ބޭރު ކުޅިވަރު

ސްޓާލިން އެންމެ ފަހުން މެން ސިޓީ އަށް

Jul 13, 2015

ލިވަޕޫލް ދޫކޮށް ދާން ގަދަދައްކަމުންދިޔަ ފޯވަޑް ރަހީމް ސްޓާލިން އެންމެ ފަހުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އަށް ވިއްކާލަން އޭނާގެ ކުލަބުން އެއްބަސްވެއްޖެ އެވެ.

އުމުރުން 20 އަހަރުގެ ކުޅުންތެރިޔާގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮއްވައި އޭނާ ވިއްކާލަން ނިންމީ ލިވަޕޫލުން ނިންމީ 49 މިލިއަން ޕައުންޑަށެވެ. މިއީ އިނގިރޭސި ކުލަބަކުން ކުޅުންތެރިއަކު ގަތުމަށް ހޭދަކުރި ތިން ވަނަ އަށް އެންމެ މަތީ އަގެވެ. މީގެ ކުރިން ލިވަޕޫލުން ވަނީ ސްޕޭނުގެ ފޯވަޑް ފެނާންޑޯ ޓޮރޭޒް 50 މިލިއަން ޕައުންޑަށް ޗެލްސީ އަށް ވިއްކާލައިފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑުގެ އެންހެން ޑިމަރިއާ ގަތީ 60 މިލިއަން ޕައުންޑަށެވެ.

ރަހީމް ސްޓާލިން ވިއްކާލަން ލިވަޕޫލުން ނިންމީ އޭނާ ގަތުމަށް ސިޓީން މީގެ ކުރިން ހުށަހެޅި ދެ ބިޑަށް ނޫނެކޭ ބުނުމަށްފަހު އެވެ. އެއީ ލިވަޕޫލުން ބޭނުންވާ 50 މިލިއަން ޕައުންޑް އެ ބިޑުން ލިބޭގޮތް ނުވުމުންނެވެ. ސިޓީން ހުށަހެޅި ތިން ވަނަ ބިޑުގައިވާ 49 މިލިއަން ޕައުންޑްގެ ތެރެއިން 45 މިލިއަން ލިވަޕޫލަށް ލިބޭނެ އެވެ. އަނެއް ހަތަރު މިލިއަން ޕައުންޑް ލިބޭނީ ސިޓީން އެދޭ ފެންވަރަށް ސްޓާލިން ޕާފޯމްކޮށްފިނަމަ އެވެ.

ޔޫރަޕުގައި މިވަގުތުހުރި އެންމެ ހުނަރުވެރި އަދި އެންމެ ޑިމާންޑްބޮޑު ޒުވާން ކުޅުންތެރިޔާ ލިވަޕޫލުން ވިއްކާލީ އެނޫން ގޮތެއް ނެތުމުންނެވެ. އޭނާ ވަނީ އެކުލަބުން ހަފުތާއަކު 100،000 ޕައުންޑް ލިބޭ ގޮތަށް ހުށަހެޅި ކޮންޓްރެކްޓުގައި ސޮއިކުރަން ދެކޮޅު ހަދައިފަ އެވެ. އަދި މިއަދު ލިވަޕޫލް އޭޝިޔާ އަށް ކުރާ ދަތުރުގައި ބައިވެރިނުވާން ވެސް އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ. ސަބަބަކީ އޭނާ ބޭނުންވާ މަގާމަށް ކުޅެން ނުލިބުމާއި ލިވަޕޫލަކީ ތައްޓަށް ވާދަކުރެވޭ ވަރުގެ ސްކޮޑެއްއޮތް ޓީމަކަށްނުވުމެވެ. ނަމަވެސް އޭނާ ކުލަބު ބަދަލު ކުރަން ގަދަހަދާފައި އުޅޭތީވެ އިނގިރޭސި ކުރީގެ ގިނަ ކުޅުންތެރިންގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.

ސްޓާލިން އަކީ އާ ސީޒަނަށް މިހާރު ވެސް ވަރުގަދަ ސްކޮޑެއް އޮތް ސިޓީން އެންމެ ބޮޑަށް ބޭނުންވި ކުޅުންތެރިޔާ އެވެ.

ނަމަވެސް އެކުލަބުގައި އޭނާ އަށް ލިވަޕޫލްގައި ލިބޭހާ ފުރުސަތު ނުލިބޭނެ ކަމަށް ގަބޫލުކުރާ މީހުން ވެސް ގިނަ އެވެ.

ސްޓާލިން އަކީ މީގެ ތިން އަހަރު ކުރިން ކިއުޕީއާރުން ލިވަޕޫލަށް ގެނައި ކުޅުންތެރިއެކެވެ.