ލަންކާގެ ނުރައްކާތެރި އާދީއްތަ - ދިވެހިން ބިރުވެރި ދުވަސްތައް ފެށުން!

އަވަށްޓެރި ސްރީލަންކާގައި ދިިރިއުޅޭ ދިވެހި އަންހެނަކު މިއަދު ބުންޏެވެ: "ކުދިންނާއެކު އަހަރެން ލަންކާއަށް ބަދަލުވީ ހަމަޖެހިލައިގެން ދިރިއުޅެން. އެކަމަކު މިދިއަ އާދީއްތައާ ހަމައިން ހާލަތު ބަދަލުވެއްޖެ މިހާރު އަހަރެން ބޭނުން ވަނީ ވީހާވެސް އަވަހަކަށް ސަލާމާތުން ކުދިންނާއެކު އެނބުރި ރާއްޖެ ދާން. ލަންކާގައި ބިރުވެރިކަން ދިވެހިން ވަށާލައިފި،"

އަހުލީ ހަނގުރާމައަކުން އަރައިގަނެ ސުލްހަ އާއި ހަމަޖެހުމުގެ ތެރަށް ނޭވާ ލައިލައި އޮތް ސްރީލަންކާގައި މިދިޔަ އާދީއްތަ ދުވަހު ޓެރަރިސްޓް ހަމަލާތަކެއް ދިން ހިސާބުން ފެށިގެން ނާމާން، ބިރުވެރި ކަމެއްގެ ތެރެއަށް ގޮސް އެ ގައުމު ވަނީ ނޭވާއެއް ނުލެވޭ ވަރަށް ކޮށިއަރާފަ އެވެ. ބޮމުގެ ހަމަލާތަކާއެކު ލަންކާގެ ހާލަތު އޮތް ގޮތުން މުޅި ދުނިޔެ ވެސް ވަނީ ސިއްސައިގެން ގޮސްފައެވެ.

ލަންކާއަކީ ދިވެހިންގެ އަވަށްޓެރިޔާ އެވެ. ދިވެހިންގެ ދެވަނަ ގެއެވެ. ލަންކާގައި ދިވެހިންގެ ބޮޑު އާބާދީއެއް އޮތް އިރު ލަންކާއަށް އައި "ބިރުވެރިި އާދީއްތަ" އިން ފަތުރާލި ނާމާން ކަމުގެ ތެރެއަށް ލަންކާގައި ތިބި 15،000 އަށްވުރެ ގިނަ ދިވެހިން ވެސް ވަނީ ގެނބިފަ އެވެ. ދިވެހި - ލަންކާ އާބާދީގެ ވަށައިގެން ވަނީ ބިރާއި ނުތަނަވަސް ކަމެވެ. އެ އެންމެން ބޭނުންވަނީ ބިރުވެރި އާދީއްތައިން ނެއްޓޭށެވެ.

ދަރިންނަށް ކިޔަވައިދޭން އަވަށްޓެރި ލަންކާއަށް ބަދަލުވެ، އެ ގައުމުގައި 15 އަހަރުވެފައިވާ އަންހެނަކު މިއަދު އަވަސް އޮންލައިނަށް ފޯނުކުރި އެވެ؛ އޭނާ ބޭނުންވީ ދިވެހިންގެ ދެވަނަ ވަޒަނުގައި މިވަގުތު ތިބި ދިވެހިންނަށް އޮތް ބިރުވެރި ހާލަތު ނޫހަށް ބުނެދޭށެވެ. އޭނާ ބުނި ގޮތުގައި މިިދިއަ އާދީއްތަ ދުވަހަށް ފަހު ލަންކާ އޮތް ބިރުވެރި މާހައުލު އޭނާއަށް ރަނގަޅަށް ސިފަވެގެން ދިޔައީ ގެއަށް ބޭނުންވާ ސާމާނަށް ޖެހުމުން އިއްޔެ ގެއަށް ބާޒާރު ކުރަން ނުކުތް ހިސާބުންނެވެ.

އޭނާ ބުނި ގޮތުގައި ބުރުގާ އަޅައިގެން ހުރުމުން އާންމުކޮށް ދިވެހިން ގޮސް އުޅޭ "ކީލްސް" ސުޕަމާކެޓަކަށް އޭނާ ނުވެއްދި އެވެ. އަދި ވަރަށް މުހިންމު އެހެން ބޭނުމެއްގައި ދިއުމުން "އާޕިކޯ" ގެ ދޮރު ވެސް އޭނާއަށް ބަންދުކޮށް ފައްސާލީ އެވެ. "ފުޑް ސިޓީ" އަށް ވަދެވުނު ނަމަވެސް މުއާމަލާތް ދިޔައީ ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ.

"ދިވެހިންނަށް މިވަގުތު އޮތީ ވަރަށް ބިރު މާހައުލެއް، ދިވެހިން އަމިއްލައަށް ޑިސިޕްލިން ނުވެއްޖެ ނަމަ މިތާނގައި ތިބި އެތައް ހާސް ދިވެހިންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ،" އޭނާ ބުންޏެވެ

ލަންކާގައި ދިރިއުޅޭ އެހެން އަންހެނަކު ބުނި ގޮތުގައި ބޮމުގެ ހަމަލާތަކާ ގުޅިގެން ކުއްލި ހާލަތު އިއުލާނު ކޮށްފައިވާއިރު، ހުރިހާ ކުދި ފިހާރަތައް މިހާރު ވަނީ ބަންދުކޮށް ދޮރުލައްޕާފަ އެވެ. އެހެންވެ ދިރިއުޅުން އޮތީ ގެއަށް ކާބޯތަކެތި ވެސް ނުވެއްދޭ ހާލަތުގަ އެވެ. އޭނާ ކުއްޔަށް ހިފައިގެން އުޅޭ ގެ ދޫކޮށްލައި ކިޔަވަމުން އަންނަ އަންހެން ދަރިފުޅު ގޮވައިގެން އެނބުރި ރާއްޖެ އައުމަށް ވަނީ ނިންމާފަ އެވެ. ހަމަލާއަށް ހަފުތާއެއް ފަހުން މާދަމާއަކީ އޭނާގެ ހަތް އަހަރުވީ "ލަންކާ ދިރިއުޅުން" ނިންމާލައި މާލެއަށް ފުރާ ދުވަހެވެ.

"މާލެއަށް މި ބަދަލުވަނީ ގޮސް ހުސް ވެގެން، ހާލަތު ބަދަލުވެފައިވާ ގޮތުން މިނޫން ގޮތެއް ނެތުމުން މާލެއަށް ބަދަލުވާން ނިންމީ،" އޭނާ ބުންޏެވެ.

ލަންކާގައި ދިރިއުޅެމުން އަންނަ 15،000 އަށްވުރެ ދިވެހިންނަށް ތަހައްމަލު ކުރަންޖެހިފައިވާ ބިރުވެރި ހާލަތުގެ ވާހަކަ މީހުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހުއްޓާ ނުލައި އެބަ ލިޔެ އެވެ. ލަންކާގެ ހާލަތު އޮތް ގޮތް ރާއްޖޭގެ މީޑިއާއިން އެބަ ސިފަކޮށްދެ އެވެ. ބައިނަލްއަގުވާމީ މީޑިއާއި މުޅި ލަންކާ އެބަ ދައްކައި ދެއެވެ. އެ ހުރިހާ މަންޒަރެއްގެ ތެރެއިން ދިވެހި ރައްޔިތުންނަށް އެންމެ ބޮޑަށް ފެންނާނީ މި ވަގުތު "ގޮތް ހުސްވެފައި" ވާ ދިވެހި - ލަންކާ އާބާދީ އެވެ

ދިވެހި - ލަންކާ އާބާދީއަށް މިހާރު ކުރިމަތިވެފައި މިވަނީ ލަންކާގައި 25 އަހަރަށް ދިގު ދެމިގެންދިޔަ ނުރައްކާތެރި ދާހިލީ އަދި އަހުލީ ހަނގުރާމައިގެ ތެރޭގައި ވެސް ދިވެހިންނަށް ކުރިމަތިނުވާ ފަދަ މާޔޫސް ކަމެކެވެ.

"ލަންކާގައި ދިވެހިންނާ އެންމެ ރައްޓެހި ބަޔަކީ ކުރޮޅި ޑްރައިވަރުުން. ކަންކަން ބަދަލުވެފައިވާ ގޮތުން މިހާރު ބުރުގާ އަޅައިގެން ތިބޭ މީހުން ކުރޮޅިއަކަށް ވެސް ނާރުވާ. އެރުވިޔަސް އަތުގައި އޮންނަ ކޮތަޅެއް ނޭރުވޭ، ބޭސް ފަރުވާއަށް ގޮސްތިބި އެތަކެއް ދިވެހިންނަކަށް ހޮސްޕިޓަލާއި ހަމައަށް ވެސް ދެވެނޭ ގޮތެއް ވެސް ނެތް،" ލަންކާގައި ދިރިއުޅެމުންދާ ދިވެއްސަކު ބުންޏެވެ.

ކުޑަ ތިން ގޮވައިގެން ލަންކާގައި ބަދަލުވެ، އަށް އަހަރުގެ ދިރިއުޅުމެއް ދެހިވެލާގައި އާބާދުކޮށްފައިވާ އަންހެނަކަށް މިއަދު އަވަސް އޮންލައިނުން ގުޅުމުން އޭނާ ވެސް ސިފަކޮށް ދިނީ ހަމަ އެ ބިރުވެރި ކަމެވެ. ބިރުވެރި ކަމުގެ ތެރޭގައި އޭނައަށް ވަނީ މުޅީން އެހެން ބިރުވެރި ކަމެއް ވެސް ތަޖުރިބާކުރަން ޖެހިފަ އެވެ. އެ ތަޖުރިބާ ނުކޮށް ވާކަށް ވެސް އޭނާއަކަށް ނެތެވެ.

"އަޅުގަނޑު ބުރުގާ އަޅައިގެން ނުހުންނާތީ، ވަރަށް ގިނަ ރައްޓެހިންނާއި ނުވެސް ދަންނަ މީހުން އެބަ ގުޅާ އަޅުގަނޑަށް އެ މީހުނަށް ބާޒާރުކޮށްލައިދޭން ދާން. ފައިސާ މާރުކޮށް ދިނުމާއި، ޓިކެޓް ނަގަންދާން ވެސް އަޅުގަނޑު މިދަނީ ވީވަރަކުން އެހީތެރިވަމުން..." އޭނާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި، ލަންކާގެ ބޮޑެތި ސުޕަމާކެޓުތަކަށް ބުރުގާ އަޅައިގެން ހުރި އެއްވެސް މީހަކު މިހާރު ނުވައްދަ އެވެ. ކޮންމެ ދުވަހަކު ހިންގަމުންދާ ކާފިއުގެ ގަޑި ނޫނަސް، ސަލާމަތީ ބާރުތަކުން މަގުމަތިން ހުއްޓުވާ ސުވާލު ކުރެ އެވެ. ބުރުގާ ނަގަން އަންގަ އެވެ. އަތްދަބަހުގެ އިތުރުން އަތުގައި އޮންނަ ފޯނު ބަލައި ފާސް ކުރުން މިހާރު އެއީ އާންމު ކަމެކެވެ.

ލަންކާގައި ދިން ހަމަލާތަކުގެ ފަހަތުގައި އޮތީ އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށް ބުނެފައިވާއިރު، ދިވެހިން ވެސް ހިމެނޭ ގޮތަށް އެ ގައުމުގައި ދިރިއުޅޭ މުސްލިމުންނަށް ތަފާތު އުނދަގޫތައް ކުރިމަތި ކުރުވަމުންދާކަމުގެ ކަންބޮޑުވުންތައް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.

ރާއްޖެއާ ދީނީ ހަރުކަށި ވިސްނުމުގެ ޖަމާއަތްތަކާއި ގުޅުވައި ދެކެވޭ އަދި މިހާތަނަށް ދައްކާފައިވާ ތަފާތު ވާހަކަތަކާއި ކުރެވޭ ތުހުމަތުތަކާއެކު، މިވަގުތު ލަންކާގައި ދިރިއުޅޭ ދިވެހިންނާމެދު ވެސް މީހުން ދެކެނީ ވަރަށް ބޮޑަށް ޝައްކުގެ ނަޒަރަކުންނެވެ. މީގެ ކުރީގައި ދިވެހިންނަށް ކުރި އިހުތިރާމާއި ދިން ގަދަރު މިހާރު ވަނީ ފާޑެއްގެ ނަފުރަތަކަށް ބަދަލުވެފަ އެވެ.

"ދިވެހިންނާ މެދު ދެކޭ ގޮތް ބަދަލުވެފައިވާތާ ކިތަންމެ ދުވަހެއް. އެކަމަކު ނަފުރަތެއް ނުކުރޭ... މި ހާދިސާއަށްފަހު އިތުރަށް ދެކޭ ގޮތް ވަނީ ބަދަލުވެފައި ހަރުކަށިކަން އިތުރުވެއްޖެ ބަލާ ގޮތް ވެސް ބަދަލުވެއްޖެ،" އޭނާ ބުންޏެވެ.

ދިވެހިންތަކެއް ހައްޔަރުކުރުމުން އިތުރު ބިރުވެރިކަން

ލަންކާގެ ހަމަލާތަކުގައި ބައިވެރިވި އިތުރު މީހުނާއި ލިންކްތައް ހޯދަން ލަންކާގެ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ ވަރުގަދަ އޮޕަރޭޝަންގައި އިއްޔެއަކީ ރާއްޖެއަށް ވަރަށް އަސަރު ކުރިވި ދުވަހަކަށްވި އެވެ. އަދި އިއްޔެ އަކީ ލަންކާ - ދިވެހި އާބާދީ ބިރުން ފިތުނު ދުވަހަކަށް ވެސް ވިއެވެ. އެއީ ހަތިޔާރު އެޅި މާސް އޮޕަރޭޝަންގެ ތެރެއިން ހަ ދިވެއްސަކު ހައްޔަރު ކުރުމުންނެވެ. އެ ހަ މީހުންގެ ހައްޔަރު ކުރި ހަބަރު ވެގެން ގޮސްފައި ވަނީ އާދީއްތަ ދުވަހުގެ ހަމަލާތަކަށްފަހު ދިވެހިންގެ މެދުގައި އުފެދިފައިއޮތް ބިރުވެރިކަން އެތައް ގުނައަކަށް އިތުރުވެގެން ދިޔަ ސަބަބަކަށެވެ.

"އެންމެ ވެސް ތިބީ ބިރުން... ގިނަ މީހުން ބަލާކަށް ބޭނުމެއް ވެސް ނުވޭ އެމީހުން ހައްޔަރުކުރި ސަބަބެއް... ކަންކަން މިދާ ގޮތުން ގިނަ މީހުން ހަމަ ބޭނުންވަނީ އެނބުރި ގައުމަށް ދާން،" ދިވެހި އެހެން އަންހެނަކު ބުންޏެވެ.

ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ލަންކާ ސަރުކާރުން ކުރި ހަނގުރާމައިގެ ތެރެއިން އޭރު ހިންގި އޮޕަރޭޝަނުތަކުގައި ދިވެހިން އުޅޭ ގޭގެ ބަލާ ފާސް ކޮށްފައި ވަނީ ވަރަށް މަދުންނެވެ. ނަމަވެސް، ބަޔަކު މީހުން އިސްލާމް ދީނުގެ ނަމުގައި ހިންގި ޖަރީމާއަކަށް ފަހު، ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަންތަކުގައި ދިވެހިން ވެސް އިސްތިސްނާއެއް ނުކުރެއެވެ. އެހެން ކަމުން މީގެ 10 އަހަރު ކުރީގެ ހާލަތާއި އަޅާބަލާއިރު، ދިވެހިން އެންމެ ގިނައިން އުޅޭ ކޮލޮމްބޯ ސަރަހައްދުގައި ވެސް މިހާރު ރައްކާތެރި ކަމެއް ނެތެވެ.

ލަންކާގައި "ބިރުކުޑަ" ދިވެހިންތަކެއް

ގިނަ ދިވެހިން ގެއިން ބޭރަށް ނުނިކުމެ ތިއްބަސް، ލަންކާގައި އުޅޭ ބައެއް ދިވެހިން ކާފިއު ހިންގާ ގަޑިތަކަށް އިހުތިރާމް ނުކޮށް މަގުތަކަށް ނުކުމެގެން އުޅޭ ހަބަރުތައް އެބަ އޮތެވެ. އެކަން އެހެން ހިނގަ އެވެ. މަގުމަތިން ހުއްޓުވުމުން ސަލަމާތީ ބާރުތަކާއި ދިވެހިން ޖަދަލުކޮށް ޒުވާބު ކުރާ ހާލަތްތައް ގިނަ ކަމަށް ވެ އެވެ. ކުއްލި ހާލަތު އިއުލާނުކޮށްފައިވާ ބޭރު ގައުމެއްގައި އޮތް ނުރައްކާތެރި ހާލަތު ގަބޫލުކޮށް، ލަންކާގެ ސަލަމާތީ ބާރުތަކަށް އެއްބާރުލުން ދިނުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް، ބައެއް ދިވެހިން އެކަމަށް ދެނީ ބީރު ކަންފަތެކެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ވަރަށް ގިނަ ދިވެހިންނަށް ލަންކާގައި ކެއުން ހަމައެކަނި ޕާނާއި ބަނަހުން ފުއްދާލަން މަޖުބޫރުވެފައިވެ އެވެ. އޭގެ ތެރެއިން އެކަކު ބޭނުން ވަނީ ރާއްޖެއަށް ބަދަލުވާށެވެ. އެކަމަކު އެނބުރި ރާއްޖެ އަންނަން ވެސް އޭނާ ހުރީ ބިރުގެންފަ އެވެ. އޭނާ ބުނާ ގޮތުގައި "މިހާރު މިހުރީ ގޮތް ހުސްވެފަ" އެވެ.

މޫނު ބުރުގާ އަޅައިގެން އުޅޭ އެ އަންހެން މީހާ ބުނި ގޮތުގައި ޓިކެޓެއް ނަގަންދާން އޭނާ ޖެހިލުންވެ އެވެ. އިއްޔެ ޓިކެޓް އޮފީހަށްދާން ގުޅި ޓެކްސީ ވެސް އޭނާ ނާރުވާނެ ކަމަށް ބުނެ ހުތުރު ބަހުން މުއާމަލާތެއް ކުރުމުން މާޔޫސްވީ އެވެ.

"އަޅުގަނޑު ލަންކާއަށް އައީ މީގެ އަހަރެއްހާ ދުވަސް ކުރިން. މިހާރު އަޅުގަނޑު ބޭނުންވަނީ އެނބުރި ދާން. އެކަމަކު އެއާޕޯޓަށްދާން މަގު މައްޗަށް ނުކުންނަން ވެސް ބިރު ގަނޭ. ބަތް ކޮޅެއް ނުކާތާ ވެސް މިވީ ހަފުތާއެއް. ހަމައެކަނި ޕާނާއި ބަނަސް ކައިގެން މިއުޅެނީ. ސޯޝަލް މީޑިއާ ބްލޮކް ކޮށްފައިވާތީ ރާއްޖޭގައި ތިބި އާއިލާ މީހުންނާ ގުޅަން ވެސް އުނދަގޫ. ވަރަށް ބިރުން މިހުރީ،" އެ އަންހެންމީހާގެ މާޔޫސްކަމާއި ބިރުވެރިކަން ސިފަ ކޮށްދިނެވެ.

ސުލްހަވެރިކަމާއެކު ދިރުއުޅެމުންދިޔަ ގައުމެއްގައި އުޅޭ އެތަކެއް ހާސް ދިވެހިންގެ މިއަދުގެ ހާލަތަކީ މިއީ އެވެ. ގޭ ކައިރިން ބަރުގޮނު އެޅިޔަސް ގިނަ މީހުން ތިބެނީ ބިރުން ރޫރޫ ލައިލަ އެވެ. ލަންކާގައި އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރުތައް ތަކުރާރުކޮށް ދެމުންދާއިރު، ލަންކާގެ ސަލާމަތީ ބާރުތަކުގެ ކިބައިން ވެސް ދިވެހި - ލަންކާ އާބާދީއަށް އެއްވެސް ރައްކާތެރި ކަމެއް ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ކުޑަވެފަ އެވެ.

އިހުތިރިމާއި ގަދަރުވެރިކަމާއެކު ވާހަކަ ދެއްކި ކުރޮޅި ޑްރައިވަރާއި، އަވަށްޓެރި އާއިލާތަކާއި، ފިހާރަ ސޭޓުންގެ ފަރާތުން ވެސް މިހާރު ބަލަނީ ޝައްކާ ވަހުމްގެ ނަޒަރުންނެވެ. ދަރިން ސްކޫލްތަކަށް ނުފޮނުވި، ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ނުދެވި ގޭތެރޭގައި ތާށިވެފައިތިބި ގިނަ ދިވެހިން މިހާރު ބޭނުންވަނީ އެމީހުންގެ ހިތުގައި އަބަދުވެސް ހާއްސަ ލޯތްބެއް އޮތް ދެވަނަ ވަޒަން ދޫކޮށް، އެނބުރި ރާއްޖެ ބަދަލުވާށެވެ.

"އަހަރެން ބޭނުމީ އެނބުރި ރާއްޖެ ދާން"