ހަބަރު

އާދައިގެ ހިޖާބު ލަންކާގައި އެޅޭނެ: މިނިސްޓަރު

Apr 30, 2019
4

ސްރީލަންކާގައި ބުރުގާ އެޅުމުގެ އާ އުސޫލާމެދު އާންމުންގެ ގިނަ ބައެއްގެ މެދުގައި އޮޅުން އަރާފައިވާ ކަމަށާއި އާދައިގެ ބުރުގާ އެޅުން މަނާ ނޫން ކަމަށް ލަންކާގެ މިނިސްޓަ އޮފް އިކޮނޮމިކް އެންޑް ޑިސްޓްރިބިއުޝަން ހަރްޝާ ޑި ސިލްވާ ވިދާޅުވެއްޖެ އެވެ.

މިދިއަ ހަފްތާގެ އާދީއްތަ ދުވަހު ސްރީލަންކާގައި އިސްލާމީ ހަރުކަށި ޖަމާއަތަކުން ދިން ބޮމުގެ ހަމާލަތަކަށްފަހު އެ ގައުމުގައި މޫނު ނިވާކޮށްގެން އުޅުން އިއްޔެ އިން ފެށިގެން މަނާކޮށްފައިވާއިރު، ކަންފަތް ފޮރުވޭ ގޮތަށް ބޮލުގައި އެއްޗެއް އަޅައިގެން އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުޅި މޫނު ނިވާކޮށްގެން ބުރުގާ އެޅުން މަނާ ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކަންފަތް ފޮރުވައިގެން ބުރުގާ އެޅުން ހިމެނޭ ކަމަށެވެ. މޫނުބުރުގާ (ބުރުގާ އާއި ނިގާބް) އެޅުން މަނާ ކަމަށާއި ނަމަވެސް އާދައިގެ ބުރުގާ (ހިޖާބް) އެޅުން ހުއްދަ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ، އެކަމާ ގުޅިގެން މިނިސްޓަ އޮފް މުސްލިމް އެފެއާޒް ހަލީމްއާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އޭނާވެސް ވަނީ ހިޖާބު ހުއްދަ ކަމަށާއި އެކަންކަން ސާފުކޮށްދިނުމަށް ބަޔާނެއް ނެރުމަށް އެދިވަޑައިގެންފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރިސްޓިއަނުންގެ ފައްޅިތަކެއްގެ އިތުރުން މަތީފަންތީގެ ހޮޓާތަކަކަށް ދިން އެ ހަމަލާތަކުގައި މިހާތަނަށް 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ.

ގައުމީ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، އެ ހަމަލާތަކުގެ ތުހުމަތުކުރެވޭ މީހުން ހޯދުމަށް ސަލަމާތީ ބާރުތަކުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށްކަމަށް ބުނެ ރައީސް މައިތިރިޕާލާ ސިރިސޭނާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެޅި މި ފިޔަވަޅާއެކު އެގައުމުގެ މަގުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން އަދި ދުއްވާ އެއްޗެއްސަށް އަރާއިރު ކާކުކަން ނޭނގޭ ގޮތަށް ހަރަކާތްތެރިވުން ވަނީ މަނާކޮށްފަ އެވެ.

ލަންކާގައި އަދިވެސް އިއުލާނުކޮށްފައިވާ ކުއްލި ހާލަތުގެ ދަށުން، މިހާރު ގެޒެޓުކޮށްފައިވާ ރައީސްގެ އެ ނިންމުމުގައި ބުނެފައިވަނީ މޫނު ނިވާކުރުމުގެ އިތުރުން، ހާއްސަ ހާލަތުގެ ދަށުން ކަންފަތް ފޮރުވޭ ގޮތަށް ބުރުގާ އަޅައިގެން އާންމު ތަންތަނުގައި ހަރަކާތްތެރިވުމަކީވެސް މަނާކަމެއް ކަމަށެވެ.

ބުރުގާގެ އިތުރުން މުޅި މޫނު ނިވާވާގޮތަށް ހެލްމެޓު އެޅުންވެސް މިހާރު މަނާވާނެ އެވެ. ލަންކާގެ އިސްލާމީ ކަންތައްތަކާ ބެހޭ މައި ޖަމިއްޔާ "އޯލް ސިިލޯން ޖަމިއްޔަތުލް އުލަމާ" (އޭސީޖޭޔޫ) އިން ވެސް ވަނީ ހަމަލާތަކަށްފަހު، މޫނު ބުރުގާ އެޅުން މަނާކުރުމަށް ސަރުކާރަށް ލަފާދީފަ އެވެ.

ނަމަވެސް، ދައިމީކޮށް މޫނު ބުރުގާ މަނާކުރުމަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ލަންކާގައި ދިރިއުޅޭ މުސްލިމުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފަ އެވެ.

އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި ސަލަމާތީ ބާރުތަކުގެ 10،000 އަށް ވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.