ދުނިޔެ

ލަންކާގައި މަރުވި މީހުން 359 އަށް، 45 ކުޑަކުދިން

Apr 24, 2019

ކޮލޮމްބޯ (އޭޕްރީލް 24) - މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 359 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 45 ކުޑަކުދިން ހިމެނޭކަމަށް އދ. ގެ ކުޑަކުދިންނާ ގުޅޭ ޖަމިއްޔާ ޔުނިސެފް އިން ބުނެފި އެވެ.

ކްރިސްޓިއަނުން ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރައިފަ އެވެ.

ޔުނިސެފްގެ ތަރުޖަމާނު އިއްޔެ ވިދާޅުވީ ލަންކާގެ ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 45 ކުޑަކުދިން މަރުވެފައިވާކަމަށާއި އަދި ގިނަ ކުދިންތަކެއް ސީރިއަސް ހާލަތުގައި ހޮސްޕިޓަލުތަކުގައި ތިބިއިރު، އެ އަދަދު އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

އެ ހަމަލާތައް ހުއްޓުވަން ސަލާމަތީ ބާރުތައް ނުކުޅެދުނުކަމުގެ ތުހުމަތުތަކާއެކު، ފުލުހުންނާ ސިފައިންގެ އިސްވެރިން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބަދަލު ކުރައްވާނެ ކަމަށް ލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.

ސިރިސޭނަ އިއްޔެ ވިދާޅުވި ގޮތުގައި، ހަމަލާތައް ރާވަމުންދާކަމުގެ މައުލޫމާތު އެނގިތިބެ އެކަން އެމަނިކުފާނާ ހިއްސާކޮށްފައިނުވާ ކަމަށާއި، އެ ހަމަލާތައް ހުއްޓުވަން ފިޔަވަޅު ނޭޅުނު މައްސަލަ ވަރަށް ސީރިއަސްކޮށް ބައްލަވާނެކަމަށެވެ.

އަދި އެ ހަމަލާތައް ދިނުމުގެ ފަހަތުގައިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަށް ބޭރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އިއްޔެ ވެސް ތަކުރާރުކުރައްވައިފަ އެވެ. އެގޮތުން، ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތެއްވާކަމަށް ރަނިލް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

އިއްޔެ އައިއިސް އިން އެ ހަމަލާތަކުގެ ޒިންމާ ނަގައިފަ އެވެ. ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެއް ނުވަތަ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއްނުވެ އެވެ.

ދައުލަތުގެ ޓީވީ މެދުވެރިކޮށް، ސިރިސޭނަ ވިދާޅުވީ ފުލުހުންނާ ސިފައިންގެ އިސްވެރިން "އެއްކޮށް" ބަދަލުކުރައްވާނެ ކަމަށެވެ.

"ބޭރު ގައުމަކުން އެ ހަމަލާތަކުގެ މައުލޫތު ދިނުމުން ވެސް އެ މައުލޫމާތު އަޅުގަނޑާވެސް ހިއްސާކޮށްފައެއް ނުވޭ. އެހެންވީމަ އެ އޮފިޝަލުންނަށް ހަރުކަށި ފިޔަވަޅު އަޅަން އަޅުގަނޑު ވަނީ ނިންމާފައި،" ސިރިސޭނަ ވިދާޅުވި އެވެ.

އެ ހަމަލާތަކަކީ، މިދިޔަ މަހު ނިއުޒީލެންޑުގެ ކްރައިސްޓްޗަޗުގައި ހުރި ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާތަކުގެ ބަދަލު ހިފުމެއް ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެހަމަލާތަކާއި ގުޅިގެން މިހާތަނަށް ހިންގި ތަހުގީގުން، "ނެޝަނަލް ތައުހީދު ޖަމާއަތު" އިން އެ ހަމަލާތައް ދީފައިވަނީ ނިއުޒީލެންޑުގެ މިސްކިތް ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކަން ހާމަވެފައިވާކަމަށް ލަންކާގެ ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ދީނީ ހަރުކަށި ފިކުރުގެ "ޖޭއެމްއައި" ނަމަކަށް ކިޔާ ޖަމާއަތަކާއި ގުޅުމެއްވާކަމަށް ވިޖޭވަރުދަނަ ވަނީ އިތުރަށް ވިދާޅުވެފަ އެވެ.