ދުނިޔެ

އިޒްރޭލުން ދޫކޮށްލި ފަލަސްތީނުގެ ގައިދީ އަނެއްކާ ވެސް ހައްޔަރުކޮށްފި

Jul 14, 2015

އިޒްރޭލުގެ ޖަލެއްގައި ގިނަ ދުވަސްތަކެއް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާޅެއް ކުރަމުން އަންނަނިކޮށް އިއްޔެ މިނިވަންކުރި ފަލަސްތީން މީހާ އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

ހާދިރު އަދުނާން، 37، މިނިވަންކުރީ އިޒްރޭލުން ނުހައްގުން ބަންދުކުރުމުން އެކަމާ ދެކޮޅަށް 56 ދުވަސް ވަންދެން ކުރި ބަނޑުހަައިހޫނުކަމުގެ ހަޅުތާލު ނިންމާލަން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެއްބަސްވުމުންނެވެ. އޭރު އޭނާގެ ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

އެހެން ނަމަވެސް، އަދުނާން ދޫކޮށްލިތާ މާ ގިނަ އިރުތަކެއް ނުވެ އިޒްރޭލުގެ ފުލުހުން ވަނީ އޭނާ އަނެއްކާ ވެސް ހައްޔަރުކޮށްފަ އެވެ. އިޒްރޭލުގެ އިންޓާނަލް ސެކިއުރިޓީ މިނިސްޓްރީން ބުނީ އަދުނާން ހުރީ ވަގުތީ ގޮތުން ފުލުހުންގެ ބަންދުގައި ކަމަށާއި އެއީ ހުއްދަ ނެތި ބައިތުލް މަގުދިސް އަށް ވަންނަން މަސައްކަތްކުރުމުން ކަމަށެވެ. އެކަމަކު، އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް އަނެއްކާ ވެސް ޖަލަށް ލާން ނިންމާނީ އޭނާއާ ސުވާލުކޮށް ނިމުމުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އިސްލާމިކް ޖިހާދު ޖަމާއަތުގެ މެމްބަރެއް ކަމަށްވާ އަދުނާން އިޒްރޭލުން މީގެ ކުރިން ވެސް އެތައް ފަހަރަކު ހައްޔަރުކޮށްފައިވެ އެވެ. އޭނާ އަކީ އިޒްރޭލުގެ "ސަލާމަތަށް ހުރި ނުރައްކަލެއް" ކަމަށް ބުނެ، އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެ ފަހަރު ހައްޔަރުކުރުމަށް ފަހު އަދުނާން ޖަލުގައި ބަހައްޓާފައި ހުރީ "އިދާރީ ބަންދު"ގަ އެވެ.

"އިދާރީ ބަންދު"ގައި ތިބޭ މީހުންގެ މުއްދަތު ކޮންމެ ހަ މަހަަކުން، ބޭނުން ވަރަކަށް އިތުރުކުރުމުގެ ބާރު އިޒްރޭލަށް ލިބެ އެވެ. ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު އިޒްރޭލުން އެ ގޮތަށް ބަންދުކޮށްފައި އެބަތިއްބެވެ. އިންސާނީ ހައްގުތަަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ދަނީ އިޒްރޭލުން ގެންގުޅޭ އެ އުސޫލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރާ ނަމަ ގަދަކަމުން ކާން ދިނުމުގެ ބިލެއް އިޒްރޭލުގެ ކެބިނެޓުން މިދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ. ފަލަސްތީނުގެ ގިނަ ގައިދީންތަކެއް ބައިވެރިވެގެން ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގެ ސަބަބުން 80 ގައިދީއަކު ހޮސްޕިޓަލުގައި އެޑްމިޓުކުރަން ޖެހުމުން ފާސްކުރި މި ގާނޫނަށް ވަނީ އިޒްރޭލާއި ފަލަސްތީނުގެ އެކި ފަރާތްތަކުގެ އިތުރުން ބޭރުގެ ޖަމާއަތްތަކުގެ ފާޑުކިއުންތައް ވެސް އަމާޒުވެފަ އެވެ.