ހަބަރު

ސިއްހީ ހާލަތު ދަށްވެ، މާމިގިލީގައި އިހްތިޖާޖު

May 2, 2019
8

ސިއްހީ އެންމެ އަަސާސީ ހިދުމަތް ވެސް ނުލިބޭތީ އދ. މާމިގިލީގައި މިއަދު އިހްތިޖާޖުކޮށްފި އެވެ.

ފަސްހާހެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި ހުންނަ ސިއްހީ މަރުކަޒުން ގިނަ ހިދުމަތްތަކެއް ނުލިބެ އެވެ. އެކްސްރޭއެއް ވެސް ނެގެން ނެތްއިރު، އާދައިގެ ކަންކަމުގައި ވެސް އަންނަން ޖެހެނީ މާލެ ކަމަށް އިހްތިޖާޖުގައި އިންތިޒާމް ކުރި މީހަކު ބުންޏެވެ.

ހިމޭން މި އިހުތިޖާޖު މިއަދު ހަވީރު ކުރިއަށް ގެންދިޔައިރު މިއީ ސިލްސިލާކޮށް ކުރިއަށް ގެންދާނެ އިހުތިޖާޖުތަކެއް ކަމަށް އިސްކޮށް އުޅޭ ޒުވާނަކު ބުންޏެވެ. އިހުތިޖާޖުގެ ބޭނުމަކީ ރަށުގެ ސިއްހީ ހާލަތު ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

އިހުތިޖާޖުކޮށްފައިމިވަނީ އެ ރަށުގެ އެއާޕޯޓްގައި އިއްޔެ ބޮޑު އެކްސިޑެންޓެއް ހިނގައި އެކަކު މަރުވެފައިވަނިކޮށެވެ. ފަޔާ ލޮރީއިން ޖެހިގެން ހިނގި އެކްސިޑެންޓްގައި 30 އަހަރުގެ އަހުމަދު ރަޝީދު މަރުވެފައިވާއިރު އޭނާއަށް އެކަށީގެންވާ ފަރުވާ އެ ރަށުން ނުލިބުނު ކަމަށް އާއިލާއިން ވެސް ތުހުމަތުކުރެ އެވެ.

އަހުމަދު ރަޝީދަށް ބޭރު ފުށުން މާބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އޭނާ މި ދުނިޔެ ދޫކުރީ އެތެރެ ހައްޓަށް ލިބުނު ގެއްލުމުގެ ސަބަބުންނެވެ. އެ އަނިޔާތަކަށް އެ މުރުކަޒުގައި ފަރުވާއެއް ނެތެވެ.