އުމަރު ނަސީރު

ބޭނުމީ ޔާމީނާއެކު ޕީޕީއެމް "ރީބްރޭންޑު" ކުރަން: އުމަރު

Apr 21, 2019
21

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާއެކު ޕީޕީއެމް "ރީ ބްރޭންޑު" ކުރަން ބޭނުންފުޅުވާ ކަމަށާއި އެކަން ކުރަން އެ ޕާޓީގެ ރައީސަކަށްވާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރަކީ ޕީޕީއެމް އުފެެއްދި ދުވަސްވަރު އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރި ބޭފުޅެކެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާއެކު ވާދަ ކުރެއްވީ ވެސް އުމަރެވެ. އުމަރު އަލުން ޕީޕީއެމްއާ ގުޅި ވަޑައިގަތުމަށާއި ލީޑާޝިޕަށް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަން ރައީސް ޔާމީން ވެސް ވަނީ އެ ޕާޓީގެ ކައުންސިލް މެންބަރުންނާ ވެސް ހިއްސާ ކުރައްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު މިއަދު ވިދާޅުވީ އޭނާ ޝައުގުވެރިވެ ވަޑައިގަންނަވަނީ ޕީޕީއެމްގެ ލީޑަރަކަށް ނުވަތަ ރައީސްގެ މަގާމަށް ވަޑައިގަންނަވަން ކަމަށެވެ. އަދި އެ މަގާމް ލިބިވަޑައިގެންފި ނަަމަ ޕީޕީއެމް އަލުން ކޮޅަށް ޖަހައި "ރީ ބްރޭންޑު" ކުރައްވާނެ ކަމަށާއި އެކަން ކުރައްވާނީ ރައީސް ޔާމީނާއެކުގައި ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ޕީޕީއެމްގެ ނައިބު ރައީސް ކަމެއް، ސީދާ ރައީސްކަން ނުވަތަ ލީޑަރުކަން ބޭނުމީ. އޭރުން އެ ޕާޓީ ނަގާ ކޮޅަށް ޖަހާ އަންނަ އިންތިހާބު ވެސް ކާމިޔާބު ކުރާނަން،" އުމަރު ވިދާޅުވި އެވެ. "އަޅުގަނޑު ބޭނުން ވަނީ ރައީސް ޔާމީން އަޅުގަނޑާ ޕީޕީއެމްގެ ރައީސްކަން ހަވާލުކޮށް އެމަނިކުފާނު މުސްތަޝާރު ކަމަށް ވަޑައިގަތުމަށް،"

ދެހާސް ސޯޅަ ވަނަ އަހަރުގެ ތެރޭގައި ރައީސް މައުމޫނާއެކު އުމަރު ޕީޕީއެމްއާ ވަަކިވުމަށް ފަހު ގެންދެވީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އޭރު ވިދާޅުވަމުން ގެންދެވި ވާހަކަތަކާއި ރައީސް ޔާމީނާމެދު ދެކެވަޑައިގަންނަވާ ގޮތް ބަދަލުވީތޯ ސުވާލު ކުރެއްވުމުން އުމަރު ވިދާޅުވީ "ވިސްނުން ބަދަލެއް ނުވާ" ކަމަށެވެ. ނަމަވެސް އިތުރު އެއްޗެއް ވިދާޅެއް ނުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރޭ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅުންނާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެއީ އެ މަގާމަށް ގާބިލް ބޭފުޅުން ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި އަލަށް އައްޔަން ކުރެއްވީ ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން އާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.

އުމަރުގެ އިތުރުން ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް ވެސް އެ ޕާޓީގެ ލީޑާޝިޕްއަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.