ދުނިޔެ

ލަންކާ ފުލުހުންގެ ވެރިޔާ އިސްތިއުފާ ނުދިން

Apr 29, 2019

ކޮލަމްބޯ (އެޕްރީލް 29) - ސްރީލަންކާގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ފުލުހުންގެ ވެރިޔާ ޕުޖިތު ޖަޔަސުންދަރަ އިސްތިއުފާ ދޭން ރައީސް މައިތިރިޕާލަ ސިރިސޭނަ އެންގި ނަމަވެސް، އެކަމަށް ދެކޮޅު ހަދައިފި އެވެ.

އެ ހަމަލާތައް ހުއްޓުވަން ސަލާމަތީ ބާރުތައް ނުކުޅެދުނުކަމުގެ ތުހުމަތުތަކާއެކު، ޑިފެންސް ސެކްރެޓަރީ ހޭމަސިރީ ފެނަންޑޯގެ އިތުރުން އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޕުޖިތު ޖަޔަސުންދަރަ އިސްތިއުފާ ދެއްވުމަށް ސިރިސޭނަ ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސްގެ އެދިވަޑައިގެންނެވުމުގެ މަތިން، ޑިފެންސް ސެކްރެޓަރީ އިސްތިއުފާދެއްވި ނަމަވެސް، ފުލުހުންގެ ވެރިޔާ ވަނީ އިސްތިއުފާގެ ސިޓީ ފޮނުވަން ދެކޮޅު ހައްދަވައިފަ އެވެ. އެކަމާ ގުޅިގެން، ފުލުހުންގެ ވަގުތީ ވެރިއެއްގެ ގޮތުގައި، ޑެޕިޔުޓީ އިންސްޕެކްޓާ ޖެނެރަލް ޗަންދަނަ ވިކްރަމަރަތުނަ މިހާރު ވަނީ ހަމަޖައްސަވައިފަ އެވެ.

އެ ދެ ބޭފުޅުންގެ އިސްތިއުފާއަށް ސިރިސޭނަ އެދިވަޑަގެންފައިވަނީ ހަމަލާތައް ރާވަމުންދާކަމުގެ މައުލޫމާތު އެނގިތިބެ އެކަން އެމަނިކުފާނާ ހިއްސާކޮށްފައިނުވާ ކަމަށާއި، އެ ހަމަލާތައް ހުއްޓުވަން ފިޔަވަޅު ނޭޅުނު މައްސަލަ ވަރަށް ސީރިއަސްކޮށް ބައްލަވާނެކަމަށް ވިދާޅުވެފައިވަނިކޮށެވެ.

އަދި އެ ހަމަލާތައް ދިނުމުގެ ފަހަތުގައިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަށް ބޭރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތެއްވާކަމަށް ރަނިލް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

ދައުލަތުގެ ޓީވީ މެދުވެރިކޮށް، ސިރިސޭނަ ވިދާޅުވީ ފުލުހުންނާ ސިފައިންގެ އިސްވެރިން "އެއްކޮށް" ބަދަލުކުރައްވާނެ ކަމަށެވެ.

"ބޭރު ގައުމަކުން އެ ހަމަލާތަކުގެ މައުލޫތު ދިނުމުން ވެސް އެ މައުލޫމާތު އަޅުގަނޑާވެސް ހިއްސާކޮށްފައެއް ނުވޭ. އެހެންވީމަ އެ އޮފިޝަލުންނަށް ހަރުކަށި ފިޔަވަޅު އަޅަން އަޅުގަނޑު ވަނީ ނިންމާފައި،" ސިރިސޭނަ ވިދާޅުވި އެވެ.

އެ ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އެހަމަލާތަކާއި ގުޅިގެން މިހާތަނަށް ހިންގި ތަހުގީގުން، "ނެޝަނަލް ތައުހީދު ޖަމާއަތު" އިން އެ ހަމަލާތައް ދީފައިވަނީ ނިއުޒީލެންޑުގެ މިސްކިތް ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކަން ހާމަވެފައިވާކަމަށް ލަންކާގެ ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވަނީ ވިދާޅުވެފަ އެވެ.

ކްރިސްޓިއަނުންގެ ފައްޅިތަކެއްގެ އިތުރުން މަތީފަންތީގެ ހޮޓާތަކަކަށް ދިން އެ ހަމަލާތަކުގައި މިހާތަނަށް 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެ ހަމަލާގެ ފަހަތުގައި ތިބި އިތުރު މީހުން ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށްދާއިރު، ގައުމީ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ މޫނު ބުރުގާ އެޅައިގެން އުޅުންވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި ސަލަމާތީ ބާރުތަކުގެ 10،000 އަށް ވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އައިއެސްއަށް ތާއީދުކުރާ 130 ވުރެ ގިނަ މީހުން ލަންކާގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެ ތެރެއިން 70 މީހުން އަދިވެސް ފިލައިގެން އުޅޭކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ އިއްޔެ ވަނީ ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.