ދުނިޔެ

އީރާންގެ ނިއުކްލިއާ އެއްބަސްވުން މިއަދު އިއުލާންކުރެވޭނެ: އޮފިޝަލުން

Jul 14, 2015

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި ފަހުގެ އެއްބަސްވުމަކަށް ކުރަމުންދާ މަޝްވަރާތައް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަަމަށާއި މިއަދުގެ ނިޔަލަށް ކަނޑައަޅާފައިވާ ސުންގަޑި އަށް އެއްބަސްވުމުގެ ފުރަތަމަ ދެލިކޮޕީ އެކުލަވާލައި އިއުންކުރެވޭ ވަރު ވާނެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ތިން ވަނަ ފަހަރަށް އިތުރުކޮށްފައިވާ ސުންގަޑި އިއްޔެގެ ނިޔަލަށް ހަމަވެފައި ވިޔަސް، މަޝްވަރާތައް ދަނީ ކުރިއަށެވެ. އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ އޮފިޝަލުން އޭޕީ ނޫސް އެޖެންސީ އަށް ވިދާޅުވި ގޮތުގައި މިއަދުގެ ނިޔަލަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ބެލެވެ އެވެ. އެއީ މިއަދު މަޝްވަރާތައް ނިންމާލައި އެނބުރި ގައުމުތަކަށް ދާން ހާރިޖީ ވަޒީރުންނަށް ޖެހިވަޑައިގައިގަންނަވާތީ ކަމަށް އެ އޮފިޝަލުން ވިދާޅުވި އެވެ.

އީރާންގެ ދަރިވަރުންގެ ނޫސް އެޖެންސީ، އިސްނާ އިން މިއަދު ހެނދުނު ބުނި ގޮތުގައި މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހާރިޖީ ސިޔާސަތާ ބެހޭ ހާއްސަ މުޝީރު ފްރެޑްރިކާ މޮގެރިނީ އާއި އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ އެ ގައުމުގެ ފޮރިން މިނިސްޓަރު ޖަވާދު މުހައްމަދު ޒާރިފް "ކުރިއަށް އޮތް ގަޑިއިރުތަކެއްގެ ތެރޭގައި" ގުޅިފައިވާ ބަޔާނެއް ދެއްވާނެ އެވެ.

އިއްޔެގެ މަޝްވަރާތަކަށް ފަހު ޒާރިފް ނޫސްވެރިންނަށް ވިދާޅުވެފައިވަނީ ވަރަށް ބޮޑު ކުރިއެރުމެއް އިއުލާންކުރެވޭ ވަރު ވެފައިވާ ކަމަށާއި އެކަމަކު ފައިނަލް އެއްބަސްވުމެއް އިއުލާންކުރެވޭ ވަރު ވާނީ މިއަދު ކަމަށެވެ. އެހެން ނަމަވެސް، އޭނާގެ ނައިބު އައްބާސް އަރަގުޝީ ރޭ ވިދާޅުވީ "ބައެއް ކަންކަން" އަދިވެސް އެބަހުރި ކަމަށެވެ.

މީގެ އިތުރުން، އެމެރިކާ އިން ވެސް ރޭ ބުނެފައިވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި ވިޔަސް އަދިވެސް ހައްލުކުރަންޖެހޭ "ބޮޑެތި ކަންކަން" އެބަހުރި ކަމަށާއި އީރާނުން އުދަނގޫ ނިންމުންތަކެއް ލަސްނުކޮށް ނިންމަންޖެހިފައިވާ ކަމަށެވެ. އަދި މަޝްވަރާތައް ދިގުލައިގެން ދިޔައަސް އެމެރިކާގެ ވަފުދު، މަޝްވަރާތައް ކުރިއަށްދާ އޮސްޓްރިއާގެ ވިއޭނާގައި މަޑުކުރާނެ ކަމަށް ވެސް އެމެރިކާ އިން ބުންޏެވެ.

"ހުރިހާ ކަމެއް ފުރިހަމަވެގެން ނޫނީ އެއްބަސްވުމެއްގައި ސޮއެއް ނުކުރެވޭނެ،" ވައިޓް ހައުސްގެ ތަރުޖަމާނު ޖޯޝް އާނެސްޓް ނޫސްވެރިންނަށް ވިދާޅުވި އެވެ.

އިއްޔެގެ ނިޔަލަށް އިތުރުކުރި ސުންގަޑި އަށް އެއްބަސްވުން އެކުލަވާލައި އިއުލާންކުރެވޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ގިނަ ގައުމުތަކުގެ އެކި ފެންވަރުގެ އޮފިޝަލުން އެ މޭރުމުން އާއްމުކޮށް ވާހަކަދައްކަވާފައި ވެސްވެ އެވެ. އެހެން ނަމަވެސް، 100 ސަފުހާ އަށް ވުރެ ދިގު އެ އެއްބަސްވުން އެކުލަވާލައި ފައިނަލްކުރުމަށް އިތުރު ވަގުތު ބޭނުންވާނެކަން އިއްޔެގެ މަޝްވަރާތައް ނިންމާލެއްވުމަށް ފަހު އެ ބޭފުޅުން ވެސް ހާމަކުރެއްވި އެވެ.

އީރާނާއި އެ ގައުމާ އެކު މަޝްވަރާކުރަމުންދާ އެމެރިކާ، އިނގިރޭސި ވިލާތް، ފްރާންސް، ޗައިނާ އަދި ރަޝިއާ އިން މިދިޔަ އޭޕްރީލް މަހު އެއްބަސްވެފައި އޮތީ ނިއުކްލިއާ މައްސަލަ ހައްލުކުރުމާ ބެހޭ ފަހުގެ އެއްބަސްވުން މިދިޔަ ޖޫން މަހުގެ ނިޔަލަށް އެކުލަވާލައި ނިންމުމަށެވެ.

އެކަމަކު، ވިއޭނާގައި ކުރިއަށްދާ ވާހަކަތައް ވަކި ހިސާބަކުން މެދުކަނޑާލަން ޖެހުމުން އެ ސުންގަޑި މީގެ ކުރިން ވެސް ދެ ފަހަރަކު އިތުރުކޮށްފައިވެ އެވެ. އެންމެ ފަހުން، ހޮނިހިރު ދުވަހުގެ ނިޔަލަށް ކަނޑައެޅި ސުންގަޑި ހަމަވުމާ އެކު އެ މުއްދަތު މިހާރު ވަނީ އަންނަ ހޯމަދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އެއްބަސްވުމަކަށް ނާދެވިގެން މިހާރު އުޅެނީ، މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ދެ ފަރާތުގެ އޮފިޝަލުން ވެސް ވިދާޅުވެފައިވާ ގޮތުގައި، އީރާނުން އާ ޑިމާންޑްތަކެއް ކުރަން ފެށުމުންނެވެ. އެއީ އެ ގައުމުން ކުރިއަށް ގެންދާ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އީރާނަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ޑިމާންޑެެވެ.

އެކަމަކު، އީރާންގެ މި ޑިމާންޑަށް ހުޅަނގުގެ އޮފިޝަލުން ދަނީ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި އެ ގައުމާ އެކު މަޝްވަރާކުރާ ބާރުތަކުން ބޭނުން ވަނީ ނިއުކްލިއާ މަސައްކަތް ވަރަށް ބޮޑަށް ކުޑަކޮށް، މަދުވެގެން 10 އަހަރުދުވަސް ވަންދެން އީރާނުން އެއްވެސް ނިއުކްލިއާ ދިރާސާއެއް ނުކުރުމަށެވެ. އޭގެ ބަދަލުގައި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެއްބަސް ވިޔަސް، އެކަން ކުރެވޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ހުޅަނގުން ދަނީ ޝަރުތުކުރަމުންނެވެ. އަދި އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުންނަށް ގޮސް، ސައެންސްވެރިންނާ ސުވާލުކުރުމުގެ ފުރުސަތު ދިނުމަކީ ޑިމާންޑެކެވެ.

އިރާނާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވައިނުލަނީސް ނިއުކްލިއާ ޕްރޮގްރާމް ހުއްޓައި ނުލާނެ ކަމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވަނީ ވިދާޅުވެފަ އެވެ. އަދި ހުޅަނގުން އެދެމުން ދިޔައަސް، މަދުވެގެން 10 އަހަރު ދުވަސް ވަންދެން ނިއުކްލިއާ ދިރާސާތައް ހުއްޓައި ވެސް ނުލެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެެވެ.

މީގެ އިތުރުން، އީރާނުގެ އަސްކަރީ އެއްވެސް ތަނަކަށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުން ވަނުމުގެ ހުއްދަ ނުދޭނެ ކަމަށާއި އެއްވެސް ސައެންސްވެރިއަކާ ސުވާލު ކުރުމުގެ ފުރުސަތު ވެސް ނުދެވޭނެ ކަމަށް އީރާނުގެ ކަންކަމުގައި ފަހު ބަސް ވިދާޅުވާ ހާމަނާއީ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.