ބޭރު ކުޅިވަރު

ކާލޮސް ޓެވޭޒަށް މަރަޑޯނާ ވެސް މަރުހަބާ ކިޔައިފި

Jul 14, 2015

އަލުން އެނބުރި އާޖެންޓީނާގެ ބޮކާ ޖޫނިއާސް ބަދަލުވުމުން މަޝްހޫރު ޑިއެގޯ މަރަޑޯނާ ވެސް ކާލޮސް ޓެވޭޒް އަށް މަރުހަބާ ކިޔައފި އެވެ.

ޔުވެންޓަސް އަށް ހުސްވި އަހަރު ދެ ތަށި ހޯދައިދީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިން ފޯވަޑް އެނބުރި ބޮކާ އަށް ބަދަލުވުމުން އޭނާ އަށް މަރުހަބާކިޔަން މަރަޑޯނާއާއެކު އެކުލަބުގެ 40000 މީހުން ސްޓޭޑިއަމަށް ޖަމާވި އެވެ. އެ އެއްމެން ތިބީ ބޮކާ މަރުހަބާގެ މެސެޖްތައް ހިފައިގެންނެވެ.

މިއީ ޓެވޭޒް ބޮކާ ޖޫނިއާސް އަށް ދިޔަ ދެ ވަނަ ފަހަރެވެ. އޭނާ ބޮކާ ޖޫނިއާސް ދޫކޮށްލީ ބްރެޒިލްގެ ކޮރިންތިއަންސް އަށް ދިއުމަށެވެ. އޭގެ ފަހުން އޭނާ ވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާގެ ދެ ކުލަބު ކަމަށްވާ ސިޓީ އާއި ޔުނައިޓެޑުގެ އިތުރުން ވެސްޓްހޭމަށް ވެސް ކުޅެފަ އެވެ.

ޓެވޭޒް ބުނީ އޭނާ އަށް ބޮކާ ޖޫނިއާސް އަކީ އަބަދުވެސް ހާއްސަކުލަބެއް ކަމަށާއި ސަޕޯޓަރުންނަށް އޭނާ ހާއްސަވާ ކަމަށެވެ. އަދި އޭނާގެ އަޒުމަކީ ޅަ ކުޅުންތެރިންނަށް ބޮކާ ޖޫނިއާސްގެ ފެންވަރަކީ ކޮބާކަން ދަނޑުމަތީގައި ދައްކައިދިނުން ކަމަށެވެ.