އިމިގްރޭޝަން

އީމެއިލުން ޕާސްޕޯޓަށް އެދޭއިރު އޮންލައިންކޮށް ފައިސާ ދެއްކޭނެ

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހައްދަން އެދިފައިވާ ފަރާތްތަކަށް މިހާރު އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމު މިއަދު މޯލްޑިވްސް އިމިގްރޭޝަން އިން ތައާރަފްކޮށްފި އެވެ.

އިމިގްރޭޝަން އިން ބުނީ، އީމެއިލް މެދުބވެރިކޮށް ޕާސްޕޯޓް ހައްދަން އެދިފައިވާ ފަރާތްތަކުގެ އީމެއިލަށް އިމިގްރޭޝަން އިން އޮންލައިންކޮށް ފައިސާ ދައްކަން ބޭނުންކުރަން ޖެހޭ ލިންކު ފޮނުވާނެ ކަމަށެވެ. އަދި އެލިންކުން ޕާސްޕޯޓަށާއި، ރެވެނިއު ސްޓޭމްޕަށް ފައިސާ ދެއްކެން ހުންނާނެ ކަމަށެވެ.

މިއަދު ތައާރަފް ކުރެވުނު އޮންލައިން ނިޒާމާއެކު އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭ ފަރާތްތަކުން ހަމައެކަނި އިމިގްރޭޝަންއަށް ދާން ޖެހޭނީ ޕާސްޕޯޓާއި ހަވާލުވުމަށެވެ. އިތުރަށް އިމިގްރޭޝަން އިން ބުނީ، ކުރިން 48 ގަނޑިއިރުން ދެމުން އައި އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް މިއަދުން ފެށިގެން 24 ގަނޑިއިރު ތެރޭގައި ފޯރުކޮށްދޭވޭނެ ކަމަށެވެ.

އިމިގްރޭޝަން އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަވަސްކޮށް އީމެއިލް މެދިވެރިކޮށް ޕާސްޕޯޓަށް އެދެވޭނެ ގޮތް ހަމަޖައްސައިފައިވަނީ ޖެނުއަރީ 27 ގަ އެވެ. އީމެއިލް މެދުވެރިކޮށް ހުށަހެޅޭނީ ތިން ވައްތަރެއްގެ ޕާސްޕޯޓަކަށެވެ. އެއީ 32 ސަފުހާގެ އިލެކްޓްރޯނިކް ޕާސްޕޯޓާއި 48 ސަފުހާގެ އިލެކްޓްރޯނިކް ޕާސްޕޯޓާއި އިލެކްޓްރޯނިކް ނޫން 32 ސަފުހާގެ ޕާސްޕޯޓަށް އަށެވެ.

ގެއްލިފައިވާ ޕާސްޕޯޓާއި އަދި ސެކަންޑް ޖެނަރޭޝަން ޕާސްޕޯޓުގެ ތެރެއިން މުއްދަތު ހަމަވާން އަށް މަހަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ އީމެއިލް މެދުވެރިކޮށް ހުށަނޭޅޭނެ ކަމަށްވެސް އިމިގްރޭޝަން އިން ވަނީ ބުނެފަ އެވެ.