ހަބަރު

ސީޕްލޭންގެ މައިގަނޑު ކަނޑުއަޑިން ނަގައިފި، ވެއްޓުނު ސަބަބު އަދިވެސް ނުހޯދޭ

Jul 14, 2015

މި މަހުގެ ދެވަނަ ދުވަހު ކުރެއްދޫ ރިސޯޓް ކައިރިއަށް ވެއްޓުނު ޓީއެމްއޭގެ ސީޕްލޭންގެ މައިގަނޑު ސިފައިން މިއަދު ކަނޑުގެ އަޑިން ނަގައިފި އެވެ.

ކުރެއްދޫ ރިސޯޓަށް ޓޫރިސްޓުން ގޮވައިގެން އައިތަނުން އެ ރިސޯޓާ ދެ މޭލު ބޭރަށް ވެއްޓުނު ސީޕްލޭންގެ މައިގަނޑު ނަގަން ސިފައިން ފީނާފައި ވަނީ ކަނޑުގެ 38 މީޓަރު އަޑިއަށެވެ. ސިފައިން ބުނީ އެ ބޯޓުގެ މައިގަނޑު ސިފައިން މިއަދު ކުރި މަސައްކަތުުން ނަގައި ސިވިލޭވިއޭޝަން ޑިޕާޓްމަންޓާ މިހާރު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި އެ ބައި ނެގުމުގެ ތެރޭގައި އެއް ފިޔަ ބިންދައިގެން ދިޔަ ކަމަށް ވެސް ސިފައިން ބުންޏެވެ.

ޖައްސަން އުޅުމުގެ ތެރޭގައި ބޯޓު ވެއްޓުމާ އެކު އެއްކަދު ހަލާކުވެ، އިރުކޮޅެއްގެ ތެރޭގައި ބޯޓު ވަނީ އެއްކޮށް އަޑިއަށް ގޮސްފަ އެވެ. އެ ހާދިސާގެ ތަހުގީގަށް ބޭނުންވާ ބޯޓުގެ އެހެން ބައެއް ބައިތައް ވެސް ސިފައިން ރިކަވާކޮށް ތަހުގީގު ޓީމާ މީގެ ކުރިން ހަވާލުކޮށްފައިވެ އެވެ. އަދި ބޯޓުން ދަތުރުކުރި ޕެސެންޖަރުންގެ ލަގަޖުތައް ވެސް ހޮވައި، ރިސޯޓާ ވަނީ ހަވާލުކޮށްފަ އެވެ.

ސިވިލްއޭވިއޭޝަނުން ބުނެފައި ވަނީ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރެވޭނީ ކަނޑުގެ އަޑީގައި އޮތް ބޯޓުގެ ބައި ވެސް ނެގިގެން ކަމަށެވެ. ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، އެމަޖެންސީގައި ޖައްސަން އުޅެނިކޮށް ކަމަށް ވެސް މީގެ ކުރިން ބުނެފައިވެ އެވެ. ނަމަވެސް ސިވިލްއޭވިއޭޝަނުން މިއަދުވެސް ބުނީ، ބޯޓު ސީދާ ވެއްޓެން މެދުވެރިވި ސަބަބެއް އަދި ނުޙޯދޭ ކަމަށެވެ. ނަމަވެސް ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދައި މައްސަލަ ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ތިން ކްރޫ އިންނާއި 11 ޓޫރިސްޓުންނާ އެކު ބޯޓު ވެއްޓުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.