ދުނިޔެ

ލަންކާ ހަމަލާތަކުގެ ޒިންމާ އައިއެސްއިން އުފުލައިފި

Apr 23, 2019

މިދިޔަ އާދީއްތަ ދުވަހު ފުލުފުލުގައި ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް)އިން އުފުލައިފި އެވެ.

އައިއެސްގެ ނިއުސް އެޖެންސީއިން ނެރުނު ބަޔާނެއްގައި ބުނީ ކްރިސްޓިއަނުންނަށް އަމާޒުކޮށް ލަންކާގައި ދިން ހަމަލާތަކަކީ އައިއެސްގެ ހަނގުރާމަވެރިން ދިން ހަމަލާތަކެއް ކަމަށެވެ.

ކްރިސްޓިއަނުން ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 321 މީހުން މަރުވެފައިވާއިރު އިތުރު 375 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންއަންނަކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ހަމަލާތަކަކީ، މިދިޔަ މަހު ނިއުޒީލެންޑުގެ ކްރައިސްޓްޗަޗުގައި ހުރި ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާތަކުގެ ބަދަލު ހިފުމެއް ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެހަމަލާތަކާއި ގުޅިގެން މިހާތަނަށް ހިންގި ތަހުގީގުން، "ނެޝަނަލް ތައުހީދު ޖަމާއަތު" އިން އެ ހަމަލާތައް ދީފައިވަނީ ނިއުޒީލެންޑުގެ މިސްކިތް ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކަން ހާމަވެފައިވާކަމަށް ލަންކާގެ ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ދީނީ ހަރުކަށި ފިކުރުގެ "ޖޭއެމްއައި" ނަމަކަށް ކިޔާ ޖަމާއަތަކާއި ގުޅުމެއްވާކަމަށް ވިޖޭވަރުދަނަ ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

މާބޮޑު ތަފްސީލެއް ނުދެއްވި ނަަމަވެސް، "ޖަމާއަތުލް މުޖާހިދީން އިންޑިއާ" ނުވަތަ ޖޭއެމްއައި އަކީ ބަންގްލަދޭޝްގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތަކާއި ގުޅުން އޮންނަ ބައެކެވެ.