ދުނިޔެ

ލަންކާގައި މިރޭ 12 އިން ފެށިގެން ކުއްލި ހާލަތު އިއުލާނު ކުރަނީ

Apr 22, 2019

އިއްޔެގެ ބޮމުގެ ހަމަލާތަކާއި ގުޅިގެން، މިރޭ ދަންވަރު 12.00 އިން ފެށިގެން ސްރީލަންކާގައި ކުއްލި ހާލަތު އިއުލާނުކުރަން ސަރުކާރުން ނިންމައިފި އެވެ.

އެގޮތުން ޓެރަރިޒަމް ހުއްޓުވަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ސަލާމަތީ ބާރުތަކަށް ރައީސް މައިތިރިޕާލަ ސިރިސޭނަ ވަނީ ދެއްވައިފަ އެވެ.

ކުއްލި ހާލަތު އިއުލާނުކުރަން ނިންމާފައިވަނީ އެ ހަމަލާތަކުގައި "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ސަރުކާރުން ބުނެފައިވަނި ކޮށެވެ.

އަދި ލަންކާގެ ރައީސް ވަނީ ހަމަލާތަކުގެ ތަހުގީގަށް ބޭރުގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

"އަހަރެމެން ގަބޫލެއް ނުކުރަން އިއްޔެ ދިން ހަމަލާތައްދީފައިވަނީ ހަމައެކަނި މި ގައުމުގައި ހަރަކާތްތެރިވާ ބައެއް ކަމަށް. އިންޓަނޭޝަނަލް ނެޓްވޯކެއްގެ އެހީތެރިކަން ނުލިބި އެ ހަމަލާތަކެއް ނުދެވުނީސް،" ކެބިނެޓް ސެކްރެޓަރީ ރަޖިތަ ސޭނަރަތުނަ ނޫސްވެރިންނަށް ވިދާޅުވި އެވެ.

ކްރިސްޓިއަނުން އިއްޔެ ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 290 މީހުން މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރައިފަ އެވެ.

ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ސަރުކާރުން މާލީ އެހީތެރިކަން ދޭން ނިންމާފައިވާކަންވެސް ސޭނަރަތުނަ ވަނީ އިއުލާނު ކުރައްވާފަ އެވެ. މިގޮތުން، ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް 100،000 ސްރީލަންކަން ރުޕީސްގެ އިތުރުން، މަރުވި ކޮންމެ މީހަކަށް އެއް މިލިއަން ރުޕީސް ދޭން ވަނީ ނިންމައިފަ އެވެ. އެ ހަމަލާތަކުގައި ޒަހަމްވި މީހުންނަށް ވެސް 100،000 އާ 300،000 ދެމެދުގެ އަދަދެއް ދޭނެ ކަމަށް ވެސް ސޭނަރަތުނަ ވަނީ އިއުލާނު ކުރެއްވި އެވެ.

އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން، ކްރިސްޓިއަނުންގެ ފައްޅިތަކަށް ހަމަލާދޭން ރާވަމުންދާ ކަމުގެ އިންޒާރު މީގެ ދެ ހަފުތާ ކުރިން ލިބިފައިވާ ކަމަށް ވެސް ސޭނަރަތުނަ މިއަދު ވަނީ ހާމަކުރެއްވި އެވެ.

"އޭޕްރީލް 4 ވަނަ ދުވަހު، ހަމަލާ ދިނުމުގެ 14 ދުވަސް ކުރިން، މިފަދަ ހަމަލާއެއް ރާވަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި،" ސޭނަރަތުނަ ވިދާޅުވި އެވެ.

އަދި އޭޕްރީލް 9 ވަނަ ދުވަހު ޗީފް އޮފް ނެޝަނަލް އިންޓެލިޖެންސް ފޮނުއްވި ސިޓީއެއްގައި، އެ ހަމަލާ ރާވަމުންދާ މީހުންގެ މައުލޫމާތުތައް ހިމަނާފައިވާ ކަމަށް ވެސް ސޭނަރަތުނަ ވިދާޅުވި އެވެ. ނަމަވެސް، އެކަމުގެ އެއްވެސް މައުލޫމާތެއް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައަށް އެނގިވަޑައިނުގަންނަވާކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.