ވިޔަފާރި

ރަށު މާރުކޭޓުގެ ގޮޅިތަކަށް 800 އަށްވުރެ ގިނަ މީހުން ޝައުގުވެރިވެއްޖެ

Apr 27, 2019
3

ހުޅުމާލޭގައި އަލަށް ތަރައްގީކޮށްފައިވާ "ރަށު މާރުކޭޓު" ގެ ގޮޅި ތަކަށް 800 އަށް ވުރެ ގިނަ މީހުން ޝައުގުވެރިވެއްޖެ އެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ރަށު މާރުކޭޓުގެ ގޮޅި ތަކަށް 871 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭ ފެރީޓާމިނަލް ކައިރީގައި ހަދާފައިވާ އެ މާރުކޭޓުގައި މޭވާ އަދި ތަރުކާރީ އާއި އެހެނިހެން ކާބޯ ތަކެތި ވިއްކަން 37 ގޮޅި ހުރެ އެވެ. މީގެ އިތުރުން މީގެ އިތުރުން 20 ގޮޅިއެއް ހާއްސަކޮށްފައިވަނީ ރޯމަހުގެ ބާވަތްތައް ވިއްކާށެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި ހުޅުމާލެއަށް ދާ މީހުންނަށް ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީ އާއިި ދިވެހި އުފެއްދުންތަކުގެ އިތުރުން ރޯމަހުގެ ބާވަތްތައް ފަސޭހަކަމާ ފަސޭހައިން ލިބޭނެ ގޮތަށް ހަދާފައިވާ މި މާރުކޭޓުގެ ގޮޅިއެއްގެ ބޮޑު މިނުގައި 69 އަކަފޫޓް ހުންނާނެ ކަމަށެވެ. ހުޅުމާލެ އާ މާރުކޭޓު ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުމުގެ އިތުރުން އެ ވިޔަފާރި އަކީ ހަ މަސް ވެފައިވާ ވިޔަފާރިއަކަށްވުން ހިމެނޭ ކަމަށެވެ.

މި މާރުކޭޓުގެ ގޮޅިތައް ދޫކުރަނީ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،500ރ. ހުށަހެޅުމުންނެވެ. ތިން އަހަރު ދުވަހަށް ކުއްޔަށް ދޭ މި ގޮޅިތަކުގެ ކުއްޔަކީ މަހަކު 3،500ރ. އެވެ.