ވިޔަފާރި

ރޯދަ މަސް ނިމެނީ: އަގުތައް ތިރިއެއް ނުވި، ކަރާ ކިލޯއެއް 40ރ. އަށް!

Jul 14, 2015

ކޮންމެ އަހަރެއްގެ ރޯދަ މަސް ވެސް ފެށޭއިރަށް މުހިންމު ބާވަތްތަކުގެ އަގު އުފުލެ އެވެ. މިއީ އާއްމު ކަމެކެވެ. މި އަހަރު ވެސް އެކަންވީ އޮތީ ހަމަ އެގޮތަށެވެ. އަގުތައް ދިޔައީ މަތިވެގެންނެވެ. ނަމަވެސް މި އަހަރު ކުރީގެ އަހަރުތަކާ ތަފާތެވެ. އެގޮތުން މި އަހަރު މުހިންމު ބައެއް ބާވަތްތަކުގެ އަގުތައް މަތިވި ގޮތަށް، ތިރިވި ތަނެއް ނުފެނުނެވެ.

އަގުތައް ތިރިނުވި ސަބަބުތަކުގެ ތެރޭގައި މި ރޯދަމަހު ބާޒާރަށް ބޭނުންވާ ވަރާގާތައް ވެސް ބައެއް ބާވަތްތައް ނުހެއްދުން ހިމެނެ އެވެ. ހާއްސަކޮށް ކޮންމެ ދުވަހަކު ފަނި ގިރަން ގަންނަ ކަރާ ހެއްދި އަދަދު މި އަހަރު ވަރަށް މަދެވެ. މިކަމުގެ ސަބަބުން ކަރާގެ އަގުތައް ދިޔައީ މަތި ވެގެންނެވެ. ރޯދަ މަސް ފެށުނުއިރު 25.ރ އަށް ހުރި ކަރާ ކިލޯއެއްގެ އަގު މިހާރު މިވަނީ 35ރ. އާއި 40ރ. އަށް މައްޗަށް ޖެހިލާފަ އެވެ. މި އަގުގައި ހުންނަތާ ދެ ހަފުތާވަރު ވެއްޖެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ރޯދަ މަސް "ހިމަކޮޅަށް" އަޅައިގެން ދިޔައިރު ކަރާ ކިލޯއެއްގެ އަގު ވަނީ 12ރ. އަށް ތިރިވި އެވެ. ބާޒާރުގައި ކަރާ ގިނަވެ "ހިލޭ ބަހަމުން" ދިޔަ އެވެ.

ދަނޑުވެރިން ބުނާ ގޮތުގައި ބައެއް ބާވަތަކުގެ އަގުތައް މަތިވުމުގެ އެއް ސަބަބަކީ "މޫސުމީ ކަމެކެވެ"

"މި އަހަރު ވިއްސާރަވުމާ މިފަދަ ކަންތައްތަކުގެ ސަބަބުން މުޑުވަށް ހަރުނުވީ. އެހެންވެ ގިނަ ބާވަތްތައް މަދުވީ،" ދަނޑުވެރިއެއް ބުންޏެވެ.

ވަގުތީ މާރުކޭޓަށް ބަލާއިރު ރޯދަ މަސް ފެށުއިރު 100ގ. ގެ ދިވެހި ގިތެޔޮ މިރުސް ކިލޯއެއް 25ރ. އަށް ލިބުނު ނަމަވެސް މިހާރު މިރުހުގެ އަގު ވެސް ހުރީ 35ރ. އާއި 40ރ. ގަ އެވެ. އަދި ފަޅޯ ކިލޯއެއް 15ރ. އަށް ލިބުނު ނަމަވެސް ފަޅޯގެ އަގު ވެސް މިއަދު ހުރީ 30ރ. ގަ އެވެ.

މި ބާވަތްތަކުގެ އިތުރުން ފިޔާ އަލުވި އަދި ބިހުގެ އަގު ވެސް ބާޒާރުގައި މާބޮޑުތައް ދަށަކަށް ނުދިޔަ އެވެ. ނަމަވެސް އެސްޓީއޯ އިން މި ބާވަތް ބަރާބަރަށް ލިބެން ހުރުމުން ރައްޔިތު މީހާއަށް ދައްޗެއް ނެތެވެ.

ރަށުތެރޭގެ ފިހާރަތަކުން ބިހެއް ލިބެނީ 1.75ރ. އާއި ދެ ރުފިޔާ އަށެވެ. އަދި ފިޔާ ކިލޯއެއް 20ރ. އަށް ލިބެ އެވެ. އަދި އަލުވި ކިލޯއެއްގެ އަގު ހުރީ 18ރ. ގަ އެވެ. ނަމަވެސް ފިޔާ، އަލުވި ކިލޯއެއް އެސްޓީއޯ އިން 10ރ. އަށް ލިބެ އެވެ. އަދި ބިހެއް ލިބެން ހުރީ 1.50ރ. އަށެވެ.

ރޯދަ މަސް ނިމުމަކަށް އަންނައިރު ބާޒާރުގައި މި އަހަރުގެ އަގުތައް ހުރީ މިހެންނެވެ. ބާޒާރު މި ފެނުނީ އަގުތައް މަތީގައި ހުރި ތަނެވެ. ދެން އޮތީ އަނެއްކާ ވެސް އަންނަ ރޯދަ މަހު އަގުތަކަށް ވާނެ ގޮތެއް ބަލަން ތިބުމެވެ.