ބޭރު ކުޅިވަރު

މީޑިޔާއާ ބައްދަލު ކުރަން ބްލެޓާ ނިންމައިފި

Jul 14, 2015

ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ ފީފާގެ ރައީސް ކަމުން އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރެއްވި ފަހުން ފުރަތަމަ ފަހަރަށް މީޑިއާތަކާ ކުރިމަތިލައްވަން ރައީސް ސެޕް ބްލެޓާ ނިންމަވައިފި އެވެ.

މިދިޔަ މޭ މަހު އިސްތިއުފާ ދެއްވާނެ ކަމަށް ބްލެޓާ އިއުލާނު ކުރެއްވީ ފަސް ވަނަ ދައުރަކަށް އޭނާ އިންތިހާބުވިތާ އެންމެ ދެ ދުވަސް ފަހުންނެވެ. ބްލެޓާ ވިދާޅުވީ އޭނާ އަށް އެންމެ މުހިންމީ ފީފާ ކަމަށާއި އޭނާ އަށް މިހާރު އެ ޖަމާއަތާއިގެން އިތުރަށް ކުރިއަށް ދިއުމަށް ގިނަ ދަތިތަކެއް ހުރި ކަމަށެވެ. ސަބަބަކީ ފީފާގެ ގިނަ ގައުމުތަކުން ހާއްސަކޮށް ޔޫރަޕުގެ ގައުމުތަކުން އޭނާގެ ސިޔާސަތުތަކަށް ތާއީދު ނުކުރުން ކަމަށެވެ.

ބްލެޓާ މީޑިޔާތަކާ ބައްދަލުކުރައްވާނީ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭއާ އެކު މިމަހު 20ގަ އެވެ. އެ ދުވަހަކީ ފީފާގެ މިހާރުގެ އެގްޒެކްޓިވް ކޮމިޓީ ބައްދަލުވާ ދުވަހެވެ. މި ބައްދަލުވުމުގައި ފީފާގެ އޮނިގަނޑަށް ބަދަލު ގެނައުމަށާއި ފީފާ އިސްލާހު ކުރުމަށް ބްލެޓާ ގިނަ ކަންތައްތަކެއް ހުށަހަޅުއްވާނެ ކަމަށްވެ އެވެ. އަދި އެކަންތައްތައް ވަނީ އެޖެންޑާ ވެސް ކޮށްފަ އެވެ.

ބްލެޓާ އިސްތިއުފާ ދޭން މި ނިންމީ ވޯލްޑް ކަޕް ބާއްވާނެ ގައުމު ކަނޑައެޅުމުގައި އެ ޖަމާއަތުގެ ވެރިން ގިނަ ފައިސާތަކެއް ނަހަމަގޮތުގައި ނެގި ކަމަށް ތުހުމަތު ކުރެވިފައިވަނިކޮށެވެ. އަދިއެކަން ތަހުގީގުކުރަމުންދާ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ އަމުރަށް ވަނީ ފީފާގެ ބައެއް އޮފިޝަލުން ވެސް ހައްޔަރުކޮށްފަ އެވެ. މި ހާދިސާ އަށް ފަހު ބްލެޓާ ވަނީ ފީފާގެ ބައެއް އޮފިޝަލުން ވެސް ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ.

އަދި އޭނާ ހައްޔަރުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށާއ މިހެންވެ މި ވަގުތު ގައުމުން ބޭރަށް ވަޑައިނުގެންނަވާނެ ކަމަށް ވެސް އުމުރުފުޅުން މިހާރު 79 އަހަރުގެ ބްލެޓާ ވަނީ އިއުލާނު ކުރައްވައިފަ އެވެ.