ދުނިޔެ

ވައްކަމުގެ ތުހުމަތުކޮށް ބަންގާޅުގައި ކުޑަކުއްޖަކު އަނިޔާވެރިކޮށް މަރާލައިފި

Jul 14, 2015

ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުކޮށް ބަންގަލަދޭޝްގައި ބަޔަކު ކުޑަ ފިރިހެން ކުއްޖަކު ވަރަށް އަނިޔާވެރިކޮށް މަރާލައި އެ މަންޒަރު ވީޑިއޯކޮށް އާއްމުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބަންގާޅުގެ އިރުމަތީ ބިތުގައި އޮންނަ ސިލްހެޓް ސިޓީގައި މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާގައި ބަޔަކު މީހުން ވަނީ 13 އަހަަރުގެ ސަމީއުލް އާލަމް އަރުޖޫން ބައިސްކަލް ގާޑިޔާއެއް ވަގަށް ނަގަށް އުޅުނު ކަމުގެ ތުހުމަތުކޮށް އޭނާ ވަށާލާފަ އެވެ. އެ އަށް ފަހު އޭނާ ހޮޅިދަނޑިއެއްގައި އައްސާފައި ބަހައްޓައިގެން ދަގަނޑުބުރިއަކުން ތަޅައި އަނިޔާކޮށްފައިވެ އެވެ. އަދި އެ ގްރޫޕުގެ އެއް ބަޔަކު ވަނީ އެ މަންޒަރު ފޯނުން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

އެ ވިޑީއޯ އިން ފެންނަ ގޮތުން އަރުޖޫން ގައިގައި ދަގަނޑުބުރިން ތަޅަމުން ދިޔައިރު އެއް ބަޔަކު ދިޔައީ ކައިރީގައި ވަށާލައިގެން ތިބެ ހީ، ސަކަރާތް ޖަހައި ފޯރި ދެމުންނެވެ. ސަލާމަތްކޮށްދިނުމަށް އެދި އަރުޖުން ރޮއެ، އާދޭސްކުރަމުންދާ ތަން ފެންނަ އެ ވީޑިއޯ ފޭސްބުކަށް ލާނެ ކަމަށް ބުނެ އޭނާ އަށް އިންޒާރު ދޭ ތަން ވެސް އެ ވީޑިއޯ އިން ފެނެ އެވެ.

އަނިޔާތަކަށް ކެތް ނުކުރެވިގެން އަރުޖުން މަރުވުން އޭނާގެ ހަށިގަނޑު ނަގައިގެން ގެންގޮސް އެއްލާލާފައިވަނީ، ދަ ޑެއިލީ ސްޓާ ނޫހުން އިއްޔެ ބުނި ގޮތުގައި، އަނިޔާކުރި ތަނާ 600 އެއްހާ ފޫޓު ދުރުގައި އެކަހެރިކޮށް އޮންނަ ކުނިގޮނޑަކަށެވެ. އެކަމަކު އެ ތަން ބަޔަކަށް ފެނިގެން އެ މީހުން ފަހައި ދުވި ކަމަށް ވެސް އެ ނޫހުން ބުންޏެވެ. އަދި ބުނީ އޭގެ ތެރެއިން އެކަކަު ހިފަހައްޓައި ފުލުހުުންނާއި ހަވާލުކުރިއިރު، ތިން މީހަކު ފިލި ކަމަށެވެ.

ފިލި ތިން މީހުންގެ ތެރެއިން މީހަކާއި އެ އަނިޔާވެރި އަމަލު ހިންގުމުގެ ފަހަތުގައި އިސްކޮށް ހުރި މީހާ ވެސް މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. އިސް މީހާ ހައްޔަރުކުރީ އެ އަމަލު ހިންގުމަަށް ފަހު ފިލައިގެން ސައުދީ އަރަބިއްޔާ އަށް ގޮސް ހުއްޓާ އެ ގައުމުންނެވެ.

ބަންގާޅުގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ހާން ކަމާލް ވަނީ މި އަނިޔާވެރި އަމަލު ކުށްވެރިކުރައްވާފަ އެވެ. ބީޑިނިއުސް ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އެކަން ކުރި އެންމެން ވެސް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

"މިއި ވަރަށް ހިތާމަވެރި އަމަލެއް. ... އެއްވެސް މީހަކު ދުލެއް ނުކުރާނަން،" ކަމާލް ވިދާޅުވި އެވެ.

މަރުވި އަރުޖުންގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދެއްކި ގޮތުން އޭނާ މަރުވީ އަނިޔާތަކުގެ ސަބަބުން ސިކުނޑި އަށް ލިބުނު ޝޮކެއްގަ އެވެ. އަދި އޭނާގެ ހަށިގަނޑުގެ 60 ތަނެއްގައި ޒަހަމްތައް ހުރި ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

ވައްކަމުގެ ތުހުމަތުކޮށް މީހުންނަށް އަނިޔާ ދިނުމަކީ ބަންގާޅުގައި އާއްމު ކަމެކެވެ. އެކަމަކު މިހާ އަނިޔާވެރިކޮށް ކުޑަކުއްޖަކު މަރާލުން މިއީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މި އަނިޔާވެރި އަމަލު ކުށްވެރިކޮށް ބަންގާޅުގެ އެތައް ހާސް ބަޔަކު ގެންދަނީ ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް ގޮތްގޮތުން އަޑުއުފުލަމުންނެވެ.