ހަބަރު

ނޮޅިވަރަންފަރުގައި 60 ހައުސިންގް ޔުނިޓް އެޅުމަށް ސޮއިކޮށްފި

ހދ. ނޮޅިވަރަންފަރުގައި 60 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއުގައި ހައުސިންގް މިނިސްޓްރީ އާއި، ސްވިފްޓް އިންޖިނިޔަރިން އަދި މާރިސް ކޮންސްޓްރަކްޝަނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ނޮޅިވަރަންފަރުގައި އަޅާ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖޮއިންޓް ވެންޗާ ކުންފުނި ސްވިފްޓް އެންޖިނިއަރިންގް އަދި މާރިސް ކޮންސްޓްރަކްޝަން އަށް އެއް އަހަރު ދުވަހުގެ މުއްދަތުގައި ނިންމުމަށެވެ. ޕްރޮޖެކްޓުގެ އަގަަކީ 27.88 މިލިއަން ރުފިޔާ އެވެ.

މި މަަޝްރޫއުގައި ހައުސިންގް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ޑެޕިއުޓީ މިނިސްޓަރު ހާލިސް ޝަރީފް އެވެ. އަދި، މަސައްކަތް ހަވާލު ކުރި ކުންފުނި، ސްވިފްޓް އެންޖިނިއަރިން އިން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރު ސައުދުﷲ ހިލްމީ އަދި މާރިސް ކޮންސްޓްރަކްޝަން އިން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައީދު އެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ، މިއަދު ސޮއި ކުރި އެއްބަސްވުމަކީ ހދ. ފަރިދޫ، ކުނބުރުދޫ އަދި މާބައިދޫގެ ތެރެއިން ނޮޅިވަރަންފަރަށް ބަދަލުކުރި 181 އާއިލާގެ ތެރެއިން ބޯހިޔާވަހިކަން ހަމަނުޖެހި ހުރި 53 އާއިލާ އަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ވެވުނު އެއްބަސް ވުމެއް ކަމަށެވެ.

މި އާއިލާތަކަކީ 2011 ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލު ކުރި އާއިލާތަކެކެވެ. އަދި މި އާއިލަތަކަށް ބޯހިޔާވަހިކަން ހަމަނުޖެހި ހަތް އަހަރުވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

" މި މަޝްރޫއަކީ ގާތްގަނޑަކަށް ހަތް އަހަރު ކުރިން ފަށައިގަނެ އެހެންނަމަވެސް ދޫކޮށްލެވިފަ އޮތް މަޝްރޫއެއް. މި ސަރުކާރާ ހަވާލުވީއިރު، މި މަޝްރޫއުގެ ދަށުން ބަދަލު ކުރެވިފަ ތިބި 53 އާއިލާ އަކީ އެއްވެސް ކަހަލަ ގޯތި ގެދޮރެއް ނުދެވި ހަތް އަހަަރަށް ވުރެ ގިނަ ދުވަސްވަންދެން ނޮޅިވަރަންފަރުގަ އާއި އެކި ސަރަހަައްދުތަކުގައި ދިރިއުޅެމުން ދިޔަ އާއިލާތަކެއް" މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓު އަލުން ފަށާ، ނޮޅިވަރަންފަރުގައި 60 ހައުސިންގް ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު ސޮއި ކުރި މި ޕްރޮޖެކްޓު ފަށާފައިވަނީ ރައީސްގެ ސަމާލުކަމަށް ގެނެސް، ބަޖެޓުގެ ހާއްސަަ އެހީ އެއްގެ ދަށުން ކަމަށްވެސް ހައުސިންގް މިނިސްޓަރު އާތިފާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މީގެ އިތުރުންވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެއްކޮށް ހަދާ ނުނިމި ހުރި 1500 ހައުސިންގް ޕްރޮޖެކްޓުތަކެއް ހުރި ކަމަށެވެ. އަދި މި މަޝްރޫއުތައް ނިންމުމަށް ދައުލަތުން 127.5 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާ ކަަމަށެވެ.