ހަބަރު

ލަންކާގައި އިތުރު ދިވެއްސެއް ހައްޔަރެއް ނުކުރޭ: އެމްބަސީ

Apr 29, 2019
2

އަވަށްޓެރި ސްރީލަންކާގައި މިދިއަ ހަފްތާގެ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ސަލަމާތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އިތުރު ދިވެހިންތަކެއް ހައްޔަރުކޮށްފައިވާކަމަށް ދެކެވޭ ވާހަކަތައް އެގައުމުގައި ހުންނަ ދިވެހި އެމްބަސިން ދޮގުކޮށްފި އެވެ.

ބާރުތަކުން މިހާރު ހިންގަމުން ދާ ބަލައި ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި ހަ ދިވެހިންގެ ތެރެއިން ހަތަރު މީހުން މިއަދު ދޫކޮށްލާފައިވާއިރު، އިތުރު ފަސް ދިވެހިން ހައްޔަރުކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބައަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް، ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލް ރައްޒާގު ވިދާޅުވީ އިތުރު ދިވެހިންތަކެއް ހައްޔަރުކުރިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

"ދިވެއްސަކު ހައްޔަރުކޮށްފިނަމަ އެކަން އަޅުގަނޑުމެންނަށް އަންގާނެ. މިހާރު ބަންދުކޮށްފައިތިބި ދެ ދިވެހިންގެ އިތުރުން އެހެން ބަޔަކު ހައްޔަރުކުރިކަމެއް އަންގާފައެއް ނެތް،" ސަފީރު ވިދާޅުވި އެވެ.

މިހާރު ހައްޔަރުކޮށްފައި ތިބި ދެ ދިވެހިންގެ ބަންދުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ.

މައުންޓް ލެވޭނިއާ ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ނުގޭގޮޑާ އިން ހައްޔަރު ކުރި ދެ ދިވެހިންނެވެ. އެ މީހުން ހައްޔަރު ކުރީ ދިރިއުޅޭ ގެއިން އައިއެސްގެ މައުލޫމާތު ހުރި ފޮތެއް ފެނިގެން އެވެ.

"އަވަސް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި، އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިވަގުތު ރާއްޖޭގައި ޗުއްޓީއަށް އައިސްހުރި އެގޭގައި އިންޓަނޭޝަނަލް ރިލޭޝަންސް ކިޔަވަމުންދާ ކުއްޖެއްގެ ފޮތްތަކެއް ފެނުނު މައްސަލާގަ އެވެ.

އެމީހުން ދެން ކޯޓަށް ހާޒިރުކުރާނީ މީގެ 13 ދުވަސް ފަހުންނެވެ. އާދީއްތަ ދުވަހުގެ ހަމަލާތަކުގެ ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ދިވެހިން ވެސް ދިރިއުޅޭ ގެތައް ބަލައި ފާސް ކުރަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން ބަލައި ފާސްކުރުމުގެ ތެރޭގައި ބައެއް ދިވެހިންގެ ވިސާ ހަމަވެފައިވާ މައްސަލަތައް ވެސް ފެންމަތިވަމުން އަންނަކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ލަންކާގައި ދިވެހިންގެ ބޮޑު އާބާދީއެއް އޮތް އިރު ލަންކާއަށް ކުރިމަތިވެފައިވާ ބިރުވެރިކަމުގެ ތެރެއަށް ލަންކާގައި ތިބި 15،000 އަށްވުރެ ގިނަ ދިވެހިން ވެސް ވަނީ ގެނބިފަ އެވެ. އެގޮތުން، ބޮޑެތި ސުޕަމާކެޓުތަކަށާއި، ފިހާރަތަކަށް ބުރުގާ އަޅައިގެން ތިބޭ ދިވެހި އަންހެނުން ނުވައްދާކަމާއި، ގިނަ މީހުން ބާޒާރުނުކުރެވި ގޭގައި ތާށިވެފައިތިބެންޖެހިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ގައުމީ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ މޫނު ނިވާކޮށްގެން އުޅުން މިއަދުން ފެށިގެން ވަނީ އެގައުމުގައި މަނާކޮށްފައި އެވެ.

ރައީސް މައިތްރިޕާލާ ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސް ސިރިސޭނަ އެގޮތަށް ނިންމާފައިވަނީ، އެ ހަމަލާތަކުގެ ތުހުމަތުކުރެވޭ މީހުން ހޯދަން ސަލަމާތީ ބާރުތަކުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުންނެވެ.