ހަބަރު

ހުޅުމާލޭ ހޮސްޕިޓަލުގައި އެމްއާރްއައިގެ ހިދުމަތް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގައި އެމްއާރްއައިގެ ހިދުމަތް ދޭން ފަށައިފި އެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އެ ހޮސްޕިޓަލުގައި ތަރައްގީ ކޮށްފައިވާ ރޭޑިއޮލިޖީ ޑޕާޓްމެންޓް ހުޅުވައި ދެއްވާފަ އެވެ.

މިނިސްޓަރު އަމީން ވަނީ ކުރިއަށް އޮތް ރޯދަ މަހާއި ވިއްސާރަ މޫސުމުގައި ކުރިމަތިވެދާނެ ބަލިތަކުން ސަލާމަތްވާން ފަރުދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން މިއަދު އިލްތިމާސް ކުރައްވާފަ އެވެ. ވިދާޅުވީ ހޮސްޕިޓަލަކީ ފަރުވާގެ ފުރަތަމަ މަރުކަޒު ނޫން ކަަމަށާއި ސިއްހީ ފަރުވާގެ ފުރަތަމަ ފިޔަވަޅަކި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަރުދީގޮތުން ކުރަންޖެހޭ މަސައްކަތް ކަމަށެވެ.

ހުޅުމާލޭގައި މިއަދު ހުޅުވި، ރޭޑިއޮލޮޖީ ޑިޕާޓްމެންޓަށް ކުރިއަށް އޮތް ތަނުގައި އިތުރު ބަދަލުތައް ގެނެސް ތަރައްގީ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި އެމްއާރްއައި މެޝިން ބެހެއްޓި ނަމަވެސް، މިހާތަނަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ހުރިކަމަށް އެ ހޮސްޕިޓަލު ހިންގުމާ ހަވާލުވެ ހުންނެވި ނާހިދާ ހަމީދު މިއަދު ވިދާޅުވި އެވެ.

"އެމްއާރުއައި މެޝިނާއި ސީޓީ ސްކޭން މެޝިން މިތަނުގައި ހުންނަތާ ދުވަސްތަކެއްވެއްޖެ. މިއީ ވަރަށް ފާޑުވެސް އަމާޒުވި ކަމެއް. މިއަދު ހަމައެކަނި އެމްއާރުއައިގެ ހިދުމަތް ފެށުނު ނަމަވެސް ވަރަށް އަވަހަށް މެމޮގްރަފީ އަދި ސީޓީ ސްކޭންގެ ހިދުމަތް ފެށޭނެ،" ނާހިދާ ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލަށް 15 އަހަރު ވެފައިވާއިރު، ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ހޮސްޕިޓަލަށް ވަނީ ބޮޑެތި ތަރައްގީ ގެނެސްފަ އެވެ.