ދުނިޔެ

ހަމަލާތައް ލަންކާ މުސްލިމުން ކުށްވެރިކޮށްފި

Apr 24, 2019
2

މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ބައިވެރިވި އިސްލާމީ ހަރުކަށި ފިކުރުގެ މީހުންނަކީ ހަގީގީ މުސްލިމުން ނޫން ކަމަށާއި، އެމީހުންނަށް ހައްގު އަދަބު ދިނުމަށް ލަންކާ މުސްލިމު ޖަމާއަތްތަކުން ސަރުކާރަށް ގޮވާލައިފި އެވެ.

ލަންކާގައި ހަރަކާތްތެރިވާ މުސްލިމު ޖަމިއްޔާތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މައުސޫމު މީހުން މެރުމަކީ އިސްލާމް ދީނުގެ އުސޫލެއް ނޫން ކަމަށެވެ.

އަދި އެ ހަމަލާގެ ތުހުމަތު ކުރެވޭ "ނެޝަނަލް ތައުހީދު ޖަމާއަތު" އާ އެ އަމަލުގައި ބައިވެރިވި މީހުން އިސްލާމު ދީނުގެ ނަމުގައި އަމިއްލަ ބޭނުމަށް ހިންގި ޖަރީމާ ބަލައި ނުގަނެވޭނެ ކަމަށާއި، އެ މީހުންނަށާއި އެމީހުންނަށް އެހީތެރިވެދިން މީހުންނަށް ހައްގު އަދަބު ދިނުމަށް ވެސް އެ ބަޔާނުގައި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 359 އަށް އަރާފައިވާއިރު، ޖާނުންފިދާވެގެން އެ ހަމަލާތައް ދިން ނުވަ މީހުންގެ ތެރެއިން އަށް މީހަކު ދެނެގަނެވިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ މައްސާލަގައި 60 އަށް ވުރެ ގިނަ ލަންކާ ރައްޔިތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށްވެސް ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ.

ކްރިސްޓިއަނުން ފާހަގަކުރި އީސްޓާ ސަންޑޭ އާ ދިމާކޮށް ތިން ފައްޅިއެއްގެ އިތުރުން، ހަތަރު ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރައިފަ އެވެ.

އެ ހަމަލާތައް ހުއްޓުވަން ސަލާމަތީ ބާރުތައް ނުކުޅެދުނުކަމުގެ ތުހުމަތުތަކާއެކު، ފުލުހުންނާ ސިފައިންގެ އިސްވެރިން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބަދަލު ކުރައްވާނެ ކަމަށް ލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.

ސިރިސޭނަ އިއްޔެ ވިދާޅުވި ގޮތުގައި، ހަމަލާތައް ރާވަމުންދާކަމުގެ މައުލޫމާތު އެނގިތިބެ އެކަން އެމަނިކުފާނާ ހިއްސާކޮށްފައިނުވާ ކަމަށާއި، އެ ހަމަލާތައް ހުއްޓުވަން ފިޔަވަޅު ނޭޅުނު މައްސަލަ ވަރަށް ސީރިއަސްކޮށް ބައްލަވާނެކަމަށެވެ.

އަދި އެ ހަމަލާތައް ދިނުމުގެ ފަހަތުގައިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަށް ބޭރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އިއްޔެ ވެސް ތަކުރާރުކުރައްވައިފަ އެވެ. އެގޮތުން، ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތެއްވާކަމަށް ރަނިލް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

އިއްޔެ އައިއިސް އިން އެ ހަމަލާތަކުގެ ޒިންމާ ނަގައިފަ އެވެ. ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެއް ނުވަތަ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއްނުވެ އެވެ.

ދައުލަތުގެ ޓީވީ މެދުވެރިކޮށް، ސިރިސޭނަ ވިދާޅުވީ ފުލުހުންނާ ސިފައިންގެ އިސްވެރިން "އެއްކޮށް" ބަދަލުކުރައްވާނެ ކަމަށެވެ.

"ބޭރު ގައުމަކުން އެ ހަމަލާތަކުގެ މައުލޫތު ދިނުމުން ވެސް އެ މައުލޫމާތު އަޅުގަނޑާވެސް ހިއްސާކޮށްފައެއް ނުވޭ. އެހެންވީމަ އެ އޮފިޝަލުންނަށް ހަރުކަށި ފިޔަވަޅު އަޅަން އަޅުގަނޑު ވަނީ ނިންމާފައި،" ސިރިސޭނަ ވިދާޅުވި އެވެ.

އެ ހަމަލާތަކަކީ، މިދިޔަ މަހު ނިއުޒީލެންޑުގެ ކްރައިސްޓްޗަޗުގައި ހުރި ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާތަކުގެ ބަދަލު ހިފުމެއް ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެހަމަލާތަކާއި ގުޅިގެން މިހާތަނަށް ހިންގި ތަހުގީގުން، "ނެޝަނަލް ތައުހީދު ޖަމާއަތު" އިން އެ ހަމަލާތައް ދީފައިވަނީ ނިއުޒީލެންޑުގެ މިސްކިތް ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކަން ހާމަވެފައިވާކަމަށް ލަންކާގެ ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، ދީނީ ހަރުކަށި ފިކުރުގެ "ޖޭއެމްއައި" ނަމަކަށް ކިޔާ ޖަމާއަތަކާއި ގުޅުމެއްވާކަމަށް ވިޖޭވަރުދަނަ ވަނީ އިތުރަށް ވިދާޅުވެފަ އެވެ.