ދުނިޔެ

ސޫދާނުގެ ކުރީގެ ރައީސްގެ ގެއިން މިލިއަނުން ނަގުދު ފައިސާ

Apr 21, 2019

ވެރިކަމުން ދުރުކޮށްފައިވާ ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލް-ބަޝީރުގެ ގެކޮޅުން މިލިއަނުން ނަގުދު ފައިސާ ފެނުނު މައްސަލައެއް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގުކުރަން ފަށައިފި އެވެ.

އަސްކަރިއްޔާއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ބަޝީރު ދިރިއުޅުއްވި ގެކޮޅުން، ސޫޓްކޭސްތަކުގައި ބަންދުކޮށްފައިވާ 351،000 އެމެރިކާ ޑޮލަރުގެ އިތުރުން ހަ މިލިއަން ޔޫރޯ އާއި ފަސް މިލިއަން ސޫދާނު ޕައުންޑް (104،837 އެމެރިކާ ޑޮލަރު) ވަނީ ފެނިފަ އެވެ.

މިމަހުގެ 11 ވަނަ ދުވަހު އަސްކަރިއްޔާއިން ނުކުމެ މަގާމުން ދުރުކުރި ބަޝީރާއި ދެކޮޅަށް މަނީ ލޯންޑަރިންގެ ތަހުގީގެއް ފަށާފައިވާކަމަށް އެގައުމުގެ ޗީފް ޕްރޮސެކިޔުޓަރު ވަނީ ކަށަވަރުކޮށްދީފަ އެވެ.

ތިރީސް އަހަރު ވަންދެން ވެރިކަން ކުރެއްވީ ކުރީގެ ރައީސް އުމަރު އަލްބަޝީރު މަގާމުން ދުރުކޮށްފައި ވަނީ ދިގު މުޒާހަރާތަކަކަށް ފަހު އެވެ.

ނަމަވެސް މަދަނީ ސަރުކާރެއް ގާއިމް ކުރަންދެން މުޒާހަރާ ކުރުން ހުއްޓާނުލާނެ ކަމަށް ބުނެ އެ ގައުމުގެ ރައްޔިތުން ވެރިކަން ކުރާ ރަށް ޙަރްތޫމްގައިވާ ޑިފެންސް މިނިސްޓްރީ ކުރިމަތީގައި އިށީނދެގެން ތިބެ ދަނީ މުޒާހަރާއެއް ކުރަމުން ނެވެ.

މުޒާހަރާ ކުރަން ތިބި މީހުންގެ ތެރެއަށް މިދިޔަ ހުކުރު ދުވަހު ބަޑިޖެހުމުން 16 މީހަކު މަރުވެ 20 މީހަކަށް އަނިޔާވެފައިވާކަމަށް ރޮއިޓާސް އާއި އަލްޖަޒީރާގެ ރިޕޯޓުތައް ބުނެ އެވެ.

މުޒާހަރާތައް ފެށިގެން އައީ ދިރިއުޅުމުގެ އަގު ރައްޔިތުންނަށް އަތް ނުފޯރާފަށަށް ދިއުމުންނެވެ. މިގޮތުން ފެށުނު މުޒާހަރާ ފުޅާވެގެން ދިޔައީ ރައީސް އަލް ބަޝީރުގެ ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލަމުން ނެވެ. ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެނެވި ކުރީގެ ރައީސް މިލިޓަރީ ހައްޔަރުގެ ދަށަށް ގެންދިޔައީ އޭޕްރީލް 11 ވަނަ ދުވަހު އެވެ.

ނަމަވެސް ރައްޔިތުން ބޭނުންވަނީ މިލިޓަރީ ސަރުކާރެއް ނޫން ކަމަށާއި މަދަނީ ސަރުކާރެއް ކަމަށް ބުނެ މުޒާހަރާތައް ހުއްޓައެއް ނުލަ އެވެ.

އަލްބަޝީރް އަށްފަހު ބާރުތައް ނެންގެވި އެ ގައުމުގެ ޑިފެންސް މިނިސްޓަރު އަދި ސެކިއުރިޓީ ޗީފް ސަލާހް ގޮޝް އިސްތިއުފާ ދެއްވުމުން ކައުންސިލްގެ އިސް ބޭފުޅަކަށް އައްޔަން ކޮށްފައިވަނީ ލެފްޓިނެންޓް ޖެނެރަލް އަބްދުލް ފައްތާހު އަބްދުލްރަޙްމާން ބުރްހާނެވެ.