ދުނިޔެ

ލަންކާގެ ހަމަލަތައް ދިނީ ހަތް މީހަކު ޖާނުންފިދާވެގެން

Apr 22, 2019
1

އިއްޔެ ހެނދުނު ސްރީލަންކާގެ ހަ ސަރަހައްދެއްގައި ބޮމުގެ ހަމަލާތައް ދީފައިވަނީ ހަތް މީހަކު ޖާނުން ފިދާ ވެގެން ކަމަށް ހާމަވެއްޖެ އެވެ.

ކްރިސްޓިއަނުން އިއްޔެ ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 290 މީހުން މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

ސަރުކާރުގެ ފޮރެންސިކް އޮފިޝަލަކާއި ހަވާލާދީ އޭޕީ ނޫހުން ބުނިގޮތުގައި، ތިން ފައްޅިއެއްގެ އިތުރުން، ތިން ހޮޓަލަކަށް އަމާޒުކޮށް ހަމާލާތައް ދީފައިވަނީ ހަތް މީހަކު ޖާނުން ފިދާ ވެގެން ކަމަށެވެ.

އެންމެ ފުރަތަމަ ބޮން ގޮއްވާލާފައި ވަނީ ލަންކާ ގަޑިން ހެނދުނު 8.45 ހާއިރު އެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އިތުރު ފަސް ބޮމެއް ވަނީ ގޮއްވާލައިފަ އެވެ. ބޮމުގެ ހަމަލާތައް ދީފައިވަނީ، ނިގޮމްބޯ، ބެޓިކަލޯ އަދި ކޮއްޗިކަޑޭގައި ހުންނަ ތިން ކްރިސްޓިއަން ފައްޅިއެއްގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ޝަންގްރިލާ، ކިންގްސްބަރީގެ އިތުރުން ސިނަމަން ގްރޭންޑް ހޮޓަލަށެވެ.

އޭގެ ފަހުން، ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލެއްގެ އިތުރުން، ދެމަޓަގޮޑާގައި ވެސް ވަނީ ބޮން ގޮއްވައިފަ އެވެ. ގައުމުގެ މައި އެއާޕޯޓް ކައިރިން ވެސް ބޮމެއް ފެނިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ އެ ބޮން ޑިފިއުޒްކޮށްފަ އެވެ.

އެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، އެ ފަދަ ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް ކުރިން ލިބިފައިވާކަމަށް، ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ ހާމަ ކުރައްވައިފަ އެވެ.