ދުނިޔެ

ލަންކާގައި އިތުރު ހަމަލާއެއް ދީފާނެކަމުގެ އިންޒާރު

May 1, 2019
1

ކޮލޮމްބޯ (މެއި 1) - މިދިއަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ބޮމުގެ ހަމަލާތައް ދިން ޖަމާއަތާ ގުޅުންހުރި ބައަކު އިތުރު ހަމަލާތަކެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ލަންކާގެ ސަރުކާރުން ބުނެފި އެވެ.

ކްރިސްޓިއަނުން ފާހަގަކުރި އީސްޓާ ސަންޑޭއާ ދިމާކޮށް ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 250 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެ ގައުމުގައި ކުއްލި ހާލަތު އިއުލާނު ކޮށްގެން، އެ ހަމަލާތަކަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތައް ދަނީ އަދިވެސް ފުޅާ ކުރަމުންނެވެ.

ލަންކާ ސަރުކާރުގެ ތަރުޖަމާނު އަދި ހެލްތު މިނިސްޓަރު ރަޖިތު ސޭނަރަތުނަ ވިދާޅުވީ ކެބިނެޓް މިނިސްޓަރުންނަށް އަމާޒުކޮށް ޖާނުން ގޮއްވާލުމުގެ ހަމަލާތަކެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު އެ ގައުމުގެ ޖާސޫސީ އިދާރާތަކުން ދީފައިވާ ކަމަށެވެ.

އެގޮތުން އަންނަ އާދީއްތަ އަދި ހޯމަ ދުވަހު ހުރިހާ މިނިސްޓަރުން ގޭގައި މަޑުކުރަން ލަފާދީފައިވާ ކަމަށް ވެސް ސޭނަރަތުނަ ވިދާޅުވެފައިވެ އެވެ.

ލަންކާ ސަރުކާރުން މިހެން ބުނެފައިވަނީ، އެ ގައުމުގައި އިތުރު ހަމަލާތަކެއް ދޭން އުޅޭކަމަށް އެމެރިކާ އިން ވެސް އިއްޔެ އިންޒާރުދީފައި ވަނިކޮށެވެ.

"ޓެރަރިސްޓުންގެ ބިރު ލަންކާއަށް އަދިވެސް އެބައޮތް. އީސްޓާ ސަންޑޭގައި ބޮން ގޮއްވި މީހުންނާ ގުޅުން އޮންނަ އެކްޓިވް ގްރޫޕްތައް ފިލައިގެން އަދިވެސް އެބައުޅޭ،" ލަންކާގައި ހުންނަވާ އެމެރިކާ ސަފީރު އަލައިނާ ޓެޕްލިޒް ވިދާޅުވެފައިވެ އެވެ.

އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި ސަލަމާތީ ބާރުތަކުގެ 10،000 އަށް ވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓްވޯކަކުން" އެހީތެރިވެ ދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން، ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތެއްވާކަމަށް ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ.

އައިއެސްއަށް ތާއީދުކުރާ 130 ވުރެ ގިނަ މީހުން ލަންކާގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެ ތެރެއިން ގިނަ މީހުން އަދިވެސް ފިލައިގެން އުޅޭކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ ކުރިން ވަނީ ވިދާޅުވެފަ އެވެ.