ހަބަރު

ލަންކާގައި ފޮޓޯއާ ނަގަން ބޭރަށް ނުނުކުންނަށް އެދެފި

Apr 27, 2019
10

ސްރީލަންކާ މިވަގުތު އޮތް ހާލަތުގައި ދިވެހިން ބޭރަށް ނިކުމެ ފޮޓޯ އާއި ވީޑިއޯ ނަގަން ތަންތަން ބަލަން ނޫޅެން ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން މުހައްމަދު މިއުވާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރީލަންކާގައި ކާފިއު ހިންގާފައި ނޯންނަ ވަގުތުތަކުގައި ވެސް ޒަރޫރީ ބޭނުންތައް ފިޔަވާ އެހެން ކަންކަމުގައި ބޭރަށް ނުކުމެ ނޫޅެން އެދި ވަޑައިގަންނަވާ ކަމަށެވެ. އަދި ބޭރު ތެރޭގައި އުޅޭއިރު ފޮޓޯ އާއި ވީޑިއޯ ނުނެގުމަށާާއި ސަލާމަތީ ބާރުތަކުގެ މަސައްކަތަށް އެއްބާރުލުން ދީގެން އެ ފަރާތްތަކުގެ އިރުޝާދަށް ތަބާވާން އިލްތިމާސް ކުރާ ކަމަށެވެ.

މިއުވާން ކުރި ޓްވީޓް

ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެ ގައުމުގައި ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ދާއިރު ދިވެހިން ދިރިއުޅޭ ބައެއް ގެތަށް ވެސް އަންނަނީ ފާސް ކުރަމުންނެވެ. އަދި ދިވެހިން ވެސް ހުއްޓުވާ ޕާސްޕޯޓު ބެލުމުގެ ކަންތަކެއް ވެސް އެ އޮޕަރޭޝަންގެ ތެރޭގައި ހިނގަ އެވެ. އެކަންކަމަށް ވެސް އެއްބާރުލުން ދިނުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިހާތަނަށް އައިއިރު ލަންކާގައި ދިރިއުޅެމުން އައި ހަ ދިވެއްސަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތު މިއަދު އިތުރު ކޮށްފައިވާއިރު، ބާކީތިބި ހަތަރު މީހުން ހޯމަ ދުވަހު ދޫކޮށްލާނެ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފި އެވެ.