ހަބަރު

ތުއްތު ދަރިފުޅު ގޮވައިގެން ސަލާންޖެހި މީހަކު ޖޫރިމަނާކޮށްފި

Apr 22, 2019

ދެ އަހަރުގެ ތުއްތު ދަރިފުޅު ގޮވައިގެން މާލޭ މާރުކޭޓް ސަރަހައްދުގައި ސަލާން ޖެހި މަންމައަކު ކުރިމިނަލް ކޯޓުން ޖޫރިމަނާކޮށްފި އެވެ.

ދައުލަތުން އެ އަންހެން މީހާގެ މައްޗަށް އުފުލީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. އެއީ ދެ އަހަރުގެ ދަރިފުޅުގެ ކަރާމަތަށް ގެއްލުންވާ ގޮތަށް މަގުމަތީ ސަލާން ޖަހައި އޭނާގެ އަމަލުތައް އެގޮތަށް ބަހައްޓަމުންދާތީ އެކި ފަހަރު މަތިން ޖެންޑާ މިނިސްޓްރީން ނަސޭހަތްތެރިވުމުން ވެސް އެ ނަސޭހަތަށް އިޖާބަ ދީފައިނުވާތީ އެވެ.

އެ ދަރިފުޅު މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފަ އެވެ.

މި މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި އަންހެން މީހާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. ޖެންޑާ މިނިސްޓްރީން ނަސޭހަތް ދިނުމަށްފަހު ސަލާން ޖަހަން ދެވުނު ކަމަށް އޭނާ ބުނެފައިވެ އެވެ. އޭނާގެ އިތުރު ދެ ކުދިން ވެސް ތިބޭއިރު އެކަނިވެރި މައިންނަށް ލިބޭ އިނާއަތް އޭނާއަށް ލިބެ އެވެ.

އޭނާ ވަނީ އެކަމަށް މާފަށް ވެސް އެދިފަ އެވެ. އަދި ދެން ދަރިންގެ ކަރާމަތަށް އުނިކަން އަންނަ ފަދަ ނުކުރާނެ ކަމަށް ބުނެ އެވެ. އޭނާ އެދުނީ މައްސަލަ އަވަސް ނިޔާގެ ދަށުން ނިންމައި އޭނާ ބަންދު ކުރުމުގެ ބަދަލުގައި ޖޫރިމަނާއެއް ކޮށް ދިނުމަށެވެ. ބަންދުކޮށްފިނަމަ އޭނާ އަނެއް ދެ ދަރިން ބަލާނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ދައުލަތުން ބަލަމުންދާ ދަރިފުޅު އަލުން ހަވާލު ކުރެވޭތޯ ވެސް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.

އެހެންވެ ކުރިމިނަލް ކޯޓުން ނިންމީ އެ އަންހެން މީހާ، ދަރިފުޅުގެ ކަރާމަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ކަނޑައަޅައި 150 ރުފިޔާ ޖޫރިމަނާ ކުރުމަށެވެ.