ހަބަރު

ސިފައިންގެ ފްލެޓްތަކުގައި މިއަހަރު ދިރިއުޅެވޭނެ: ރައީސް

ސިފައިންނަށް ހާއްސަކޮށް ހަދަން ފެށި، ސިފްކޯ ފްލެޓްތަކުގެ މަސައްކަތް މި އަހަރު ނިންމައި، ދިރިއުޅެވޭ ވަރު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެ ފްލެޓްތަކުގެ މަޝްރޫއަކީ މިދިޔަ ސަރުކާރުން ފެށި މަޝްރޫއުއެކެވެ. އެ މަޝްރޫއުއަށް ސިފައިންގެ އަތުން ޑައުންޕޭމަންޓް ވެސް ނެގި އެވެ. ބައެއް ސިފައިން ލޯނު ނަގައިގެން ޑައުންޕޭމަންޓް ދެއްކިއިރު މިހާތަނަށް އެ ފްލެޓްތައް ނުނިމި އޮތުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިފައިންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި ސިފައިންގެ ފްލެޓްތައް ހުޅުމާލޭގައި އެޅުމަށް ބޭނުންވާ ފައިސާ މިހާރު ހުރީ ހަމަޖެހިފަ ކަމަށެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ އެ ފްލެޓްތައް ނިމި މި އަހަރުގެ ތެރޭގައި ދިރިއުޅެން ފެށޭނެ ކަމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު މިރޭ ވިދާޅުވީ ސިފައިންގެ ޗުއްޓީ އާއި އެލެވެންސްތައް ވެސް މިހާރު ރަނގަޅު ކުރެވިފައިވާ ކަމަށެވެ. އަދި އިނާޔަތްތައް ވެސް ރަނގަޅު ވެގެން ދާނެ ކަމަށެވެ. ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް މިހާރު ކްލިނިކެއްގެ ގޮތުގައި ހިންގާ ސެނެހިޔާ ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ސެނެހިޔާ ހޮސްޕިޓަލަކަށް ހަދައި އާ ހިދުމަތްތައް ދޭން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޯސްޓްގާޑަށް ބޭނުންވާ ބަންދަރަކާއި ޑޮކްޔާޑެއް ގާއިމް ކުރުމަށް ވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ސޯލިހު މިރޭ ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިފައިން އިތުރަށް ގާބިލް ކުރުމަށްޓަކައި ތަމްރީނު ފުރުސަތުތައް އަވަށްޓެރި ގައުމުތަކުން ހޯދުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. ދިވެހި ސިފައިންނަކީ އިލްމީ ގޮތުންނާއި ފަންނީ ގޮތުން އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ސިފަވަންތަ ބަޔަކަށް ހެދުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއް ކަމަށެވެ.

މިރޭ ވަނީ ސިފައިންގެ ޑޮކްޓްރީންއެއް އިފްތިތާހުކޮށްފަ އެވެ. ރައީސް ވިދާޅުވީ އެ ޑޮކްޓްރީންގެ އެހީގައި ދިވެހި ސިފައިންގެ ހިދުމަތް ޒަމާނީ ފެންވަރަށް ތަރައްގީވެގެންދާނެ ކަމަށެވެ.

"އެ ޑޮކްޓްރީންއިން ގެނެސްދޭ ބަދަލުތަކާ އެކު، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ވެގެންދާނީ، އަސްކަރިއްޔާއެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ، ހުނަރާއި ތަމްރީން ލިބިފައިވާ އަދި ވަސީލަތުގެ ގޮތުން ވެސް، ގާބިލުކަން ލިބިފައިވާ ލަޝްކަރަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރުމުގެ އެންމެ މުހިންމު މަގުސަދަކީ، އިންސާފުގެ މަގަށް މުޅި ގައުމު އަނބުރާ ގެނައުން ކަމަށެވެ. ދިވެހި ސިފައިންނަކީ، އަސްކަރީ އަހްލާގަށާއި އަސްކަރީ ހުނަރަށް އަހުލުވެރިވެފައިވާ، އަދި ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ ބައެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ މަތިކުރެވިފައިވާ، މަދަނީ އަދި އަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ހިތްވަރާއި ނުގުޑާ ފަދަ އަޒުމެއްގައި، ސާބިތުވެ ތިއްބެވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވި އެވެ.