ދުނިޔެ

ލަންކާގެ ސަލާމަތީ ބާރުތަކުގެ ވެރިން ބަދަލުކުރަނީ

Apr 24, 2019
1

ކޮލޮމްބޯ (އޭޕްރީލް 24) - މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 359 އަށް އަރާފައިވާއިރު، އެ ހަމަލާތައް ހުއްޓުވަން ސަލާމަތީ ބާރުތައް ނުކުޅެދުނުކަމުގެ ތުހުމަތުތަކާއެކު، ފުލުހުންނާ ސިފައިންގެ އިސްވެރިން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބަދަލުކުރައްވާނެކަމަށް ލަންކާގެ ރައީސް ވިދާޅުވެއްޖެ އެވެ.

ސިރިސޭނަ އިއްޔެ ވިދާޅުވި ގޮތުގައި، ހަމަލާތައް ރާވަމުންދާކަމުގެ މައުލޫމާތު އެނގިތިބެ އެކަން އެމަނިކުފާނާ ހިއްސާކޮށްފައިނުވާ ކަމަށާއި، އެ ހަމަލާތައް ހުއްޓުވަން ފިޔަވަޅު ނޭޅުނު މައްސަލަ ވަރަށް ސީރިއަސްކޮށް ބައްލަވާނެކަމަށެވެ.

އަދި އެ ހަމަލާތައް ދިނުމުގެ ފަހަތުގައިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަށް ބޭރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އިއްޔެ ވެސް ތަކުރާރުކުރައްވައިފަ އެވެ. އެގޮތުން، ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތެއްވާކަމަށް ރަނިލް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

އިއްޔެ އައިއިސް އިން އެ ހަމަލާތަކުގެ ޒިންމާ ނަގައިފަ އެވެ. ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެއް ނުވަތަ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއްނުވެ އެވެ.

ދައުލަތުގެ ޓީވީ މެދުވެރިކޮށް، ސިރިސޭނަ ވިދާޅުވީ ފުލުހުންނާ ސިފައިންގެ އިސްވެރިން "އެއްކޮށް" ބަދަލުކުރައްވާނެ ކަމަށެވެ.

"ބޭރު ގައުމަކުން އެ ހަމަލާތަކުގެ މައުލޫތު ދިނުމުން ވެސް އެ މައުލޫމާތު އަޅުގަނޑާވެސް ހިއްސާކޮށްފައެއް ނުވޭ. އެހެންވީމަ އެ އޮފިޝަލުންނަށް ހަރުކަށި ފިޔަވަޅު އަޅަން އަޅުގަނޑު ވަނީ ނިންމާފައި،" ސިރިސޭނަ ވިދާޅުވި އެވެ.

އެ ހަމަލާތަކަކީ، މިދިޔަ މަހު ނިއުޒީލެންޑުގެ ކްރައިސްޓްޗަޗުގައި ހުރި ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާތަކުގެ ބަދަލު ހިފުމެއް ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެހަމަލާތަކާއި ގުޅިގެން މިހާތަނަށް ހިންގި ތަހުގީގުން، "ނެޝަނަލް ތައުހީދު ޖަމާއަތު" އިން އެ ހަމަލާތައް ދީފައިވަނީ ނިއުޒީލެންޑުގެ މިސްކިތް ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކަން ހާމަވެފައިވާކަމަށް ލަންކާގެ ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ދީނީ ހަރުކަށި ފިކުރުގެ "ޖޭއެމްއައި" ނަމަކަށް ކިޔާ ޖަމާއަތަކާއި ގުޅުމެއްވާކަމަށް ވިޖޭވަރުދަނަ ވަނީ އިތުރަށް ވިދާޅުވެފަ އެވެ.