އޭއެފްސީ

ޕްރޯ ލައިސަންސް ހާސިލުކުރި ފުރަތަމަ ދިވެއްސަކަށް ޝާޒް

އޭޝިއާގެ ފުޓްބޯޅަ އިދާރާގެ ކޯޗިންގެ އެންމެ މަތީ ފާސް ހާސިލުކޮށް، އެފްއޭއެމް ކޯޗިން ޑިޕާޓްމެންޓްގެ ހެޑް ޝާޒްލީ މުހައްމަދު (ޝާޒް) ތާރީހުން ޖާގަ ހޯދައިފި އެވެ.

ބީޖީ ސްޕޯޓްސް ކުލަބަށް ކުރިން ކޯޗް ކޮށްދިން ޝާޒް ވެފައި ވަނީ އޭއެފްސީ ކޯޗިންއއެޑިއުކޭޝަން ޕްރޮގްރާމްގެ އެންމެ މަތީ ސަނަދު ހާސިލުކުރި ފުރަތަމަ ދިވެހި ކޯޗަށެވެ. ކޯޗިން ކޯސް އޭނާ ފުރިހަމަ ކޮށް ނިމުނުތާ ދުވަސްތަކެއް ވެއްޖެ އެވެ. ރަސްމީ ހައިސިއްޔަތު އޭނާ އަށް ލިބުނީ އިއްޔަ އެވެ. ދެކުނު އޭޝިއާ ސަރައްހަދުގައިވެސް ޕްރޯ ލައިސެންސް ހާސިލުކޮށްފައިވާ ކޯޗުންގެ އަދަދު ނިސްބަތުން މަދެވެ.

އެފްއޭއެމް ކޯޗިން ޑިޕާޓްމެންޓް ހެޑްގެ ހައިސިއްޔަތުން އޭނާ މިހާރު ބޮޑަށް ހަރަކާތްތެރި ވަނީ، ކޯޗިން ކޯސްތަކުގައި ކިޔަވައި ދެއްވުމަށާއި ކޯޗުން ތަމްރީން ކުރުމުގަ އެވެ. އޭއެފްސީ ކޯޗިން ޕްރޮގްރާމަށް ރާއްޖޭގެ ގިނަ ބަޔަކު ޝައުގުވެރި ކުރުމުގެ މަސައްކަތް އޭނާ ދަނީ ކުަރަމުންނެވެ. އޭނާ ކުރި އެންމެ ފާހަގަ ކުރެވޭ މަސައްކަތަކީ ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ، ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އިސްމާއީލް އާސިފް 'ކުޑަހީނާ' ކޯޗިން އެޑިއުކޭޝަންގެ ޕްރޮގްރާމާ ހަމައަށް ގެނައުމެވެ.

އޭގެ ކުރިން ކޯޗިންގެ އެއްވެސް ލައިސެންސެއް ނެތް ކުޑަހީނާ މަޝްހޫރު ވެފައިވަނީ ކޯޗިން އެޑިއުކޭޝަނާ ދުރު މީހެއް ގޮތުގަ އެވެ. އެހެންނަމަވެސް ކޯޗިން އެޑިއުކޭޝަން ޕްރޮގްރާމާ ހަމައަށް ކުޑަހީނާ ގެނައުމަށް ޝާޒް އަމިއްލައަށް ވަނީ ކުޑަ ހީނާ ކައިރިއަށް ގޮސް އޭނާއާ ބައްދަލުކޮށްފަ އެވެ. މިދިޔަ އަހަރު ބޭއްވި އޭއެފްސީ ސީ ލައިސެންސް ކޯޗިން ޕްރޮގްރާމް ކުޑަހީނާ ވަނީ ފުރިހަމަ ކޮށްފަ އެވެ.

ރާއްޖޭގެ ތަޖުރިބާކާރު ކޯޗް، މުހައްމަދު ޝިޔާޒު 'މޯހަން' ވެސް ވަނީ އޭއެފްސީ ޕްރޯ ލައިސެންސް ކޯޗިން ޕްރޮގްރާމްގައި ކިޔަވަން ފަށާފަ އެވެ. މިއަހަރު ޖޫން މަހުވެސް އެ ޕްރޮގްރާމުން ބައެއްގައި އޭނާ ޖަޕާނަށް ދާނެ އެވެ.