ދުނިޔެ

ލަންކާ: ދެބުރަށް ގުނިފައިވާކަމަށް ބުނެ މަރުވި މީހުންގެ އަދަދު ދަށަށް

Apr 27, 2019

ކޮލޮމްބޯ (އޭޕްރީލް 27) - މިދިއަ އާދީއްތަ ދުވަހު ސްރިލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ ހަށިގަނޑުތައް ގުނުމުގައި އޮޅުން އަރާފައިވާކަމަށް، މަރުވި މީހުންގެ އަދަދު ދަށްކޮށްފި އެވެ.

ބުރާފަސްތި ދުވަހާއި ހަމައަށް 359 މީހުން މަރުވެފައިވާކަމަށް ކުރިން ބުނި ނަމަވެސް، ރަނގަޅު އަދަދަކީ 253 ކަމަށް ހެލްތު މިނިސްޓްރީން މިހާރު ވަނީ ބުނެފަ އެވެ.

"މަރުވި ގިނަ މީހުންގެ ގުނަވަންތައް ހުރީ ބުރިބުރިވެފައި. އެހެންވީމަ އެބަހުރި ދެ ފަހަރަށް ވެސް ގުނިފައި،" ޑީއެންއޭ ޓެސްޓުކުރުމަށްފަހު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތައް މުޅި ގައުމުގައި ކުރިއަށްދާއިރު، ގައުމަށް ކުރުމަތިވެފައިވާ ނުރައްކަލުގެ ހާލަތުން އަދިވެސް އަރައި ނުގަނެވޭ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެ ހަމަލާތައް ދޭން ރާވަމުންދާކަމުގެ މައުލޫމާތު ލަންކާގެ ޖާސޫސީ އިދާރަތަކަށް އެނގުނު ނަމަވެސް، އެ މައުލޫމާތު ހިއްސާކޮށްފައިނުވާކަމަށް ރަނިލް އިއްޔެ ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން، ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތެއްވާކަމަށް ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ.

އެ ގައުމުގެ މިސްކިތްތަކަށް އަމާޒުކޮށް ހަމަލާތަކެއްދީފާނެ ކަމުގެ ބިރަށް، އިއްޔެ ހުކުރު ނުކުރުމަށް އިލްތިމާސްކުރި ނަމަވެސް، ގިނަ މިސްކިތްތަކުގައި ސަލާމަތީ ފިޔަވަޅުތަކާއެކު ހުކުރު ވަނީ ކޮށްފަ އެވެ.

އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި ސަލަމާތީ ބާރުތަކުގެ 10،000 އަށް ވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އައިއެސްއަށް ތާއީދުކުރާ 130 ވުރެ ގިނަ މީހުން ލަންކާގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެ ތެރެއިން 70 މީހުން އަދިވެސް ފިލައިގެން އުޅޭކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ އިއްޔެ ވަނީ ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.