ނުވަ ނަންބަރަކީ ފުޓްބޯޅައިގައި ވިދުން ގަދަ ނަންބަރެކެވެ. ހާއްސަކޮށް އެއީ ގޯލުޖަހާ ކުޅުންތެރިޔާގެ ނަންބަރެވެ. ނުވައެއް ކޮންމެ ކޮންމެ މީހަކަށް ނުލިބޭނެވެސްމެ އެވެ. އެކަމަކު އެ ނަންބަރުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ކުޅުންތެރިން ވެސް މަދެއް ނޫނެވެ.
މިފަދަ ލިސްޓެއް އެކުލަވާލަން ޖެހިއްޖެނަމަ އެއް ޓީމަކުން އެންމެ ގިނަ އަދަދަކަށް ކުޅުންތެރިން ނެގޭނީ ޗެލްސީންނެވެ. އެ ޓީމުގެ ނުވަ ނަންބަރު ކުޅުންތެރިޔާ އަކީ މާކާމިޔާބު މީހެއްވެފައި ނެތެވެ.
މި ފަހަރު ޗެލްސީގެ ނުވަ ނަންބަރު ދީފައިމިވަނީ ކޮލަމްބިއާގެ ކެޕްޓަން ރަޑަމަލް ފަލްކާއޯ އަށެވެ. އެއް އަހަރުގެ ލޯނެއްގެ ދަށުން ފްރާންސްގެ މޮނާކޯއިން ޗެލްސީއާ ގުޅުނު ކުޅުންތެރިޔާ އަކީ ހުސްވި ސީޒަނުގައި ބޮޑު ފްލޮޕެކެވެ. މެންޗެސްޓާގެ ނުވަ ނަންބަރު ޖާޒީގައި އޭނާ ޖެހީ އެންމެ ހަތަރު ގޯލެވެ. މިއަށްވުރެ ގިނައިން ޗެލްސީގެ ކެޕްޓަން އަދި ޑިފެންޑަރު ޖޯން ޓެރީ ވެސް މިދިޔަ ސީޒަނުގައި ގޯލު ޖެހި އެވެ.
ޗެލްސީގެ ނުވަނަންބަރުގައި އެންމެ ފަހުން ކުޅުނީ ސްޕޭނުގެ ފެނާންޑޯ ޓޮރޭޒެވެ. އިނގިރޭސި ރެކޯޑް ފީއެއް ކަމަށްވާ 50 މިލިއަން ޕައުންޑަށް ލިވަޕޫލުން ގެނައި ކުޅުންތެރިޔާ އަށް ޗެލްސީގެ ނުވަ ނަންބަރުގައި ވަރުތަކެއް ނޭރުވުނެވެ. އެންމެ ފަހުން ހުސްވި ސީޒަނުގައި އޭނާ ދޫކޮށްލީ އެވެ.
ޓޮރޭޒްގެ ކުރިން ޗެލްސީގެ ނުވަނަންބަރުގައި ކުޅުނު އެހެން ކުޅުންތެރިންނަށް ބަލާއިރު ފްރޭންކޯ ޑިސަންޓޯ ވެސް ވީ ބޮޑު ފްލޮޕަލަށެވެ. އޭގެ ކުރިން ސްޓީވް ސިޑްވެލް އަށް ވެސް އެ ނަންބަރުގައި މޮޅުތަކެއް ނުދެއްކުނެވެ. އަދި 2006 ވަނަ އަހަރު އެ ނަންބަރުގައި ކުޅުނު ހާލިދު ބޮލަރޫޒަށް 13 މެޗުގައި ކުޅެ އެންމެ ގޯލެއް ވެސް ނުޖެހުނެވެ. އާޖެންޓީނާގެ މަޝްހޫރު އަދި ގޯލާ ރައްޓެހި ފޯވަޑް ހާނަން ކްރެސްޕޯ އަށް ޗެލްސީގެ ނަންބަރު ނުވައެގައި ފަސް އަހަރު ތެރޭގައި ޖެހުނީ އެންމެ 20 ގޯލެވެ. މިއީ އަހަރަކަށް ހަތަރު ގޯލެވެ. ކްރެސްޕޯ އަށްވުރެ ކުރިން ނުވަނަންބަރުގައި ކުޅުނީ ކެޒްމަން އެވެ. އޭނާ އަށް ވެސް ޖެހުނީ އެންމެ ހަތަރު ގޯލެވެ. ކިރިޔާ ވެސް ހިތްވަރެއް ކުރެވުނީ ނެދަލޭންޑްސްގެ ޖިމީ ފްލޮއިޑް ހަސެލް ބެންކެވެ. ހަތަރު އަހަރު ތެރޭގައި އޭނާ 70 ގޯލު ޖެހި އެވެ.
ތާރީހު މި ގޮތަށް އޮތްއިރު ހުސްވި ސީޒަނުގައި ޖެހި ހަތަރު ގޯލަށްވުރެ ކުރިއަށް ފަލްކާއޯ އަށް ދެވިދާނެ ހެއްޔެވެ؟ އެތްލެޓިކޯ މެޑްރިޑުގެ ނުވަ ނަންބަރުގައި ޖެހި ގޯލުތައް އޭނާ ޖަހާނެ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ކިތަންމެ އުއްމީދެއް ކުރި ނަމަވެސް ފަލްކާއޯ މިއައީ މީގެ ދެ ހަފުތާ ކުރިން ނިމުނު ކޮޕާ އެމެރިކާގައި ވެސް ގޯލެއް ނުޖަހަ އެވެ. އެހެންވިއްޔާ އޭނާ ވާނީ ޗެލްސީގައި އެންމެ ސީޒަނެއްގެ ފޯވަޑަކަށް ހެއްޔެވެ؟