ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ބާރުތަކުން މިހާރު ހިންގަމުން ދާ ބަލައި ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި ހަ ދިވެހިންގެ ތެރެއިން ހަތަރު މީހުން މިއަދު ދޫކޮށްލައިފި އެވެ.
ފޭކް ލައިސަންސެއްގެ ދަށުން ގެންގުޅުނު އެއާ ގަންއެއް ފެނުނު މައްސަލާގައި ނިގަމްބޯއިން އިންޖިނިއަރިންގެ ކިޔަމުންދާ ހަތަރު މީހުން މިއަދު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ސްރީލަންކާގައި ހުންނަ ދިވެހި އެމްބެސެޑަރު އުމަރު އަބްދުއްރައްޒާގު ވިދާޅުވި އެވެ.
ނަމަވެސް، ބާކީ ތިބި ދެ ދިވެހިންގެ ބަންދުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.
މައުންޓް ލެވޭނިއާ ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ނުގޭގޮޑާ އިން ހައްޔަރު ކުރި ދެ ދިވެހިންނެވެ. އެ މީހުން ހައްޔަރު ކުރީ ދިރިއުޅޭ ގެއިން އައިއެސްގެ މައުލޫމާތު ހުރި ފޮތެއް ފެނިގެން އެވެ.
"އަވަސް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި، އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިވަގުތު ރާއްޖޭގައި ޗުއްޓީއަށް އައިސްހުރި އެގޭގައި އިންޓަނޭޝަނަލް ރިލޭޝަންސް ކިޔަވަމުންދާ ކުއްޖެއްގެ ފޮތްތަކެއް ފެނުނު މައްސަލާގަ އެވެ.
އެމީހުން ދެން ކޯޓަށް ހާޒިރުކުރާނީ މީގެ 13 ދުވަސް ފަހުންނެވެ. އާދީއްތަ ދުވަހުގެ ހަމަލާތަކުގެ ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ދިވެހިން ވެސް ދިރިއުޅޭ ގެތައް ބަލައި ފާސް ކުރަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން ބަލައި ފާސްކުރުމުގެ ތެރޭގައި ބައެއް ދިވެހިންގެ ވިސާ ހަމަވެފައިވާ މައްސަލަތައް ވެސް ފެންމަތިވަމުން އަންނަކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
ލަންކާގައި ދިވެހިންގެ ބޮޑު އާބާދީއެއް އޮތް އިރު ލަންކާއަށް ކުރިމަތިވެފައިވާ ބިރުވެރިކަމުގެ ތެރެއަށް ލަންކާގައި ތިބި 15،000 އަށްވުރެ ގިނަ ދިވެހިން ވެސް ވަނީ ގެނބިފަ އެވެ. އެގޮތުން، ބޮޑެތި ސުޕަމާކެޓުތަކަށާއި، ފިހާރަތަކަށް ބުރުގާ އަޅައިގެން ތިބޭ ދިވެހި އަންހެނުން ނުވައްދާކަމާއި، ގިނަ މީހުން ބާޒާރުނުކުރެވި ގޭގައި ތާށިވެފައިތިބެންޖެހިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
ގައުމީ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ މޫނު ނިވާކޮށްގެން އުޅުން މިއަދުން ފެށިގެން ވަނީ އެގައުމުގައި މަނާކޮށްފައި އެވެ.
ރައީސް މައިތްރިޕާލާ ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސް ސިރިސޭނަ އެގޮތަށް ނިންމާފައިވަނީ، އެ ހަމަލާތަކުގެ ތުހުމަތުކުރެވޭ މީހުން ހޯދަން ސަލަމާތީ ބާރުތަކުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުންނެވެ.