މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ފަށާފައިވާ ސާޗް އޮޕަރޭޝަންގައި ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންގެ ތެރެއިން ހަ ދިވެއްސަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަން މުހައްމަދު މިއުވާން "އަވަސް" އަށް މިރޭ ވިދާޅުވީ ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ހަ ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސްރީ ލަންކާގައި މިވަގުތު އޮތީ އާންމު ހާލަތު ނޫން ކަމަށާއި އެހެންކަމުން އެ ގައުމުގައި ހިނގާ އޮޕަރޭޝަންތަކަށް އެއްބާރުލުން ދޭން އެ ގައުމުގައި ތިބި ދިވެހިންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ލަންކާ ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރީ އޭނާ އުޅޭ ގެ ބަލާ ފާސް ކުރިއިރު އައިއެސް ޖަމާއަތާ ގުޅުން ހުރި ފޮތެއް އެ ގެއިން ފެނިގެނެވެ. އެއީ ލައިބްރަރީއަކުން ގެންގޮސްފައި އޮތް ފޮތެކެވެ.
ދެން ތިބި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ނިގަމްބޯ ސަރަހައްދުންނެވެ. އެ ހަތަރު މީހުންނަކީ ވެސް ފްލައިޓް އިންޖިނިއަރިން ކިޔަވާ މީހުންނެވެ. އެ މީހުން އުޅުނު ގެ ފާސް ކުރި އިރު އެ ގެއިން ޝިކާރަ ކުރަން ބޭނުން ކުރާ ޒާތުގެ ބަޑިއެއް ފެނުނު ކަމަށް ވެއެވެ.
ހައްޔަރު ކުރި މީހުން އަދިވެސް ދޫނުކުރާ ކަމަށާއި އެ މީހުންގެ ތެރެއިން އެކެއްގެ ބަންދު މުއްދަތު ޖަހަން މާދަމާ 10:00 ޖަހާއިރު ކޯޓަށް ހާޒިރު ކުރާނެ އެވެ. އަނެއް ހަތަރު މީހުން ކޯޓަށް ގެންދަނީ ހޯމަ ދުވަހު އެވެ.
މި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ތިބީ ނިގަންބޯގެ މައި ޕޮލިސް ސްޓޭޝަންގަ އެވެ. ސްރީލަންކާގައި ދިވެހިންގެ 15،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ.