ހަބަރު

އޫރިދޫ އާއި ދިރާގުން ލަންކާ ކޯލްތަކުގެ އަގު ހެޔޮކޮށްފި

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި، އޫރިދޫ އާއި ދިރާގުން ސްރީ ލަންކާއަށް ކުރާ ކޯލްތަކުގެ އަގު ހެޔޮކޮށްފި އެވެ.

އޫރިދޫއިން ބުނީ މިރޭ 12:00 އާ ހަމައަށް ރާއްޖެއިން ލަންކާއަށް ކުރާ ކޯލްތަކަށް ޗާޖު ކުރަނީ މިނިޓަކަށް އެއް ރުފިޔާ ކަމަށެވެ. އުރީދޫ އިން ބުނީ ކޯލްތަކުގެ އަގުހެޔޮ ކުރީ، މިއަދު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާ ގައި އުޅޭ ގާތްތިމާގެ މީހުންނާއި އާއިލާ އަދި ރައްޓެހިންނަށް ފަސޭހަ ކަމާއެކު ވާހަކަ ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ.

ދިރާގުން ވެސް ރާއްޖެއިން ލަންކާއަސް ކުރާ ކޯލްތަކުގެ އަގު ހެޔޮ ކޮށްފައިވަނީ ވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ. ދިރާގުން ވެސް މިނިޓަކަށް ޗާޖު ކުރާނީ އެއް ރުފިޔާ އެވެ. ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގައި 160 ވަނީ މިހަރުވެފަ އެވެ. އޭގެ ތެރެއިން ނުވަ މީހަކީ އެހެން ގައުމުތަކުގެ މީހުންނެވެ.

ބޮން ގޮއްވާފައިވާ ސަރަހައްދުތަކަކީ ދިވެހިންވެސް އާއްމުކޮށް ގޮސް އުޅޭ ތަންތަނެވެ. އެގޮތުން ބޮމުގެ ހަމަލާ ދީފައިވާ ޝަންގިރައްލާ ހޮޓަލާއި، ސިނިމަން ގްރޭންޑް އަކީ އާއްމުކޮށް ދިވެހިން ލަންކާއަށް ކުރާ ދަތުރުތަކުގައި މަޑު ކޮށްގެން ތިބޭ ދެ ހޮޓަލެވެ.

މިއަދުގެ ހަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ނުލިބޭކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފި އެވެ. ލަންކާގައި ދިވެހިންގެ 15،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. ރާއްޖޭގެ ސަރުކާރުން ވަނީ މިހަމަލާ ކުށްވެރިކޮށްފަ އެވެ. އަދި ގިނަ ސިޔާސީ މީހުންވެސް ވަނީ މިހަމަލާ ކުށްވެރިކޮށްފަ އެވެ.