ދުނިޔެ

ލަންކާ ހަމަލާތައް ހުއްޓުވަން ފިޔަވަޅު ނޭޅުމުން ގިނަ ސުވާލުތަކެއް

Apr 23, 2019
1

ކޮލޮމްބޯ (އޭޕްރީލް 23) - މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ތިބިކަމަށް ތުހުމަތު ކުރެވޭ ދީނީ ހަރުކަށި ވިސްނުމުގެ ޖަމާއަތުން އެ ހަމަލާތައް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބުމުން އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވުމުން، ސްރީލަންކާ ސަރުކާރަށް އެތަކެއް ސުވާލެއް ކުރިމަތި ވެއްޖެ އެވެ.

ކްރިސްޓިއަނުން ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 290 މީހުން މަރުވެފައިވާއިރު ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރައިފަ އެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އަދި އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން، ކްރިސްޓިއަނުންގެ ފައްޅިތަކަށް ހަމަލާދޭން ރާވަމުންދާ ކަމުގެ އިންޒާރު މީގެ ދެ ހަފުތާ ކުރިން ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ނަމަވެސް، ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާގެ އިތުރުން ކެބިނެޓުގެ އެއްވެސް މެމްބަރަކާ އެ މައުލޫމާތު ހިއްސާ ކޮށްފައި ނުވާ ކަމަށްވެ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު، ރައީސް މައިތިރިޕާލަ ސިރިސޭނަ، ބޮޑު ވަޒީރުކަމުން ރަނިލް ދުރު ކުރުމަށް ކުރެއްވި މަސައްކަތަށްފަހު، ސުޕްރީމު ކޯޓުގެ ޕްރެޝަރަކާއެކު އަލުން މަގާމު ދެއްވި ނަމަވެސް، ގައުމީ ސަލާމަތާބެހޭ މައުލޫމާތުތައް ރަނިލްއާ ހިއްސާ ނުކުރާ ކަމަށް ކެބިނެޓް ސެކްރެޓަރީ ރަޖިތަ ސޭނަރަތުނަ ވަނީ ވިދާޅުވެފަ އެވެ.

އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން، ކްރިސްޓިއަނުންގެ ފައްޅިތަކަށް ހަމަލާދޭން ރާވަމުންދާ ކަމުގެ އިންޒާރު މީގެ ދެ ހަފުތާ ކުރިން ލިބިފައިވާ ކަމަށް ވެސް ސޭނަރަތުނަ އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ.

"އޭޕްރީލް 4 ވަނަ ދުވަހު، ހަމަލާ ދިނުމުގެ 14 ދުވަސް ކުރިން، މިފަދަ ހަމަލާއެއް ރާވަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި،" ސޭނަރަތުނަ ވިދާޅުވި އެވެ.

އަދި އޭޕްރީލް 9 ވަނަ ދުވަހު ޗީފް އޮފް ނެޝަނަލް އިންޓެލިޖެންސް ފޮނުއްވި ސިޓީއެއްގައި، އެ ހަމަލާ ރާވަމުންދާ މީހުންގެ މައުލޫމާތުތައް ހިމަނާފައިވާ ކަމަށް ވެސް ސޭނަރަތުނަ ވިދާޅުވި އެވެ. އަދި ބޭރުގެ ޖާސޫސީ އިދާރާތަކުން ވެސް އެ ހަމަލާތައް ރާވަމުންދާކަމުގެ މައުލޫމާތު ލަންކާގެ ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފައިވާކަން ވެސް މިހާރު ވަނީ ހާމަވެފަ އެވެ.

ނަމަވެސް، އެ އިންޒާރުތައް ރައީސް ސިރިސޭނައާ ހިއްސާކުރެވުނު ކަމެއް ވެސް އަދި ކަށަވަރެއްނުވެ އެވެ. އަދި އެ މައުލޫމާތުތައް ބަދަލުކުރެވިފައިވަނީ ސަލާމަތީ ބާރުތަކުގެ އިސްވެރިންގެ މެދުގައިކަމަށް، ސިރިސޭނާގެ އިސް އެޑްވައިޒަރަކު މީޑިއާތަކަށް ވަނީ ވިދާޅުވެފަ އެވެ.

އެ ހަމަލާތަކުގެ މައުލޫމާތު ލަންކާގެ އިންޓެލިޖަންސް އޮފިސަރުންނަށް އެނގިފައިވާކަން ޓެލެކޮމިޔުނިކޭޝަންސް މިނިސްޓަރު ހަރީން ފެނަންޑޯ ވެސް ވަނީ ވިދާޅުވެފަ އެވެ.

އެ ހަމަލާތައް ހުއްޓުވަން ސަލާމަތީ ބާރުތަކުން ނުކުޅެދުނު މައްސަލަ ތަހުގީގު ކުރަން، ރަނިލް ވަނީ ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައްވައިފަ އެވެ.

އެ ހަމަލާތަކާއި ގުޅިގެން، ރޭ ދަންވަރު 12.00 އިން ފެށިގެން ސަރުކާރުން ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ.

އެގޮތުން ޓެރަރިޒަމް ހުއްޓުވަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ސަލާމަތީ ބާރުތަކަށް ރައީސް ސިރިސޭނަ ވަނީ ދެއްވައިފަ އެވެ.

އެންމެ ފުރަތަމަ ބޮން ގޮއްވާލާފައި ވަނީ ލަންކާ ގަޑިން ހެނދުނު 8.45 ހާއިރު އެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އިތުރު ފަސް ބޮމެއް ވަނީ ގޮއްވާލައިފަ އެވެ. ބޮމުގެ ހަމަލާތައް ދީފައިވަނީ، ނިގޮމްބޯ، ބެޓިކަލޯ އަދި ކޮއްޗިކަޑޭގައި ހުންނަ ތިން ކްރިސްޓިއަން ފައްޅިއެއްގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ޝަންގްރިލާ، ކިންގްސްބަރީގެ އިތުރުން ސިނަމަން ގްރޭންޑް ހޮޓަލަށެވެ.

އޭގެ ފަހުން، ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލެއްގެ އިތުރުން، ދެމަޓަގޮޑާގައި ވެސް ވަނީ ބޮން ގޮއްވައިފަ އެވެ. ގައުމުގެ މައި އެއާޕޯޓް ކައިރިން ވެސް ބޮމެއް ފެނިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ އެ ބޮން ޑިފިއުޒްކޮށްފަ އެވެ.

އެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް 24 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، އެ ހަމަލާތައްދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.