ހަބަރު

އެމިރޭޓްސްގެ ފަހުގެ ބޯޓު ރާއްޖެއަށް ދަތުރުތައް ފަށަނީ

Apr 24, 2019

އެމިރޭޓްސްގެ އެންމެ ފަހުގެ މަތިންދާ ބޯޓު، ބޮއިން 777-300 ER އަންނަ ޖޫން މަހުން ފެށިގެން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަން އެ އެއާލައިންސް އިން އިއުލާންކޮށްފި އެވެ.

އެމިރޭޓްސް އިން ބުނީ ފަސްޓް ކްލާސްގެ ތަޖުރިބާ މުޅިން ބަދަލުކޮށްލާ ފެންވަރުގެ ފްލައިޓް ދުބާއީ އާއި މާލެ ދެމެދު ކުރާ ދަތުރުތައް ޖޫން އެއްވަނަ ދުވަހު ފަށާއިރު ރާއްޖެ ވެގެން ދާނީ ސައުތު އޭޝިޔާ ސަރަހައްދުގައި އެ ފްލަައިޓު ގަވައިދުން އޮޕަރޭޓު ކުރާނެ ފުރަތަމަ ގައުމަށް ކަމަށެވެ.

އެގޮތުން އީކޭ658 ފްލައިޓު ދުބާއީން މާލެއަށް 4:20 އިން 9:30 އަށް ދަތުރު ކުރާނެ އެވެ. މާލެއިން ދުބާއީއަށް 11:00 އިން މެނދުރު 2:00 އަކަށް ދަތުރުތައް އޮންނާނެ އެވެ.

"ރާއްޖެ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެމިރޭޓްސްގައި ދަތުރު ކުރާ ޕްރީމިއަމް ދަތުރުވެރިންނާއި، ހަނީ މޫންއަށް ދާ ފަރާތްތަކާއި އާއިލާތަކަށް މަގުބޫލު މަންޒިލަކަށް ވެފައި. ފަސްޓްކްލާސްގެ ހިދުމަތްތަކާއެކު ބޮއިން 777 ތައާރަފް ކުރުމުން އެ މަންޒިލާމެދު އަޅުގަނޑުމެންގެ ކޮމިޓްމަންޓު ސާބިތުވެގެންދޭ. އޭގެ އިތުރުން އަޅާ ނުކިޔޭ ފަދަ ފުރިހަމަ ތަޖުރިބާއެއް އެމިރޭޓްސްގެ ކަސްޓަމަރުންނަށް ލިބުން،" އެމިރޭޓްސްގެ ސީނިއާ ވައިސް ޕްރެޒިޑެންޑް އަހުމަދު ހޫރީ ވިދާޅުވި އެވެ.

އެމިރޭޓްސް އިން ބުނީ އާ އެއާކްރާފްޓްގެ ފަސްޓް ކްލާހުން ފެށިގެން ބިޒްނަސް ކްލާސްއާއި އިކޮނޮމީ ކެބިންތަކަކީ ދަތުރުވެރިންނަށް ފަސޭހަވާ ގޮތަށް ޑިޒައިންކޮށް، މަލްޓި މިލިއަން ޑޮލަރުގެ އަޕްގްރޭޑްތައް ގެނެސްފައިވާ ކެބިންތަކެއް ކަމަށެވެ. އެގޮތުން ދަތުރުވެރިޔާއަށް ވަކިން ހާއްސަކޮށްފައިވާ ޕްރައިވެޓް ސޫޓްތަކާއި މުޅިން އާ ގޮތަކަށް އިންޓީރިއާ ބަދަލުކޮށްފައިވާ ބިޒްނަސް ކްލާސްގެ ސީޓުތައް ހުންނަ ކަމަށެވެ.

އަންނަ ޖޫން މަހު އާ ބޯޓު ރާއްޖޭގައި އޮޕަރޭޓު ކުރާއިރު އެ ބޯޓު މިހާތަނަށް އޮޕަރޭޓު ކުރަމުން އަންނަނީ ޖެނީވާއާ، ބްރުސެލްސްއާ، ޓޯކިއޯއާއި ލަންޑަންގެ ސްޓެންސްޓެޑް އެއާޕޯޓަށް އަދި ރިޔާދްއަށެވެ. އޭގެ އިތުރުން ޖޫން އެކަކުން ފަށައިގެން ކުވައިތުގައި ވެސް ފްލައިޓުގެ ދަތުރުތައް ފަށާނެ ކަމަށް ވެސް އެމިރޭޓްސް އިން ވަނީ އިއުލާންކޮށްފަ އެވެ.