ހަބަރު

މަސީއިން ހެލްތު އެންޑް ސޭފްޓީ ކޮންފަރެންސް ފަށައިފި

ކޮންސްޓްރަކްޝަން ދާއިރާގެ މީހުންނަށް އަމާޒުކޮށް މަސީން އެނުއަލް ހެލްތު އެންޑް ސޭފްޓީ ކޮންފަރެންސެއް ފަށައިފި އެވެ.

މޯލްޑިވްސް ނެޝަނަަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިސް ނަގައިގެން މިއަދު ފެށި އެއްދުވަހުގެ މި ކޮންފަރެންސްގައި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ އިސް ކުންފުނިތަކުން ބައިވެރިވާނެ އެވެ. އަދި، ކޮންސްޓްރަކްޝަން ސައިޓުތަކުގައި ދިމާވާ ނުރައްކާތެރި ކަންކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ކޮންފަރެންސް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވީ، މަސީ އިން ވަނީ ކޮންސްޓްރަކްޝަން ދާއިރާގެ ހެލްތް އެންޑް ސޭފްޓީގެ ކަންކަމުގައި މާ ކުރިންވެސް އަޑު އުފުލާފައި ކަމަށެވެ. އެގޮތުން، ހެލްތު އެންޑް ސޭފްޓީގެ ނަމުގައި ގައިޑްލައިނެއް ނެރުނު ކަމަށާއި އެހެންނަމަވެސް އެ ގައިޑްލައިނަށް އަމަލު ކުރުމަށް މިއަދާ ހަމައަށްވެސް އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ޖަނާހް ވިދާޅުވި އެވެ.

" 2010 ވަނަ އަހަރު މަސީ އިން ވާނީ، ހެލްތު އެންޑް ސޭފްޓީ ގައިޑްލައިންސްގެ ނަމުގައި ޑޮކިއުމަންޓެއް ނެރެ، އެ ޑޮކިއުމަންޓުގެ ގައިޑްލައިންސްތަކާ އެއްގޮތަށް އަމަލު ކުރަން އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކަށް ހަނދާންކޮށްދީފަ. އަޅުގަނޑުމެން ގައިޑްލައިންތަކެއް ނެރެފައިވީ ނަމަވެސް، މިއަދާ ހަމައަށް އެއްބާރުލުން ނުލިބެނީ ރެގިއުލޭޓް ކުރެވޭނެ ވަކި ނިޒާމެއް ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ހަމަޖެހިފައި ނުވާތީ ކަމަށް ފާހަގަ ކުރަން. ނަމަވެސް، ދާދި ފަހުން ގެޒެޓް ކުރެވުނު އިމާރާތްކުރުމުގެ އަމަލީ މަސައްކަަތް ކުރުމުގައި ގެންްގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާ ގުޅޭ ގާނޫނުގެ ސަބަބުން މަސީ އިން ކުރަމުން މި ގެންދާ މަސައްކަތަށް އެކަށީގެންވާ ތަރުހީބު ލިބޭނެ ކަމަށް ޔަގީންކުރަން"

އިތުރަށް ވިދާޅުވީ، ކޮންސްޓްރަކްޝަން ދާއިރާގެ ކީ ސްޓޭކް ހޯލްޑަރުންނާއެކު މިއަދު މި ފަށާ ކޮންފަރެންްސްއަށް ފަހު، މި ދާއިރާއަށް ގެންނަން ބޭނުންވާ ކުރިއެރުންތައް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސައިޓުތަކުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދު ކުރުމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލާނެ ކަމަށެވެ.

މި ކޮންފަރެންސްގައި މަސީ އިން ވަނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއެކު ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުމުގެ ގޮތުން އެއްބަސްވުމެއްގައިވެސް ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން، ތަމްރީނުތަކަށްފަހު ޕޮލިޓެކްނިކް އިން ތަމްރީނުވާ ފަރާތްތަކަށް ކޮންސްޓްރަކްޝަން ދާއިރާއިން ވަޒީފާ ހޯދުމުގައި ދެފަރާތުން އެއްބާރުލުން ދޭނެ އެވެ.

މި ކޮންފަރެންސްގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިިވެ ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު، އަދި ޕޮލިޓެކްނިކްގައި ކުރިން މަސައްކަތް ކުރައްވާފައިވާ މުހައްމަދު ހާޝިމް ވިދާޅުވީ، މި ދާއިރާގައިި މިހާތަނަށް ފެންނަން ހުރި މައުލޫމާތުތަކަށް ބަލާލާއިރު އެކްސިޑެންޓުތަކުގެ 80 ޕަސެންޓު ދިމާވެފައި ހުންނަނީ އެކްސިޑެންޓު ހިނގާ ސަރަހައްދަށް ވުރެ ބޮޑަށް މީހުންގެ ފަރުވާކުޑަކަމުން ކަމަށެވެ.

"އެކްސިޑެންޓުތަކުގެ 80 ޕަސެންޓު ދިމާވެފައި ހުންނަނީ މީހުންގެ ފަރުވާކުޑަކަމުން. އޭގެތެރެއިން ފާހަގަކުރާ ބައެއް ކަންތައްތަކުގެ ތެރޭގައި މީހާ މާ އޯވާ ކޮންފިޑެންޓުވޭ. ހަމައެއާއެކު، ގަވާއިދުތައް އެއްލާލާފައި ޝޯޓްކަޓް ނަގައިގެން އަވަހަށް މަސައްކަތް ކުރަން އުޅުމުން ދިމާވޭ އެކްސިޑެންޓުތައް"

ހާޝިމް އިތުރަށް ވިދާޅުވީ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަލުން އަނބުރާ ދިވެހިންގެ އަތްމައްޗަށް ގެނައުމަށްޓަކާ ދިވެހި ޒުވާނުން ތެދުވަން ޖެހޭ ކަމަށެވެ. އަދި ޕޮލިޓެކްނިކް މެދުވެރިކޮށް މި ދާއިރާއަށް ޒުވާނުން ނެރުމަށް މަސައްކަތާއި ތަމްރީނު ފޯރުކޮށްދިނުމުގައި އެހީވާނެ ކަމަށެވެ.

އިމާރާތް ކުރުމާއި ސައިޓުތަކުގައި ދިމާވާ ހާދިސާތައް މަދުކޮށް ސަލާމަތީ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން ދާއިރާގެ މީހުންނަށް މި ކޮންފަރެންސްގައި ކިޔައިދޭނެ އެވެ. އަދި ދާއިރާއަށް ދިމާވެފައިހުރި ދަތިތަކާ ބެހޭ ގޮތުންވެސް ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.