ހަބަރު

ޓްރިވެންޑްރަމުގައި މޯލްޑިވިއަން ފްލައިޓެއް ނުފުރިފައި

ޓްރިވެންޑްރަމް އެއާޕޯޓުން މިއަދު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ނުފުރި ގިނަ ބަޔަކަށް އެއާޕޯޓުގައި ތާށިވެއްޖެ އެވެ.

އިންޑިއާގެ ޓްރިވެންޑްރަމް އިން މިއަދު ހެނދުނު 9.30 ގައި ފުރަން ޓްރިވެންޑްރަމް އެއާޕޯޓަށް ގޮސް ހުރި މީހެއްގެ އާއިލާ މީހަކު އަވަސް އަށް ބުނީ އިއްޔެ ފުރަން އޮތް ފްލައިޓު މިއަދަށް ލަސްވުމަށްފަހު ފުރަން އެއާޕޯޓަށް ދިއުމުން ފުރޭގޮތް އަދި ވެސް ނުވާ ކަމަށެވެ.

"އަޅުގަނޑުގެ މަންމަ ފުރަން ގޮސްފި ހެނދު. އަދި ވެސް ނުފުރޭ. މިހާރު މޯލްޑިވިއަންގެ މީހުންގެ އައިސް ނަން ނޯޓް ކުރޭ އެބަ. ބުނަނީ މިރޭ ފްލައިޓުން ފުރޭނެ ގޮތް ހަދައި ދޭނެ ކަމަށް،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ޓްރިވެންޑްރަމުން މިއަދު ފުރަން އޮތް ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން މޯލްޑިވިއަން އިން ވެސް ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފްލައިޓް ފުރުން ލަސްވެފައިވާ ކަމަށެވެ. އަދި މި ފްލައިޓުން ނުފުރި ތިބި މީހުންނަށް އެކޮމޮޑޭޝަން އާއި ކެއުން އަދި ރާއްޖެ އާދެވޭނެ އިތުރު ގޮތެއް ހަމަޖައްސައި ދެމުންދާ ކަމަށެވެ.