މިދިއަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ހަލާކުވި ޝަންގްރިލާ ހޮޓަލަށް އިންޝުއަރެންސް ކުންފުނިން އެއް މިލިއަން ޑޮލަރު ދީފި އެވެ.
އެ ހަމަލާދިންތާ ހަތަރު ދުވަހުގެ ތެރޭގައި ސިލިންކޯ ޖެނެރަލް އިންޝުއަރަންސުން އެމެރިކާގެ ޗަބް އިންޝުއަރަންސާ ގުޅިގެން އެއް މިލިއަން ޑޮލަރު ދީފައިވަނީ އެ ހޮޓާ މަރާމާތު ކުރަން ބޭނުންވާ އެޑްވާންސް ފައިސާގެ ގޮތުގަ އެވެ.
ހަމަލާދިނުމުގެ އެއް ދުވަސް ފަހުން، ސިލިންކޯ ޖެނެރަލް އިންޝުއަރަންސުން ވަނީ އެ ހޮޓަލަށް ޒިޔާރަތްކޮށް ލިބުނު ގެއްލުންތައް ބަލާފަ އެވެ. އަދި އެޑްވާންސް ފައިސާ އެ ހޮޓަލަށް ދޫކޮށްފައިވަނީ، އެ ތަހުގީގުގެ ރިޕޯޓް ނިންމުމުގެ ކުރިން ކަމަށްވެ އެވެ. ޝަންގްރިލާ ހޮޓަލަށް ލިބިފައިވާ ހުރިހާ ގެއްލުންތަކުގެ ތަފްސީލުތައް އިތުރަށް ދިރާސާ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތައް މުޅި ގައުމުގައި ކުރިއަށްދާއިރު، ގައުމަށް ކުރުމަތިވެފައިވާ ނުރައްކަލުގެ ހާލަތުން އަދިވެސް އަރައި ނުގަނެވޭ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ހަމަލާތައް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ލަންކާގެ ޖާސޫސީ އިދާރަތަކަށް އެނގުނު ނަމަވެސް، އެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށް ރަނިލް އިއްޔެ ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ.
ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން، ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތެއްވާކަމަށް ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ.
އެ ގައުމުގެ މިސްކިތްތަކަށް އަމާޒުކޮށް ހަމަލާތަކެއްދީފާނެ ކަމުގެ ބިރަށް، އިއްޔެ ހުކުރު ނުކުރުމަށް އިލްތިމާސްކުރި ނަމަވެސް، ގިނަ މިސްކިތްތަކުގައި ސަލާމަތީ ފިޔަވަޅުތަކާއެކު ހުކުރު ވަނީ ކޮށްފަ އެވެ.
އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި ސަލަމާތީ ބާރުތަކުގެ 10،000 އަށް ވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އައިއެސްއަށް ތާއީދުކުރާ 130 ވުރެ ގިނަ މީހުން ލަންކާގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެ ތެރެއިން 70 މީހުން އަދިވެސް ފިލައިގެން އުޅޭކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ އިއްޔެ ވަނީ ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.