ވިޔަފާރި

އަމާނާ ތަކާފުލް އިން މިދިޔަ އަހަރު ރެކޯޑު ކުރިއެރުމެއް ހޯދައިފި

Apr 29, 2019
3

އަމާނާ ތަކާފުލް މޯލްޑިވްސް އިން މިދިޔަ އަހަރު ރެކޯޑް މިންވަރެއްގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަމާނާ ތަކާފުލް އިން މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވައި އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އަމާނާ ތަކާފުލް މޯލްޑިވްސްއަށް މިދިޔަ އަހަރު 22 ޕަސެންޓްގެ ވިޔަފާރީގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިންޝުއަރެންސް ސިނާއަތް ކުރިއެރި 14 ޕަސެންޓަށް އަޅާބަލާއިރު ރެކޯޑް ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ޝަރީޢާގެ އުސޫލުން ރާއްޖޭގައި އިންޝުއަރަންސްގެ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުނީގެ ގޮތުގައި އަމާނާ ތަކާފުލް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓް ކުރިތާ މިހާރު ވަނީ އަށް އަހަރު ވެފައެވެ.

ހިއްސާގެ ފައިދާ ބަހަން ނިންމުން

އެ ކުންފުނިން އިއްޔެ ބޭއްވި އަހަރީ ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ބަހަން ނިންމާފަ އެވެ. އެގޮތުން ހިއްސާއެއްގެ މޫނުމަތީގެ އަގުގެ 15 ޕަސެންޓް ފައިދާއެއް 2018 ގައި ނިމުނު މާލީ އަހަރުގައި ބެހުމަށް ނިންމި އެވެ.

އަމާނާ ތަކަފުލްގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ އެ ކުންފުނިން ދެމި އޮންނާނީ ހެޔޮ ހިންގުމުގެ ނިޒާމެއްގެ މަތީގައި ކަމަށެވެ.

"ހެޔޮ ހިންގުމުގެ ނިޒާމުގެ މާނައަކީ ރަނގަޅު ވިޔަފާރި، އެގޮތުން އަމާނާ ތަކާފުލް ދެމި އޮންނާނީ ވިޔަފާރީގެ އަޚްލާޤް އަދި ކޯޕަރޭޓް ގަވަނަންސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓާ އަދި އެމަގުން އެކަން ތަންފީޒުކުރުމާއި އެކު ހިރާސް މެނޭޖްކުރުން ހަރުދަނާކުރުމާއި ކުންފުނީގެ އެތެރޭގެ ހިންގުން ވަރުގަދަކުރުންމަތީ،" ހަރީޒް ވިދާޅުވި އެވެ.

މިދިޔަ މާލީ އަހަރު ނިމުނުއިރު އާމްދަނީގެ ގޮތުގައި 130 މިލިއަން ރުފިޔާ ލިބި، ޖުމްލަ ފައިދާގެ ގޮތުގައި 11 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2017 ވަނައަހަރުގެ އާމްދަނީ އާއި ވިޔަފާރި ފައިދާ އަޅާބަލާއިރު 23 ޕަސެންޓާއި 113 ޕަސެންޓުގެ ކުރިއެރުމެކެވެ.

"މިދިޔަ އަހަރުގެ ކުރިއެރުންތައް އެންމެ ބޮޑަށް ބިނާވެފައިވަނީ ކުންފުނީގެ މައިގަނޑު ވިޔަފާރިތަކުން ލިބުނު ކުރިއެރުންތަކާއި އަދި މާކެޓިންގ ހަރަކާތްތައް ރޭވުންތެރިކަމާއެކު ހަރުދަނާގޮތެއްގައި ހިންގުމުގެ ސަބަބުންނެވެ. ހަމައެހެންމެ، ވިޔަފާރީގެ އިސްތިރާޖީތަކާއި އަދި ކުންފުނީގެ ހިންގުމަށް ގެނެވުނު މުހިންމު ބަދަލުތައްވެސް މިކުރިއެރުންތަކަށް ހިއްސާކުރި އެވެ،" އަމާނާ ތަކާފުލްއިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މި ކުންފުނީގެ އެންމެހާ ގުޅުންހުރި ފަރާތްތަކަށް ވެފައިވާ ވައުދާ އެއްގޮތަށް، ޓެކްނޮލޮޖީގެ ގޮތުންނާއި ރިސާޗްއާއި ޑިވެލޮޕްމެންޓް އަދި ޑިސްޓްރިބިއުޝަން ޗެނަލްތައް އިތުރަށް ފުޅާކުރުމާއި މާކެޓިންގ ހަރަކާތްތައް އިތުރުކުރުމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ އިންސާނީ ވަސީލަތް އިތުރު ކުރެވިފައިވާ ކަމަށެވެ. ހަމައެހެންމެ އިންޝުއަރަންސް ބަދަލުގެ (ކްލެއިމްސް) ގޮތުގައި 47 މިލިއަން ރުފިޔާ (2017 ވަނައަހަރާއި އަޅާބަލާއިރު 16 ޕަސެންޓް އިތުރަ) އަށް މިދިޔަ އަހަރު ދެވިފައިވާކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

"އަމާނާ ތަކާފުލްގެ ހިދުމަތައް 15 އަހަރު ފުރޭއިރު އަޅުގަނޑުމެންގެ ނިޒާމުތަކާއި އުސޫލުތަކާއި އިންސާނީ ވަސީލަތްތައް ފައިހަމަކުރަނީ ކުންފުނީގެ އިސްތިރާޖީ އަމާޒުކަމުގައިވާ ތަފާތުދެއްކުމާއި އެކު އާ ލަނޑުދަނޑިތައް ހާސިލްކުރުމެވެ. ރާއްޖޭގައި އިސްލާމީ މާލީ ނިޒާމު، ހާއްސަ ގޮތެއްގައި ތަކާފުލްގެ މުސްތަޤްބަލް ބިނާކުރުމަށް މިކުރާ ދަތުރުގައި މިމަސައްކަތްތައް ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކުން ވަނީ ބަލައިގަނެފައެވެ. ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އެންމެ ފުރިހަމަ ގޮތުގައި އަންޑަރައިޓް ކުރެވިފައިވާ ޕްރޮޑަކްޓްތައް ބާޒާރަށް ނެރުމެވެ،" އަމާނާ ތަކާފުލް އިން ބުނެފައިވެ އެވެ.

އަމާނާ ތަކާފުލް އިން ވަނީ ކުންފުނީގެ ހިއްސާދާރުން ވަނީ ކުންފުނީގެ ބޯޑުގައި މިނިވަން ޑިރެކްޓަރެއްގެ ގޮތުގައި އިންނަވާ ޑރ.އަބްދުﷲ ޝިހާމް އާ ދައުރަކަށް އަލުން އިންތިޚާބުކޮށްފަ އެވެ. މިއަހަރުގެ އަހަރީ އާންމު ޖަލްސާގައިވެސް ވަނީ ކުންފުނީގެ ހިއްސާދާރުންނަށް ހިލޭ ޕާސަނަލް އެކްސިޑެންޓް ކަވާއެއް ދިނުމަށް ނިންމާފަ އެވެ. މިކަމާ ގުޅޭ މައުލޫމާތު ހިއްސާދާރުންނަށް ފަހުން އެންގޭނެ އެވެ. އެ ކުންފުނީގެ ބޯޑުގައި މިހާރު ތިއްބަވާ ޑިރެކްޓަރުންނަކީ ޗެއާމަން ތައްޔިބް އަކްބަރް އާއި އުސްމާން ކާސިމް، ދާތޯ މުހައްމަދު ފަޒްލީ ޔޫސުފް އަދި ޑރ.އަބްދުﷲ ޝިހާމްގެ އިތުރުން އަބްދުﷲ ކާސިމް އަދި އެމްޑީ ހަރީޒް އެވެ.