ދުނިޔެ

ލަންކާގައި މަރުވި މީހުން 310 އަށް، 40 މީހުން ހައްޔަރު

Apr 23, 2019

މިދިޔަ އާދީއްތަ ދުވަހު ފުލުފުލުގައި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 310 އަށް އަރާފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ކްރިސްޓިއަނުން ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި ޒަހަމްވި އިތުރު 500 އެއްހާ މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ.

މަރުވި މީހުންގެ ތެރޭގައި ބޭރުގެ އެކި ގައުމުތަކުގެ 31 މީހުން ހިމެނޭކަމާށާއި، އަދި އިތުރު 14 މީހުން ވީތަނެއް ނޭނގޭކަމަށް ލަންކާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެހަމަލާތަކާއި ގުޅިގެން، ލަންކާގައި މިހާރު ކުއްލި ހާލަތު އިއުލާނުކޮށްފައިވާއިރު، މިހާތަނަށް 40 މީހުން ހައްޔަރުކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި، ސީރިއާގެ ރައްޔިތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރަމުންދާކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އަދި ޓެރަރިޒަމް ހުއްޓުވަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ސަލާމަތީ ބާރުތަކަށް ރައީސް ސިރިސޭނަ ވަނީ ދެއްވައިފަ އެވެ.

އެންމެ ފުރަތަމަ ބޮން ގޮއްވާލާފައި ވަނީ ލަންކާ ގަޑިން ހެނދުނު 8.45 ހާއިރު އެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އިތުރު ފަސް ބޮމެއް ވަނީ ގޮއްވާލައިފަ އެވެ. ބޮމުގެ ހަމަލާތައް ދީފައިވަނީ، ނިގޮމްބޯ، ބެޓިކަލޯ އަދި ކޮއްޗިކަޑޭގައި ހުންނަ ތިން ކްރިސްޓިއަން ފައްޅިއެއްގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ޝަންގްރިލާ، ކިންގްސްބަރީގެ އިތުރުން ސިނަމަން ގްރޭންޑް ހޮޓަލަށެވެ.

އޭގެ ފަހުން، ދެހިވަލަ ޒޫ ކައިރީގައި ހުންނަ ހޮޓަލެއްގެ އިތުރުން، ދެމަޓަގޮޑާގައި ވެސް ވަނީ ބޮން ގޮއްވައިފަ އެވެ. ގައުމުގެ މައި އެއާޕޯޓް ކައިރިން ވެސް ބޮމެއް ފެނިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ އެ ބޮން ޑިފިއުޒްކޮށްފަ އެވެ.

ޖަނާޒާތައް ބާއްވަން ފަށައިފި!

އާދީއްތަ ދުވަހުގެ ހަމަލާތަކުގައި މަރުވި ބައެއް މީހުންގެ ޖަނާޒާތައް މިއަދު ކޮލޮމްބޯ ގައި ވަނީ ބާއްވަން ފަށައިފަ އެވެ. ސަރުކާރުން ވަނީ ގައުމީ ހިތާމަފާޅުކުރުމުގެ ދުވަހުގެ ގޮތުގައި މިއަދު ހަމަޖައްސައިފަ އެވެ. މަރުވި މީހުންގެ ހަށިގަނޑުތައް ދެނެގަތުމުގެ މަސައްކަތްވެސް އާއިލާތަކުގެ އެހީގައި ސަރުކާރުން އަދިވެސް ދަނީ ކުރަމުންނެވެ.