ހަބަރު

ހައްޔަރުކުރި ދިވެހިންގެ ތެރެއިން ހަތަރު މީހުން ހޯމަ ދުވަހު ދޫކޮށްލަނީ

Apr 27, 2019
2

ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ބާރުތަކުން މިހާރު ހިންގަމުން ދާ ބަލައި ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި ހަ ދިވެހިންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު މިއަދު އިތުރު ކޮށްފައިވާއިރު، ބާކީތިބި ހަތަރު މީހުން ހޯމަ ދުވަހު ދޫކޮށްލާނެ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފި އެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބެސެޑަރު އުމަރު އަބްދުއްރައްޒާގު މިއަދު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ލަންކާއިން ހައްޔަރު ކުރި ހަ ދިވެހިންގެ ތެރެއިން ދެ ދިވެއްސެއްގެ ބަންދު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ކޯޓުން މިއަދު އިތުރު ކޮށްފައިވާ ކަމަށާއި، ބާކީ ތިބި ހަތަރު މީހުނާ ހަވާލުވާން ދިއުމަށް ވަކީލު މެދުވެރިކޮށް ކޯޓުން އަންގާފައިވާ ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި، ފޭކް ލައިސަންސެއްގެ ދަށުން ގެންގުޅުނު އެއާ ގަންއެއް ފެނުނު މައްސަލާގައި ނިގަމްބޯއިން އިންޖިނިއަރިންގެ ކިޔަމުންދާ ހަތަރު މީހުންނާ ހަވާލުވާން ދާން ކޯޓުން އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު އެމީހުންގެ އާއިލާތަކަށް އަންގައިފިން ހޯމަ ދުވަހު ކޯޓަށް ގޮސް އެމީހުންނާ ހަވާލުވާން. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ދުވަހު އެމީހުން ކޯޓަށް ހާޒިރު ކުރުމުން އެމީހުން ދޫކޮށްލާނެ،" ސަފީރު ވިދާޅުވި އެވެ.

މައުންޓް ލެވޭނިއާ ކޯޓުން މިއަދު ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ނުގޭގޮޑާ އިން ހައްޔަރު ކުރި ދެ ދިވެހިންނެވެ. އެ މީހުން ހައްޔަރު ކުރީ ދިރިއުޅޭ ގެއިން އައިއެސްގެ މައުލޫމާތު ހުރި ފޮތެއް ފެނިގެން އެވެ.

"އަވަސް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި، އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިވަގުތު ރާއްޖޭގައި ޗުއްޓީއަށް އައިސްހުރި އެގޭގައި އިންޓަނޭޝަނަލް ރިލޭޝަންސް ކިޔަވަމުންދާ ކުއްޖެއްގެ ފޮތްތަކެއް ފެނުނު މައްސަލާގަ އެވެ.

އެމީހުން ދެން ކޯޓަށް ހާޒިރުކުރާނީ މީގެ 13 ދުވަސް ފަހުންނެވެ. އާދީއްތަ ދުވަހުގެ ހަމަލާތަކުގެ ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ދިވެހިން ވެސް ދިރިއުޅޭ ގެތައް ބަލައި ފާސް ކުރަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން ބަލައި ފާސްކުރުމުގެ ތެރޭގައި ބައެއް ދިވެހިންގެ ވިސާ ހަމަވެފައިވާ މައްސަލަތައް ވެސް ފެންމަތިވަމުން އަންނަކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ލަންކާގައި ދިވެހިންގެ ބޮޑު އާބާދީއެއް އޮތް އިރު ލަންކާއަށް ކުރިމަތިވެފައިވާ ބިރުވެރިކަމުގެ ތެރެއަށް ލަންކާގައި ތިބި 15،000 އަށްވުރެ ގިނަ ދިވެހިން ވެސް ވަނީ ގެނބިފަ އެވެ. އެގޮތުން، ބޮޑެތި ސުޕަމާކެޓުތަކަށާއި، ފިހާރަތަކަށް ބުރުގާ އަޅައިގެން ތިބޭ ދިވެހި އަންހެނުން ނުވައްދާކަމާއި، ގިނަ މީހުން ބާޒާރުނުކުރެވި ގޭގައި ތާށިވެފައިތިބެންޖެހިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ބުނީ، ކޮންސިއުލާގެ ހިދުމަތްތަށް ބޭނުންވާ ފަރާތްތަކަށް، ހިދުމަތް ފޯރުކޮށް ދިނުމަށް މި ހަފުތާ ބަންދުގައި އެމްބަސީ ހުޅުވާފައި ބަހައްޓާނެ ކަމަށެވެ.