ދުނިޔެ

ލަންކާގައި މިރޭވެސް ކާފިއު ހިންގަނީ

Apr 22, 2019

ކޮލޮމްބޯ (އޭޕްރީލް 22) - އިއްޔެ ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް ބުނެ މިރޭ ވެސް ކާފިއު ހިންގާނެކަމަށް ސަރުކާރުން ބުނެފި އެވެ.

ކްރިސްޓިއަނުން އިއްޔެ ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 290 މީހުން މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

އެންމެ ފުރަތަމަ ބޮން ގޮއްވާލާފައިވަނީ ލަންކާ ގަޑިން ހެނދުނު 8.45 ހާއިރު އެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އިތުރު ފަސް ބޮމެއް ވަނީ ގޮއްވާލައިފަ އެވެ. ބޮމުގެ ހަމަލާތައް ދީފައިވަނީ، ނިގޮމްބޯ، ބެޓިކަލޯ އަދި ކޮއްޗިކަޑޭގައި ހުންނަ ތިން ކްރިސްޓިއަން ފައްޅިއެއްގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ޝަންގްރިލާ، ކިންގްސްބަރީގެ އިތުރުން ސިނަމަން ގްރޭންޑް ހޮޓަލަށެވެ.

އޭގެ ފަހުން، ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލެއްގެ އިތުރުން، ދެމަޓަގޮޑާގައި ވެސް ވަނީ ބޮން ގޮއްވައިފަ އެވެ. ގައުމުގެ މައި އެއާޕޯޓް ކައިރިން ވެސް ބޮމެއް ފެނިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ އެ ބޮން ޑިފިއުޒްކޮށްފަ އެވެ.

އިއްޔެގެ ހަމަލާތަކާއި ގުޅިގެން ހިންގި ކާފިއު މިއަދު ހެނދުނު ވަނީ ނަގައިފަ އެވެ. ނަމަވެސް، މިރޭ ލަންކާ ގަޑިން 8.00 އިން ފެށިގެން އަނެއް ދުވަހުގެ ފަތިހު 4.00 އާ ހަމައަށް ކާފިއު ހިންގާނެކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

އެ ހަމަލާތަކާއި ގުޅިގެން، މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުން ދަތުރުކުރަން ބޭނުންކުރި ވެހިކަލެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެ ހަމަލާތަކުގެ ފަހަތުގައި އޮތީ، އެންމެ ގްރޫޕެއްކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވީ ނަމަވެސް، އެ ގުރޫޕާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.

ނަމަވެސް، ފުލުހުންގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަކުން ވަނީ ތުހުމަތުގެ އިނގިލި އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކަށް އަމާޒުކޮށްފަ އެވެ.

މިފަދަ ހަމަލާއެއް ދޭން ރާވަމުންދާކަމުގެ މައުލޫމާތު ކުރިން ލިބިފައިވާކަން ހާމަވުމުން، ސަލާމަތީ ބާރުތަކަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެކަމާ ގުޅިގެން ރަނިލް ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިގެން، އެކަން ބެލިފައިނެތް މައްސަލަ ތަހުގީގު ކުރައްވާނެކަމަށާއި، ނަމަވެސް މިވަގުތު އެންމެ އިސްކަމެއް ދެއްވާނީ ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަން ކަމަށެވެ.

އެކަމަށްޓަކައި، ތިން މެމްބަރުންގެ ހާއްސަ ކޮމިޓީއެއް ވެސް ރަނިލް ވަނީ އެކުލަވާލައްވައިފަ އެވެ.