ދަނޑުވެރިކަމަށް މަޝްހޫރު އއ. ތޮއްޑޫގެ ކައުންސިލުން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް އެރަށުގައި ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތު ހިއްސާ ކުރުމާއެކު ރައީސަށް ތިން ކަރާ ހަދިޔާ ކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި އެ ބައްދަލު ކުރެއްވުމުގައި، ތޮއްޑޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުން ރައީސާ ހިއްސާކުރި އެވެ.
ސިއްޙީ މަރުކަޒާއި ރަށުގެ މަގުތަކުގެ ހާލަތު ގޯސްވުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ބަނދަރު ހަލާކުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ރައީސާ ހިއްސާ ކޮށްފައި ވާއިރު ބޭންކުގެ ހިދުމަތާއި، ފުލުހުންގެ ހިދުމަތުގެ އިތުރުން ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކޮށްދޭން ވެސް އެދުނެވެ.
މީގެއިތުރުން ރޯދަމަހު ތޮއްޑޫގެ ދަނޑުވެރިން ވިއްކަން މާލެ ގެންނަ ތަކެތި ބަހައްޓައިގެން ވިޔަފާރި ކުރާނެ ހަރުދަނާ އިންތިޒާމްތަކެއް ގާއިމް ކޮށްދޭން އެދުނު އިރު އެ ބައްދަލުވުމުގައި ތޮއްޑޫ ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ދަނޑުވެރިން މިއަހަރުގެ ރޯދަ މަހަށް ހެއްދި ކަރާ ރަމްޒުކޮށް ދިނުމުގެ ގޮތުން ރައީސަށް ތިން ކަރާ ހަދިޔާ ކޮށްފަ އެވެ.