ އައިއެމްއެފަށް ދައްކަންޖެހޭ ދަރަންޏެއް މުއްދަތުގެ ކުރިން އަދާ ނުކުރެވި ދަރަނިވެރިވި ކުރިއަރާފައިވާ ހަމައެކަނި ގައުމަށެވެ.

ބޭރުގެ ފަރާތްތަކުން ގްރީސް އަށް ދެމުން ދިޔަ އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމީ އެ ޕްރޮގްރާމްގެ މުއްދަތު ފަސް މަސްދުވަހަށް އިތުރުކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ އާ ސަރުކާރާ އެކު ހޫނު މަޝްވަރާތަކެއް ކުރަމުންދާތާ ފަސް މަސްދުވަސް ވެފައި ވަނިކޮށެވެ. އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިންމާލައި، އެހީގެ ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމާފަ އެވެ. އެ ގޮތަށް ނިންމީ، މަޝްވަރާތައް ކުރިއަށް ދަނިކޮށް، އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރުމާ މެދު ގްރީސްގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ބޮޑުވަޒީރު ސިޕްރާސް ކުއްލި ގޮތަކަށް ހުށަހެޅުއްވުމުންނެެވެ.

އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމުމުން، ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީން) ވެސް ވަނީ ގްރީސްގެ ބޭންކުތަކަށް ދެމުންދާ އިމަޖެންސީ ފައިސާގެ މިންވަރު އިތުރު ނުކުރަން ނިންމާފަ އެވެ. އަދި އެ ނިންމުން މުރާޖައާ ނުކުރަން، ހިޔާލު ހޯދުމުގެ ވޯޓަަށް ފަހު އެ ބޭންކުގެ ވެރިން ބޭއްވެވި ބައްދަލުކުރައްވައި ވަނީ ނިންމަވާފަ އެވެ.

އިމަޖެންސީ ފައިސާގެ ގޮތުގައި ގްރީސްގެ ބޭންކުތައް ދޫކުރަން އީސީބީން ކަނޑައަޅާފައި އޮތީ ޖުމްލަ 89 ބިލިއަން ޔޫރޯ އެވެ. އެކި ފަހަރު މަތިން އެ އަދަދު ދޫކުރަމުން ދާއިރު، މިހާރު ބާކީ އޮތް މިންވަރެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، ބާކީ އޮތް މިންވަރު ހަމަވުމުން ދެން ގްރީސްގެ ބޭންކުތަކަށް އީސީބީން ފައިސާއެއް ނުދޭނެ އެވެ.

ފައިސާ ނަގަން ގޮސް ތިބި އެތައް ހާސް ބައެއްގެ ދިގު ކިއޫތަކުން ތޮއްޖެހިފައިވާ ގްރީސްގެ ބޭންކުތަކުން އާއްމުންނަށް ފައިސާ ދޫކުރަމުން ގޮސްފައިވަނީ އީސީބީން ދެމުންދާ އިމަޖެންސީ އެހީގެ ތެރެއިންނެވެ. އެކަމަކު، އެ އެހީ ދެން ނުލިބޭނެތީ ފައިސާ ނަގަން ބޭނުންވާ މީހުންނަށް ފައިސާ ދޫކުރެވޭނެ އިތުރު ގޮތެއް ނޯންނާނެ އެވެ. އެހެންވެ، ބޭންކުތައް ބަނގުރޫޓުވެ، ބައެއް ބޭންކުތައް ދާއިމީކޮށް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެެވެ.

މީގެ އިތުރުން، އިމަޖެންސީ އެހީ އިތުރު ނުކުރަން އީސީބީން ފުރަތަމަ ނިންމުމާ އެކު އެ ގައުމުގެ ބޭންކުތަކާއި ހިއްސާގެ ބާޒާރު ވަގުތީ ގޮތުން ބަންދުކޮށް، ގައުމުން ފައިސާ ބޭރުކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ. އަދި އަމިއްލަ ބޭންކް އެކައުންޓުން ދުވާލަކު މީހަކަށް ނެގޭނީ ގިނަވަގެން 60 ޔޫރޯ ކަމަށާއި ކޮންމެހެން ބޭނުންވެގެން ނޫން ގޮތަކަށް، ހުއްދަ ލިބިގެން ނޫނީ ގައުމުން ބޭރަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތަށް ވެސް ހަދާފަ އެެވެ.

ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ފަހު ބޭންކުތައް އަލުން ހުޅުވަން ނިންމާފައި އޮތަސް، އެކަން ކޮށްފައެއް ނުވެ އެވެ. އެއީ އީސީބީން އެހީ ދޭން އަލުން ފަށަން އެއްބަސް ނުވުމުންނެވެ.

އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ޔޫރަޕިއަން ކޮމިޝަނާއި އައިއެމްއެފް އަދި އީސީބީން ދެކޮޅު ހެދީ އެ ފަރާތްތަކުން ގްރީސް އަށް ކުރިމަތިކުރާ ބައެއް ޝަރުތުތަކަށް ދޫ ދޭން، ޖެނުއަރީ މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވެރިކަމަށް އައި ވާތު ފިޔައިގެ ސަރުކާރުން ބޭނުން ނުވުމުންނެވެ. އޭގެ ތެރޭގައި ބަޖެޓުން ފައިސާ އުނިކުރުމާއި ޕެންޝަން ކުޑަކޮށް، ޖީއެސްޓީ ބޮޑުކުރުމުގެ އިތުރަށް އާއްމުންނަށް ދެމުންދާ ބައެއް ކަހަލަ މާލީ އިނާޔަތްތައް ހުއްޓާލުން ހިމެނެ އެެވެ.

ގްރީސްގެ ދަރަނި ވަނީ 320 ބިލިއަން ޔޫރޯ އަށް އަރައިފަ އެެވެ. އީޔޫ މެދުވެރިވެގެން، އީސީބީ އާއި ޔޫރަޕިއަން ކޮމިޝަން އަދި އައިއެމްއެފުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގްރީސް އަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ގްރީސް އަށް ފައިސާ ލިބެމުން ދިޔަ ހަމައެކަނި ގޮތް ބަންދުވުމުގެ އިތުރަށް، އައިއެމްއެފް އަށް ދަރާފައި ވާއިރު، ގްރީސް އިން ޔޫރޯ ބޭނުން ކުރުން ހުއްޓާލަން މަޖުބޫރުވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އެހެން ވެއްޖެ ނަމަ، ގްރީސް އަށް ޖެހޭނީ އަމިއްލަ ފައިސާއެއް ޖަހާށެވެ. އެކަމަކު، އެ ހާލަތަށް ހިނގައްޖެ ނަމަ ގްރީސްގެ އިގްތިސާދު މެނޭޖްކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. އަދި އެފަދަ ހާލަތެއްގައި މުޅި ޔޫރޯޒޯނަށް ކުރާނެ އަސަރުތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.